ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ނުރައްކާތެރި ތޫފާނެއް

ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ނުރައްކާތެރި ތޫފާނެއް

ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ކެޓަގަރީ 5 ގެ ބާރުގަދަ ތޫފާނެ ކަމަށް ވާ " ސައިކްލޯން  މޯޗާ" އަރަމުން އެބަދެއެވެ.

މި ތޫފާން މޯޗާގައި ވަރަށް ބޯކޮށް ވާރޭވެހި ބާރަށް ވައިޖެހި ވަރަށް ވައިގަދަވާނެވެ. މި ތޫފާނުގެ ބިރުވެރިކަން އެންމެ ބޮޑީ މި ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ކޮކްސް ބާޒާރަށެވެ. މިތޫފާނުގެ ސަބަބުން މިހާތަނަށް ވަނީ 500 އަށް ވުރެ ގިނަ ހިޔާތައްކަށް ގެއްލުން ލިބިފައިއެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވެ އުދައެރުން ވެސް އެސަރަހައްދަށް ދަނީ ކުރިމަތި ވަމުންނެވެ. ގިނަމީހުން މިހާރު ދަނީ ވަގުތީ ހިޔާތައް ހަދައިގެން އެ ތަންތަނަށް ބަދަލު ވަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބަންގްލަދޭޝްގެ އިރުދެކުނު ސަރަހައްދުން 5 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކޮފައިއެވެ.

ކޮކްސް ބާޒާރުގައި ދިރި އުޅޭ ރެފިއުޖީން ދިރިއުޅެމުން ދަނީ ބޭންބޫއިން ހަދާފައިވާ އަޅޯ ހިޔާތަކުގައެވެ. މި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ކޭމްޕްތަކުގެ ތެރޭގައި ހުރި ކޮމިއުނިޓީ ހިޔާތަކަށް ބަދަލުކޮށްފައިއެވެ. އެ ތަންތަނުން އިތުރު ރައްކާތެރިކަމެއް އެމީހުނަށް ނުލިބޭކަމަށް ހަބަރުތައްލިބެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ރެފިއުޖީން ކޭމްޕްތަކުން ބޭރަށް ނުކުތުން މަނާކޮއްފައިއެވެ. އަދި  ދާއިމީ އިތުރު ތަންތަން އެޅުން ވެސް މަނާކޮއްފައިއެވެ.

މި ތޫފާނުގެ އަސަރު މިލިއަނެއްހާ ރޮހިންޔާ ރެފިއުޖީންނަށް ވެސް ދަނީ ކުރިމަތި ވަމުންނެވެ. ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޔަންމާގެ ރާޚައިން ސްޓޭޓްގައި ގަހެއްވެއްޓި 14 އަހަރުގެ ކުއްޖަކު ވެސް ވަނީ މަރުވެފައިއެވެ. މީގެ އިތުރުން މިޔަންމާގެ އެކި ހިސާބުތަކުގައި އިމާރާތްތައް ހަލާކުވެ ވެއްޓިފައިވާ ކަމަށް ވެސް ރިޕޯޓްތައްބުނެއެވެ.

 

މިތޫފާން ވެގެންދާނީ މި ދިޔަ 20 އަހަރު ތެރޭގައި ބަންގްލަދޭޝްގައި ފެނުނު އެންމެ ބާރުގަދަ ތޫފާން ކަމަށް މޫސުންލަފާކުރާ ފަރާތްތަކުން އިންޒާރު ދީފައިވޭއެވެ.