ނޫން ގޮތެއް ހޯދަން އުޅެވުނު ގޮތަކުން ދެ މޮހަނދުގެ ގޮއްޖެހުން!

ނޫން ގޮތެއް ހޯދަން އުޅެވުނު ގޮތަކުން ދެ މޮހަނދުގެ ގޮއްޖެހުން!

މީސް މީހުންގެ ހަގީގީ ސޫރަ ލޯތަކަށް ދައްކާ ދެއްވަނީ އެކި ފަހަރު އެކި ގޮތަށެވެ. ތިމާމެންގެ ތެރެއިން ތިމާ ނޫން މީހަކަށް ބާރު އޮތުމަށް ނުރުހުމުން މީހުނަށް ވާގޮތް ދެކޭށެވެ. 

ތިމާ ހުއްޓާ ތިމާމެންގެ ތެރެއިން އެހެން މީހަކު ކެޔޮޅަކަށް ހުރީތީ ތިމާ އަރާއިން އޮޑި ފައްތާލަން އުޅެން ޖެހެލުމެއް ނުވިއެވެ. ކަނޑު ގަދަޔަސް ބޮޑު ރިޔަލުގައި ނުހަނު ހަލުވި ދުވެލީގައި އޮޑި ދުވެދުވެ ހުއްޓާ އޮޑި ދުއްވާ މިސްރާބު ކަމުދާ ކަމަކަށް ނުވިއެވެ. ބަނޑު ރިޔަލު ފެނުއެޅުނަ ނުދީ ކެޔޮޅާއި ފަޅުވެރިން އެއް ރޫހެއްގައި ބާރަށް ކުރިއަށް އޮޑި ދުއްވަމުން ދިޔައިރު ކަމުދާ އެއްކަމެއް އޮޑީގެ ތެރޭގައި ހިނގާ ކަމަކަށް ނުވިއެވެ. 

ހިންމިތަކުން ދިޔަވެ ކޮޅުއުނގުރި ނެއްޓި ދިޔަހަރު ޖެހުނުކަމަށް އޭރު ގޮވާ ނެގިއެވެ. ވަރު ރާޅު ނުބަލާ ދުއްވާ ކަމަށް ވިއެވެ. ރިޔާ ކޮށިކޮށް ހާޑަށް ނުޖައްސައިގެން ހީވީ އެހެން ކަމެއް ހެންނެވެ. ކޮޅުންއަޅާ ދިޔަތަން ހަލައިލައިފި ކަމަށް ވެސް ދިރުބަނލަށް އަރާހުރެ ގޮވިއެވެ.

އަރާ ހުރެވުނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބަލަށްކަން މޮހަނދަށް ވިސްނި އޮޑިން ފުންމާލީ އޮޑި ފައްތާލާނަމޭ ހިތައެވެ. ދަތުރުކުރި މިސްރާބު އަތު ނުވިޔަސް އޮޑި ފައްތައެއް ނުލެވުނެވެ. ކުރިން އަމިއްލަ ދުލުން ބުނާހެން އެ އޮޑިއެއް ނުފެތޭނެއެވެ. 

އަބުޖަހައިގެން ގަނޑު ރޫޅާލަން އުޅެއުޅެވެސް ނުރޫޅުމުން ގަނޑުން ވެއްޓި ބިންމަތިވީ ފުލުވައް ނޫންކަން ކަށަވަރުވިއެވެ. ތިމާމެންގެ ތެރެއިން ތިމާނޫން މީހަކަށް ބަންޑާރަ ބޮޑު އޮޑީގެ ކެޔޮޅުކަން އޮތުމަށްވުރެ އެހެން ބައެއްގެ އަތްމައްޗަށް ކެޔޮޅުކަން ފޮރޮޅިގެން ދިޔުންވެސް ހެޔޮވެ އެކަން އެމަގަށް ހިމުންވެ ނިމުނެވެ. 

ލަހެއް ފަހެއްނުވެ ބަންޑާރަ ބޮޑުއޮޑީގެ މިސްރާބު ގެއްލި މުޅި އޮޑީގައި ހޮޅިހޮއްލުން ނޫން ކަމެއް ނެތިއްޖެއެވެ. ދިޔަވަނީ ހިންމިތަކުން އެކަންޏެއް ނޫނެވެ. ނުއުފުރޭ އުނގުރިއެއް ނެތެވެ. ކުނބު ކުރިން ހުރީ އަޑު ކިޔާލަ ކިޔާލައެވެ. ކުޑަރިޔާ އަޅަން ރޮއި އާދޭސް ކުރިޔަސް ބޮޑު ރިޔަލުގައި ކަނޑު ދުވަން އުޅޭތީ ހީވަނީ ދެންމެ ދެންމެ ބަނޑުން ޖަހާލަފާނެ ހެއްނެވެ. އޮޑި ދުއްވަން ލެވުނު ކެޔޮޅު ކަޅުދިގު ހޮޅި މޮހަނދަށް ވާނުވާ ނޭނގެއެވެ.

އެހެނެއް ކަމަކު ވައްޓާލި މޮހަނދު އަނގަ އައްޕަތަކަށް ހަދައިއިގެން ޗުއްޕުވެސް ނުބުނެ އެ ހުންނަނީ ކުރެވުނު ކަމުގެ މޮޔަ ބޮލަށް އަރާފައި ތޯއްޗެކެވެ. ރޫޅަން އުޅެ ނުރޫޅި ނެގި ގާގަނޑަށް ބޮލިއެރިޔަސް ތިމާމެންގެ ތެރެއިން ތިމާއަށް ނުލިބޭ ބާރެއް އެހެން މީހަކަށް ލިބިދާނެ ކަމަށް ގަންނަ ބިރަކުން ހަނު ހުންނަނީ ތާއެވެ. ނޫނީ ނޫން ގޮތެއް ހޯދަން ކުރެވުނު މަސައްކަތުގައި ދެ މޮހަނދުގެ ނިގޫ ގޮއްޖެހުނީތާއެވެ.