މަސްބޯޓެއް ބަންޑުންޖަހާލައިގެން 39 މީހަކު ގެއްލިއްޖެ

މަސްބޯޓެއް ބަންޑުންޖަހާލައިގެން 39 މީހަކު ގެއްލިއްޖެ

ޗައިނާގެ މަސްވެރި އުޅަނދެއް ކަމަށްވާ "ލޫ ޕެންގް ޔުއާން ޔޫ 028" އިންޑިއާ ކަނޑަށް ބަންޑުން ޖަހާލައިފިއެވެ. އަންގާރަ ދުވަހުގެ ރޭގެ މެންދަމު 3 ޖަހާ ކަންހާއިރު ބަންޑުން ޖަހާލި މަސްބޯޓުން 39 މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ގެއްލިފައި ވަނީ ޗައިނާގެ 17 މީހުންނާއި އިންޑޮނޭޝިއާގެ 17 މީހުންނާއ ފިލިޕީންސްގެ ފަސް މީހުންނެވެ. ޗައިނާގެ ލީޑަރު ޝީ ޖިންޕިންގް ވަނީ މި މީހުން ހޯދާ ސަލާމަތް ކުރުމަށް ހުރިހާ މަސައްކަތެއް ކުރުމަށް އަމުރު ކުރައްވާފައެވެ.

ސާޗް އެންޑް ރެސްކިއު ޓީމްތައް މިހާރު ދަނީ އެ ސަރަހައްދަށް ގޮސް މީހުން ހޯދުމަށް ހަރަކާތްތެރި ވަމުންނެވެ. މީގެ މިތުރުން ޗައިނާގެ ދެ އުޅަދަކާއި އޮސްޓްރޭލިއާ އާއި އަދިވެސް އެހެން ޤައުމުތަކުގެ އުޅަނދުފަހަރު ވެސް މިހާރު ވަނީ މީހުން ހޯދުމުގައި ބައިވެރިވެފައިއެވެ.

ގެއްލުނު ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކު އަދި ފެނިފައެއް ނުވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޮސްޓްރޭލިއާގެ މެރިޓައިމް ސަރޗް އެންޑް ރެސްކިއު ޑިޕާޓްމަންޓުން ވަގުތުން މަތިންދާބޯޓު ފޮނުވައި އެ ތަނުން ދަތުރުކުރާ އުޅަނދުތައް ކޯޑިނޭޓްކޮށް މީހުން ހޯދުމުގެ މަސައްކަތް ފަށާފައި ވާތީ އޮސްޓްރޭލިއާގެ މެރިޓައިމް ސަރޗް އެންޑް ރެސްކިއު ޑިޕާޓްމަންޓަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ. އުންމީދަކީ ވަށައިގެންވާ ގައުމުތަކުން ޗައިނާއާ ގުޅިގެން ޖޮއިންޓް ސާޗް އެންޑް ރެސްކިއު ކުރިއަށް ގެންދިއުންކަމަށެވެ.

އަދި އެމީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ އުންމީދު ދޫކޮށްނުލާނެ ކަމަށްވެއެވެ. އިތުރު ސަލާމަތީ ޓީމުތައް މީހާރު ދަނީ އެދީމާލަށް ދަތުރު ކުރަމުންމެވެ.