ބަޖެޓުން ކޮންރަށެއްގައި ކުރާނީ ކީއްކަން އެގޭނެ ގޮތެއްނެތް
ބަޖެޓަށް ވާނުވާ އެނގޭ ޒާތުގެ ހުށަހެޅުންތައް ކުރީ ކެންސަލް
17 ނޮވެންބަރ 2023 ގައި މުއިއްޒު ވެރިކަމާ ހަވާލުވީ ފަހުން މިހާތަނަށް 60 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިވެހި ދައުލަތުން ވަނީ މުއިއްޒުވެފައެވެ. ހެދިއެއް ނުހެދިއެއް ނޭގެއެވެ. ކުރިކަމެއް ހޭދަހުރި ގޮތުގެ ތަފްސީލެއް ނޭގެއެވެ. އަދުރޭ ބުނާ ނުފެންނަ އަތްނުލެވޭ ކާމިޔާބީ ތަކަށް 60 ބިލިޔަން ތަޅާ ބުރުވާލި ގޮތެއް ދެނެ ވޮޑިގެންވަނީ މާތް ރަސްކަލާނގެއެވެ. އެހުރިހާ ފައިސާ ހޭދަކުރިގޮތް އެނގޭ އާދަމު ދަރިއަކު އުޑު ބަޅު ކުރެއްވި ހިސާބުގައި އުޅޭ ކަމަކަށް ނުވެއެވެ.
އަނެއްކާވެސް އަނެއް 56.6 ބިލިއަން ރުފިޔާ މުއިއްޒު ދަވާލަން ދޭން ނިންމީއެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައެވެ. ބަޖެޓް ފާސްކުރީ މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހުން ކަމަށްވިޔަސް އޭގެ ތެރޭގައި ވެސް ބަޖެޓަށް ވާނުވާ އެނގެލަން ބޭނުން މީހުން އުޅެއެވެ. އެހެންވެ ބަޖެޓަށް ވާނުވާ ކޮންމެވެސް ވަރަކަށް އެގޭވަރުގެ ހުށައެޅުން ތަކެއް ހިމެނުމަށް ބަޖެޓް ދިރާސާކުރި ކޮމިޓީން އެދުނެވެ. އާހިރުގައި ބަޖެޓަށް ވާނުވާ ކުޑަކޮށްވެސް އެގޭ ޒާތުގެ ހުށަހެޅުމެއް ވިއްޔާ ބަޖެޓް ފާސްކުރިއިރު ވަނީ އުނިކޮށްލާފައެވެ. އެގޮތުން ފާސްނުކޮށް ދޫކޮށްލި މުހިންމު އެއްކަމެއް ފާހަގަކޮށްލަމާ ހެއްޔެވެ.
- ބަޖެޓުން އަލަށް ފަށާ މަޝްރޫއުތަކުގެ ލިސްޓެއް، މަޝްރޫއު ހިންގާ ރަށްތައް އެނގޭ ގޮތަށް ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ހުށަހަޅަން ފާސްނުވީ ރައްޔިތުން އެކަންކަމާމެދު ސުވާލު އުފައްދާ ޖަވާބު ދާރީ ކުރުވަން މަސައްކަތް ކުރާނެތީ އެކަން ވިޔަނުދޭށެވެ.
- އެކިއެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުދާނެ މަޝްރޫއުތަކުގެ ލިސްޓެއް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހާ ހިއްްސާކުރަން ބޭނުން ނުވާތީ އެކަމެއްވެސް ފާހެއް ނުކުރިއެވެ.
- ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހަޅާހަކަށް ވެސް ފާހެއް ނުކުރިއެވެ.
ރައްޔިތުންނަށް ހެވެއް އެދިގެން ރައްޔިތުންގެ ފަޅީގައި ހުރިވެރިއަކު މިހާވަރަކަށް ރައްޔިތުންނަށް ކަންކަމެއް ސިއްރެއް ނުކުރާނެއެވެ. އިހުޒަމާނުގައި ރަށްރަށު ކާޑުގެއަށް ފުނިން ކާށިބަހާހެން 21ވަނަ ގަރުނުގައި ބަޖެޓް ބަހަން އުޅޭނީ ބޮޑުތަނުން އޮޅުވާލާ ފުޅިއްސާލުމަށެވެ. ރައްޔިތުންނާ ގުޅުންހުރި މިވަރުކަންކަން މަޖިލީހާ ހިއްސާ ނުކުރާން ނިންމާނީ ގައިމު ސިއްރު ސިއްރުން ދައުލަތް ދަވާލުމުގެ ނިޔަތް ކިހާ ބޮޑަކަށް އޮވެގެން ހެއްޔެވެ.
ބިޔަ ބޮޑު ބަޖެޓުން އަންނަ އަހަރު ކުރާނީ ކޮންރަށެއްގައި ކީއްކަމެއް އެގޭނެ ގޮތެއް ނެތެވެ. ބެލޭނެ ގޮތެއް ނެތެވެ. ރައްޔިތުން އިންތިހާބުކުރި ދާއިރާ މެންބަރު ރައްޔިތުންނަށް ދެވޭނެ ޖަވާބެއް އަދި ރައްޔިތުންގެ ހައްގުގައި ކުރެވޭނެ ކަމެއްވެސް ނެތެވެ.