ހޫތީން ފުރަތަމަ ފަހަރަށް އަޒްރޭލަށް ހަމަލާއެއްދީފި
ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން، އިޒްރޭލާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ ހަނގުރާމަ ފެށުނުތާ މަހެއްހާ ދުވަސް ފަހުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ޔަމަނުން ފޮނުވާލި މިސައިލެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ.
ހޫތީން ދިން މި ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާއަކަށް ފަހުގައެވެ. އެމެރިކާ އާއި ސައުދީގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި އެ ހަމަލާގައި އެމެރިކާގެ ބައެއް ސިފައިން ޒަހަމްވެ، ތެޔޮ އަޅައިދޭ ބައެއް މަތިންދާބޯޓުތަކަށް ވަނީ ގެއްލުން ވެފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނި ގޮތުގައި، ހަނގުރާމަ ނިމުމުން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން އީރާނުން ފީ ނެގުން ހުއްޓުވުމެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި ދުނިޔެއަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން ހަނގުރާމަ އަދި ދެ ހަފްތާއާއި ހަތަރު ހަފްތާއާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.
މި ހަމަަނުޖެހުންތައް މައިތިރިކުރުމުގެ މަގުސަދުގައި ތުރުކީ، މިސްރު އަދި ސައުދީ އަރަބިއްޔާއާ އެކު ސަމިޓެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޕާކިސްތާނުން ވަނީ ހާމަކޮށްފައެވެ. މިއީ އެމެރިކާއިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ދޭނެ ޖަވާބަކަށް މެދުވެރިން އިންތިޒާރު ކުރަމުންދާ ދަނޑިވަޅެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު ދުވަހު ބުނި ގޮތުގައި، އީރާނާއެކު ހިނގަމުންދާ ހަނގުރާމައަށް ހަތަރު ހަފްތާ ވެފައިވާއިރު، އެމެރިކާގެ 300 އަށްވުރެ ގިނަ ސިފައިންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
އީރާނުގެ ހަކަތަ އުފައްދާ ދާއިރާއަށް ހަމަލާދިނުން މަޑުޖައްސާލުމަށް ޓްރަމްޕް ނިންމެވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އަނެއްކާވެސް މައްޗަށް ގޮސް ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ހިއްސާގެ ބާޒާރު ވަނީ ދަށަށް ގޮސްފައެވެ.
- މަސްދަރު: ވޯލްޑް ސްޓްރީޓް ޖާނަލް




