އަފުގާނިސްތާނުން 400 މީހުން މަރުވެ 250 މީހުން ޒަހަމްވެއްޖެ
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ ހޮސްޕިޓަލަކަށް، ހޯމަ ދުވަހުގެ ރޭ ދަންވަރު ޕާކިސްތާނުން ދިން ކަމަށް ބުނާ ވައިގެ ހަމަލާއެއްގައި މަދުވެގެން 400 މީހުން މަރުވެ، 250 އެއްހާ މީހުން ޒަހަމުވެފައިވާ ކަމަށް ތާލިބާން ސަރުކާރުގެ އޮފިޝަލުން ހާމަކޮށްފިއެވެ. މި ހަމަލާގެ ސަބަބުން 2000 އެނދުގެ ޖާގަ އޮންނަ އެ ހޮސްޕިޓަލުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ.
އަފްގާން ސަރުކާރުން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޕާކިސްތާނުން އާންމުންނަށް ފަރުވާދޭ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީ، އަފްގާނިސްތާނުގެ ވައިގެ ސަރަހައްދަށް އުދުވާނީ ގޮތެއްގައި އަރައިގަނެފައިވާ ކަމަށް އަފުގާނުން ވަނީ ތުހުމަތުކޮށްފައެވެ. މިއީ "އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް" ކަމަށް ސަރުކާރުގެ ތަރުޖަމާނަކު ވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް، ޕާކިސްތާނުން މި ތުހުމަތުތައް ދޮގުކުރެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކުން ބޭނުންކުރާ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް އެކަންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ހަފުތާތަކުގައި ދެ ގައުމުގެ މެދުގައި ކުރިމަތިލުންތައް ހިނގަމުންދާއިރު، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތީ "ފާޅުކަން ބޮޑު ހަނގުރާމައެއް" ކަމަށް ވިދާޅުވެފައެވެ.




