9 ވަނަ ބުރިން ފުންމާލައިގެން 3 އަންހެން ކުއްޖަކު މަރުވުން

9 ވަނަ ބުރިން ފުންމާލައިގެން 3 އަންހެން ކުއްޖަކު މަރުވުން

އަންގާރަ ދުވަހުގެ ދަންވަރު 2 ޖަހާކަންހާއިރު، ގާޒިއާބާދުގައި ހުންނަ އެޕާޓްމަންޓް އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން ތިން އަންހެން ކުއްޖަކު ފުންމާލައިގެން މަރުވި ހާދިސާއާއެކު މުޅި އެ ސަރަހައްދަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު މަންޒަރު ދުށް އަވަށްޓެރިއަކު ވަނީ އެ ވަގުތު ފެނުނު ބިރުވެރި އަދި ހިތްދަތި މަންޒަރުތައް ސިފަކޮށްދީފައެވެ.

އަވަށްޓެރިޔާ ކިޔައިދިން ގޮތުގައި، ދަންވަރުގެ އެފަދަ ވަގުތެއްގައި ބެލްކަންޏެއްގެ ބޮކި ދިއްލާފައި ހުރުމުން އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިގެން ބެލިއިރު، ފުރަތަމަ ހީވީ ދެމަފިރިއަކު އެމީހުންގެ ދަރިފުޅާއެކު އަމިއްލައަށް މަރުވާން އުޅެނީ ކަމަށެވެ. ދުރުން ބަލާއިރު ބެލްކަނީގެ ރެއިލިންގް ކައިރީގައި މީހުންތަކެއް ތިބި ތަން ފެނުނު ކަމަށާއި، އޭގެ ތެރެއިން އެކަކު އަނެކަކު ހިފަހައްޓަން މަސައްކަތް ކުރާހެން ހީވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެއީ އެއްބަނޑު އެއްބަފާ ތިން އަންހެން ކުދިންކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ.

މަންޒަރު ދުށް މީހާ ބުނި ގޮތުގައި، އެތަނުން އެއް އަންހެން ކުއްޖަކު ރެއިލިންގް މަތިން ފޭބުމަށްފަހު އަލުން އޭގެ މަތީގައި އިށީނެވެ. އެއާއެކު އަނެއް ކޮއްކޮ ފަހަތުން އައިސް އެ ކުއްޖާގެ ގައިގައި ބައްދާލިއެވެ. ތިންވަނަ ކުއްޖާ އެމީހުން ފަހަތަށް ދަމައިގަންނަން މަސައްކަތް ކުރި ނަމަވެސް، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ތިން ކުދިން އެކުގައި ތިރިއަށް ވެއްޓުނީއެވެ.

މި ހާދިސާ ފެނުމާއެކު އެމީހާ ވަގުތުން ތިރިއަށް ދިޔައެވެ. އަދި ކަމާބެހޭ ފަރާތްތަކަށާއި، ފުލުހުންނަށް އަދި ސެކިއުރިޓީ ގާޑުންނަށް އެކަން އެންގިއެވެ. ނަމަވެސް، އެ ސަރަހައްދުގެ މީހުން އެތަނަށް އެއްވިއިރު، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން އެ ތިން ކުދިން ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ މީހުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، އެފަދަ ނުރައްކާތެރި ފިޔަވަޅެއް އެ ކުދިން އަޅާފާނެ ފަދަ އެއްވެސް ނިޝާނެއް ކުރިން ފެނިފައިނުވާ ކަމަށް އަވަށްޓެރިން ބުނެއެވެ.

 ފުލުހުން ވަނީ މަރުވި މީހުންގެ ހަށިގަނޑުތައް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ. އަދި ފޮރެންސިކް ތަހުލީލުތައް ކުރުމަށްޓަކައި އެ މީހުން ދިރިއުޅުނު ފްލެޓުން މޮބައިލް ފޯނުތައް ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ތަރުތީބުން ދެނެގަތުމަށްޓަކައި، އާއިލާގެ މެންބަރުންނާއި، އަވަށްޓެރިންގެ އިތުރުން ރައްޓެހިންނާ ސުވާލުކުރަމުންދާއިރު، ތަހުގީގު ކުރާ ފަރާތްތަކުން ދަނީ މިކަމުގައި ބެލެވެން ހުރި ހުރިހާ ދިމާލަކަށް ނަޒަރު ހިންގަމުންނެވެ. މީގެ ތެރޭގައި، އޮންލައިންކޮށް ކުޅޭ 'ޓާސްކް ބޭސްޑް' ގޭމަކާ މި ހާދިސާއާ ގުޅުމެއް އޮތްތޯ ބެލުން ވެސް ހިމެނެއެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އަދި ޑިޖިޓަލް ވަސީލަތްތަކާއި އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް ފަރުވާތެރިކަމާއެކު ދަނީ ތަހުގީގު ކުރަމުންނެވެ.