ސިންވާރު ނުފެނުމުން ރުޅިބާލަނީ ކުޑަކުދިންނާ އަންހެނުންނަށް!

ސިންވާރުގެ މައުލޫމާތުދޭ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް

ސިންވާރު ނުފެނުމުން ރުޅިބާލަނީ ކުޑަކުދިންނާ އަންހެނުންނަށް!

ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ފަލަސްތީނު މިނިވަންކުރާ ޖިހާދީންގެ ޖަމާއަތެކެވެ. ޖަމާއަތުގެ މައިމަރުކަޒު ހުންނަނީ ގައުމުން ބޭރުގައެވެ. ހަމާސް ޖަމާއަތުގެ ލީޑަރ އިސްމާއީލް ހަނިއްޔާވެސް އުޅުއްވަނީ ގައުމުން ބޭރުގައެވެ. ފަލަސްތީނުގެ ގައްޒާގައި ވެރިކަން ކުރަނީ ހަމާސްއިންނެވެ. ފަލަސްތީނުގައި ހުންނަ ހަމާސް ޖަމާއަތުގެ އެންމެ އިސް ލީޑަރަކީ އަދި އިސް އަސްކަރީ ކޮމާންޑަރަކީ ޔަހްޔާ ސިންވާރެވެ.

ޔަހްޔާ ސިންވާރަކީ އިޒްރޭލު ބުނާ ގޮތުގައި ޓެރެރިސްޓެކެވެ. މުޖުރިމެކެވެ. ކުށަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯއްދެވުމަށާއި، އިސްތިއުމާރީ އިޒްރޭލުގެ ކިބައިން އަމިއްލަ ވަޒަން ދިފާއުކޮށް މިނިވަންކުރުމަށް ޖިހާދުކުރެއްވުމެވެ. އިޒްރޭލުން ތުހުމަތަކީ އިޒްރޭލަށް އެތައް ހަމަލާއެއް ދިނުމާއި އިޒްރޭލު މީހުން މެރުމެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގައި ހިންގާ ކަންކަމުގެ އެންމެ އިސް މޭސްތިރިއަކީ ޔަހްޔާ ސިންވާރު ކަމަށައި އޮކްޓޫބަރު 7 ގައި އިސްރާއީލަށް ދެވުނު ހަމަލާ ރާވައި ހިންގީވެސް ޔަހްޔާ ސިންވާރު ކަމަށް އިޒުރޭލުން ތުހުމަތު ކުރެއެވެ.

އިސްރާއީލުން އެތައް ފަހަރަކު ޔަހްޔާ ސިންވާރު ހައްޔަރުކޮށް ޖަލަށް ލާފައިވެސްވެއެވެ. ޔަހްޔާ ސިންވާރު މައްޗަށް ހަތަރު ފަހަރެއްގެމަތިން އުމުރަށް ޖަލަށްލުމަށް އިސްރާއީލުގެ ކޯޓުތަކުން ހުކުމްކޮށްފައިވެއެވެ. އެންމެ ފަހުންވެސް ސިންވާރު މިނިވަން ވެފައިވަނީ ހަމާސްގެ އަތްދަށުވި އިސްރާއީލު ސިފައިންގެ މީހަކު މިނިވަންކުރުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ސިންވާރު އަވަހާރަ ކޮށްލުމަކީ އިސްރާއީލު ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. މިހާރު އިޒުރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގެ ކުރިންވެސް އިސްރާއީލުންވަނީ ޔަހްޔާ ސިންވާރާއި އޭނާގެ އާއިލާއަށް އަމާޒުކޮށް އުދުވާނީ އެތައް ހަމަލާއެއް ދީފައެވެ. ބައެއް ހަމަލާތަކުގައި ސިންވާރުގެ އާއިލާގެ ބައެއް މެމްބަރުން ޝަހީދުވެސް ވެފައިވެއެވެ.

ޔަހްޔާ ސިންވާރު ހުންނެވި ތަނެއްގެ މައުލޫމާތުދޭ ފަރާތަކަށް އިސްރާއީލުން އެތައް ފަހަރެއްގެމަތިން އެތައް މިލިއަން ޑޮލަރެއް ވެސް ހުށަހަޅާފައިވެއެވެ. ޔަހްޔާ ސިންވާރަކީ ގައްޒާއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ގައްޒާގެ މަގުމައްޗަށް ނުކުމެވަޑައިގެން އާންމުންނާއެކު އުޅުއްވާވެސް ހައްދަވައެވެ. ނަމަވެސް އިޒްރޭލަށް ޔަހްޔާ ސިންވާރު އަތުލައިގަނެވޭ ގޮތެއް ނުވެއެވެ. 

ގައްޒާގެ ރަފަހަށް މިހާރު ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާނުލައި އިޒްރޭލުން އިތުރަށް ވަރުގަދަކުރަމުން ގެންދަނީވެސް ޔަހްޔާ ސިންވާރު އަތުޖެހޭތޯއެވެ. ސިންވާރު މިހާރު ހުންނެވީ ރަފަޙުގައި ހިމާޔަތް ހޯއްދަވައިގެން ކަމަށް އިޒްރޭލުން ދެކެއެވެ. ޔަހްޔާ ސިންވާރު އަތުލައިގަތުމަކީ އެމެރިކާވެސް ވަރަށް ބޮޑަށް ބޭނުންވާކަމެކެވެ. ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމުން ނުވަތަ އަތުލައިގަނެވުމުން ފަލަސްތީނުގެ މުޖާހިދުން ބަލިވެ ހަނގުރާމައިން އިޒްރޭލަށް ކާމިޔާބީ ލިބިގެން ދާނެކަމަށް އިސްރާއީލާއި އެމެރިކާ ދެކެއެވެ.

މުޅި ގައްޒާއަށް އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން އުދުވާނީ ހަމަލާތައް ދެމުންގެންދާތާ މިއަދަށް 234 ދުވަސް ވެގެންދިޔައިރު، ހަމާސްގެ ހަރަކާތްތަކެއް ހުއްޓުވައެއް ނުލެވުނެވެ. ހަމާސްގެ އެއްވެސް ލީޑަރެއް އަތެއް ނުވިއެވެ. ރަފަހުގައި އދގެ އޭޖެންސީން ބަލަހައްޓާ ރެފިއުޖީ ޓެންޓަކަށް އަލިފާންބޮންއަޅައި އެތައް ކުޑަކުދީންނާއި އަންހެނުން ހިމެނޭހެން 45 މީހުން ދިރިތިއްބައި އަންދާލުމުން ވެސް ޔަހްޔާ ޝިންވާރު އަތުވިތާ ހަމާސްގެ އެހެން ލީޑަރަކުވެސް އަތެއް ނުލެވުނެވެ. އެންމެ ފަހުން ބުނާނެ އެއްޗެއް ނޭނގިގެން ބުނީ ހަމާސްގެ 2 އޮފިޝަލުން މަރާލެވުނު ކަމަށެވެ.  މިކަމުންވެސް ރަފަޙްގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާގެ ފަހަތުގައިވަނީ ކޮންކަމެއްކަން ވަރަށް ސާފުކޮށް އެނގޭ.

ހަމާސްގެ ވެރިން އަތުނުވުމާއި ހަމާސްގެ ބާރު ކަނޑުވާނުލެވިގެން ނަތަންޔާހޫ ރުޅިބާލަމުން ގެންދަނީ، ގައްޒާގެ އާންމުންނާއ ކުޑަކުދިންނާއި އަންހެނުންނަށެވެ.