ރަށްރަށުގެ މަލަމަތިން ގެއްލިގެންދާ ދިވެހިރުއްތައް

ރަށުގެ މަލަމަތިން ފެންނަނީ ކަދުރު ރުއްތަކެއް

ރަށްރަށުގެ މަލަމަތިން ގެއްލިގެންދާ ދިވެހިރުއްތައް
  • މިފަހަރު ކިޔުންތެރިންނާ ހިއްސާ މިކޮށްލަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ރޮޒައިނާ އާދަމްގެ ލިޔުއްވުމެއް
  • މި ލިޔުން ޝާއިއު ކުރައްވާފައި ވަނީ އެކަމަނާގެ ފޭސްބުކު ވޯލުގައި
  • ހީރަސްނިއުސް އަށް ލިޔުން ނަގުލު މިކުރަނީ ލިޔުއްވުމުގެ އަސްލާ އެއްގޮތަށް 

- ރޮޒައިނާ އާދަމް -

އަޅުގަނޑަކީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ މީހެއްކަމުގައި ވިޔަސް މިއަދު އަޅުގަނޑު މި އާރޓިކަލް މިލިޔަނީ އެއްވެސް ސިޔާސީ ވިސްނުމެއްގައެއް ނޫނެވެ. ޤައުމީ ނަޒަރަކުން އަޅުގަނޑުގެ ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ހިއްސާކޮއްލާށެވެ.

ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ދުނިޔޭގެ އެންމެރީތި ޖަޒީރާ ގައުމެވެ. އަޅުގަނޑުމެންގެ މި ރައްތައް ބޭރުމީހުން ސިފަކުރަނީ ޓްރޮޕިކަލް ޕެރެޑައިޒެއްގެ ގޮތުގައެވެ. ޓްރޮޕިކަލް ގައުމެއްކަން އަންގައިދޭ އަދި ދައްކައިދޭ އެންމެ މުހިންމު އެއް ރަމްޒަކީ ދިވެހި ރުކެވެ. އަޅުގަނޑުމެންގެ ގައުމީ ރުކެވެ.

ރަށަކަށް އަރާއިރު ރަށުގެ މަލަމަތިން ފެންނަން އެހުންނަ ޗާލު ދިވެހި ރުއްތަކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެމީހުންނަށް އެއާދެވުނީ އެއްކަލަ ޓްރޮޕިކަލް ޕެރެޑައިސަށްކަން އަންގައިދޭ އެންމެ މުހިންމު ރަމްޒެވެ. އެރުއްތައް އަރުވާލާފަ ނަގާ އިރުއަރާ މަންޒަރު އަދި އިރު އޮއްސޭ މަންޒަރުގެ ފޮޓޯއަކީ އެމީހުން އެންމެ ފަޚުރުވެރިކަމާއެކު އިންސްޓަގްރާމްގަ އަދި ފޭސްބުކްގަ ޝެއަރަ ކޮއްލާ ނުވަތަ ހިއްސާ ކޮއްލާ ފޮޓޮއެވެ. އެރުއްތަކުގެ ތެރެއިން ނަގާލާ ސާދަވިލޭރޭގެ ހަނދުގެ ފޮޓޯ، ނުވަތަ ނޫކުލައިގެ މޫދާއި ދޮންވެލިގަނޑާއެކު ފެންނަ ފެހިކުލައިގެ ދިވެހި ރުކުގެފޮޓޯ ފެނުމުން ކޮންމެ މީހަކުމެ ރާއްޖެ އައުމުގެ ހުވަފެން ދެކެންފަށައެވެ. މިފޮޓޯތަކަކީ ރާއްޖެ ޑްރީމް ޑެސްޓިނޭޝަންއަކަށް ބަދަލު ކޮއްލި ފޮޓޯތަކެވެ.

