ދަރަނި ދަންތުރައިގާ ފަނާވާންވީ އާއްމު ރައްޔިތުން!؟
ބުނެ އިންޒާރު ކުރަމުން ދަނީ އާއްމު ރައްޔިތުން ހިތިބޭސް ބޯން
ރައީސް މައުމޫނު ވެރިކަމުން ބޭލީ ގައުމު ދަރާވިކިގެންނެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ބޮލަށްވެސް ދަރަނި ނަގާ ގައުމު ބޯހިކެން ނެތިގެންނެވެ. ރައީސް ނަޝިދު ވެރިކަމުން ވައްޓަލީ ދަރަނި މައްޗަށް ދަރަނި ނަގާ ހަރުމުދާ ވިއްކާތީއެވެ. ރައީސް ޔާމީނު ވެރިކަމުން ބޭލީވެސް ގައުމު ދަރަނި ދަންތުރައަށް މަހާލުމުންނެވެ. ދަރަނިން ބޯހިކެން ނެތިގެންނެވެ. ރައީސް ސޯލިހަށްވެސް ޖެހިވަޑައިގަތީ ހަމަ އެދަތުރެވެ. ވެރިކަން ވެއްޓުމާއި ބަދަލުވުން ގުޅިފައިވަނީ ދަރަނި ދަންތުރައާއެވެ.
ވެރިކަން ބަދަލުކުރާ ލަވައިގެ ބުން ހަމަވަނީ ދަރަނި ދަންތުރައިގެ ވާހަކަ ދައްކައިގެންނެވެ. ތަކެތީގެ އަގު ބޮޑުވުމާއި ސަރުކާރު މުއައްޒަފުން ގިނަވުމާއި އިސްރާފު ބޮޑުވުމުގެ ވާހަކަ އަކީ އެއިރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް އެންމެ ގަދަޔަށް ދައްކާ ވާހަކައެވެ. ސިޔާސީ ޕޯޑިއމްތަކުގައި ވާދަވެރިން ގައުމުގެ ހާލަތާ ގުޅުވާ ދައްކާ ވާހަކައިން ފިތްކަނޑައިގެން ދާވަރުވެއެވެ. ދެންމެ ދެންމެ މުޅި ގައުމުއެކީކަށް ބަނޑަށްޖެހި އަމިއްލައަތުން ކަށްވަޅު ކޮނެގެން އެރި ތިބޭވަރު ކޮށްލައެވެ.
ވާދަވެރިން ކޮންމެ ވާހަކައެއް ދެއްކިޔަސް ދަރާވިކި ގޮތް ހުސްވެގެން އެއްވެސް ސަރުކާރަކުން އުޅޭތީއެއް ނުފެނެއެވެ. ސަރުކާރުތަކުން އެކަންކަން އަބަދުވެސ ދޮގުކުރެއެވެ. ރައްޔިތުންނަށް އުންމީދުދެއެވެ. ޔަގީންކަން ދެއެވެ. ގައުމު ހަމަ މަގުގައި އޮތްކަމަށް ބުނެއެވެ. ރާއްޖޭގެ އިގުތިސާދަށް އަރާކޮންމެ ލޮޅުމެއް ގުޅުވާލަނީ އެއިރަކު ދުނިޔޭގެ އިގްތިސާދަށް އަރާލޮޅުންތަކާއެވެ.
އެއްވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާ ދުވަސްކޮޅު ކުރީ ސަރުކާރު ބޮލަށް ކަންކަން ކަނޑަމުން ބައެއް ކަހަލަ އުދަގޫ ފިޔަވަޅުތައް ސަރުކާރުތަކުން އަޅަމުންއައެވެ. ދަރަނި ދައްކަމުން ދަރަނި ނަގަމުން ދަރަނި އަދާކުރުން ފަސްކުރުވަމުން އެކިޒާތުގެ ލުއިތައް ސަރުކާރު ތަކުން ހޯދައެވެ. ވާދަވެރިން ބުނާކަހަލަ ހިތި ބޭހެއްބޯކަށް ނުޖައްސައެވެ. ގައުމު ބަނޑަކަށް ނުޖައްސައެވެ. ރައްޔިތުންގެ ހެވާލާބައަށް ކުރަމުން އައި އެއްވެސް ކަމެއް ނުހުއްޓައެވެ.
ރައީސް ނަޝީދުވެރިކަމުގައި ސިވިލް ސަރވިސް މުސާރައިން ކުޑަ މިންވަރެއް ހިފަހައްޓާލުން ފިޔަވާ އެނގުންވާވަރު އެއްވެސް ކަމެއް ކުރީގެ ސަރުކާރަކުން ނުކުރެއެވެ. ކޮވިޑްގެ އާލަމީ ވަބާގައިވެސް ސަރުކާރު މުއައްޒަފުން ގޭގައި ތިބީ ހަމަ މުސާރައިގައެވެ. ސަރުކާރުން ފަށާފައިވާ އެއްވެސް ކަމެއް ނުނިންމާ ހުއްޓައެއް ނުލައެވެ. ދަރާވިކިގެން ކަމެއް ވާކަށްނެތޭ ކިޔައިގެން ކުރީގެ ސަރުކާރުތަކުން ނޫޅެއެވެ. އިގްތިސާދީ ލޮޅުންތައް ހައްލުކުރަނީ ރައްޔިތުންނަށް އުންމީދާ ޔަގީންކަން ދެމުންނެވެ.
އިގުތިސާދު ފުންވަޅުގަޑެއްގަައި އޮތްކަމުގެ ރަނގަބީލު ޖަހަމުން ވެރިކަމަށް އެރި މުއިއްޒު ވެސް އެކަމަށް ފަރުވާލެއްނެތެވެ. ކުރަނީ ކުރާނެ ކަމެކެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އެއްްވެސް ކަމެއް ނުކުރެއެވެ. ކޮރަޕްޝަނާއި އިސްރާފު އިންތިހާއެވެ. ސަރުކާރުގެ މަތިބަރުކަން ހައްދު ފަހަނައަޅާފައެވެ. ދެއްކުންތެރިކަމާއި ހައިބަތު ބޮޑުކުރުމަށް ކުރެވޭ ހޭދަ ބޮޑުތަނުން ކުރީ އިތުރެވެ. އާއްމުން ހިދުމަތްތަކުން ނަގާ އަގު ކުރަނީ ބޮޑެވެ. ކުރީސަރުކާރުން ބޮޑުކުރި ޖީއެސްޓީއެއް ކޮތަޅު ޓެކްހެއް ކަނޑައެއް ނުލެވުނެ. ކުރިން ފަށާފައިވާ އަސާސީ ހިދުމަތް ގާއިމުކުރުމުގެ ގިނަ މަޝްރޫއުތައް ހުއްތާލާ ދައުލަތަތުން އެކަންކަމަށް ކޮށްފައިވާ ހޭދަ ކޮށްލަނީ ބޭކާރެވެ. ބުނެ އިންޒާރު ކުރަމުން ދަނީ އާއްމު ރައްޔިތުން ހިތިބޭސް ބޯންޖެހޭކަމަށެވެ. އެކަމަކު ވެރިން އާސްމާނުގައެވެ. އާއްމުން ދަރަނި ދަންތުރާގައެވެ.