ނަމަވެސް މިއަދު މުޅިރާއްޖޭން ފެންނަން ފަށާފައި މިވަނީ ވަރަށް ހިތާމަވެރި ކަންބޮޑުވާ މަންޒަރުތަކެކެވެ. ޓްރޮޕިކަލް އައިލަންޑަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން އައިސް ރަށަކަށް ގާތްކޮއްލާއިރު މަލަމަތިން މިފެންނަނީ އެއްކަލަ އެ މީހުންބަލަންއައި ދިވެހި ރުކެއްނޫނެވެ. ރަށުގެ މަލަމަތިން މިފެންނަނީ ކަދުރު ރުއްތަކެކެވެ. ހިތުގާ އުފެދޭ ސުވާލަކީ މި އާދެވުނީ ޓްރޮޕިކަލް އައިލަންޑަކަށްތޯ ނުވަތަ ޑެޒަޓަކަށްތޯއެވެ؟ ދިވެހިރާއްޖެއަށްތޯ ނުވަތަ ޑުބާއީއަށްތޯއެވެ؟

މިއީ މިއަދު ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަގައިމުވެސް ކަންބޮޑުވާކަމެކެވެ. އެންމެފަހުން އަޅުގަނޑު އައްޑޫ ސިޓީއަށް ކުރިދަތުރުގައި އައްޑޫސިޓީން ވެސް މި މަންޒަރު ފެނިގެން ދިއުމުން މިވާހަކަ ނުދައްކާ ލަސްކުރެވެން ނެތްކަން އަޅުގަނޑަށް އިހުސާސްވިއެވެ. އަޅުގަނޑުމެންގެ މިރީތި ދިވެހިރާއްޖޭގެ ރައްތަކުގެ މަލަމަތިން ދިވެހިރުއްތައް ގެއްލި ކަދުރުރުކަށް ބަދަލުވެގެން ދިއުމަކީ އަޅުގަނޑުމެންގެ މި ނަލަނަލަ ރައްތަކުގެ އަސްލުގެއްލިގެން ދާކަމެކެވެ. މިހާރު މާލޭގަހުރެ ނަގާ ސަންސެޓްފޮޓޯ ބަލާލުމުން ދިވެހިރާއްޖެއެއް ނުފެނެއެވެ. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖޭގެރީތިކަމާ ގުޅުންހުރި އެންމެ ފާހަގަ ކޮއްލެވޭ 3 ކަމަކީ ރާއްޖޭގެ ރީތި މޫދާ، ދޮންވެއްޔާ، ރީތިފެހި ދިވެހި ރުއްތަކެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން މަސައްކަތް ކުރަނީ އެގައުމަކަށް ނިސްބަތްނުވާ ނަސްލުތަކުގެ ގަހާއި ދިރޭތަކެތި އެތަންތަނަށް ތައާރަފް ކުރުން ހުއްޓުވުމަށެވެ. އެއީ އޭގެ ސަބަބުން އެގައުމަކަށް ނިސްބަތްވާ ނަސްލުތަކުގެ ގަހާއި ދިރޭތަކެއްޗަށް މިކަމުގެ ސަބަބުން ކުރާ އަދި ކޮއްފާނެ ނޭދެވޭ އަސަރުތަކާ ހުރެއެވެ. މިއީ އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންކަމެވެ. އަދި ރާއްޖޭގެ ރާއްޖެވަންތަކަން ގެއްލުވާލުމުން އަޅުގަނޑުމެންގެ އެންމެބޮޑު އިންޑަސްޓްރީ ކަމަށްވާ ފަތުރުވެރިކަމަށް މީގެން ކުރާނެ އަސަރުވެސް ވަރަށްބޮޑަށް ވިސްނަންޖެހެވެ.

އަޅުގަނޑުގެ އިލްތިމާޒަކީ އަދި އަޅުގަނޑު މި އާރޓިކަލް ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކައުންސިލްތަކުން މިކަމާ ވިސްނާ، ރާއްޖެ ރާއްޖޭގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކޮއްދެއްވުމެވެ. ރާއްޖޭގެ މި ރީތި ރައްތަކުގެ މަލަމަތީގައި ކަދުރުރުއް ޖެހުމުގެ ބަދަލުގައި ފެހިކަންގަދަ ނަލަނަލަ ދިވެހި ރުއްތަކުން މިރީތި ރައްތަކުގެ މަލަމަތި ޖަރީކޮއްދިނުމެވެ. އަދި މިކަމަށް ދިވެހި ހުރިހާ ރައްޔިތުންވެސް ބާރުއަޅާދިނުމެވެ. އަޅުގަނޑުމެންގެ ގައުމީ ގަސް ކަމުގައިވާ ދިވެހި ރުކަކީ އަޅުގަނޑުމެންގެ ފަޚުރެއް ކަމަށް ހައްދަވާ ދެއްވާށެވެ.