ދެފަހަރުމަތިން އެމްޑީޕީ މެންބަރުން މަގުމަތިކޮށްލީ ނަޝީދު!

ވެރިކަމަށް ކުރިމަތި ލުމަކީ ކޮންމެ މިހަކަށްވެސް އޮތް ހައްގެކެވެ. ވެރިކަން ހޯދުމަށް ނިޔަތްގަނެގެން މަސައްކަތް ކުރުމުގައިވެސް ގޯހެއް ނެތެވެ. ގޯހަކީ ވެރިކަމާހެދި ގައުމު ހަލާކުތެރެއަށް ގަސްތުގައި ވައްޓާލުމެވެ. ގައުމާ ސަމާސާ ކުރުމެވެ. ތިމާގެ ސައިޒު ނޭނގި ތިމާ ވަރެއް ނެތިގެން އުޅުމެވެ. ތިމާ މީހަކަށް ހެދި މީހުނަށް ހަރާން ކޯރުވުމެވެ.
ހަމަތެދެކެވެ. ރައީސް ނަޝީދެއް ކަމަކު ގައުމާ އަބަދު ސަމާސަ ނުކުރައްވާށެވެ. ނަޝީދަށްވުރެ ގައުމު މާބޮޑެވެ. ރާއްޖެ މިހާރު މިދެކޭ ހިތްދަތި ހާލަތަށް ގައުމުވައްޓާލުމުގައި ނަޝީދުގެ ދައުރު ބޮޑެވެ. އަމިއްލަ މަސްލަހަތާ ޖެހުމުން ނަޝީދަށް ގައުމެއް ރައްޔިތުންނެއް ޕާޓީއެއް ނޯވެއެވެ.
ރައީސް ނަޝީދަށް ވެރިކަމާއި އެމްޑީޕީގެ ވެރިކަން ހޯދާދިނީ އެމްޑިޕީގެ މެންބަރުންނެވެ. މަޖިލިސްގެ ރައީސްކަމާއި އާރާއި ބާރު ހޯދާދިނީ އެމްޑީޕީގެ މެންބަރުންނެވެ. އެއިން އެއްވެސް ކަމެއްގައި ނަޝީދުގެ މޮޅުކަމެއް ނެތެވެ.
ނަޝީދަކީ ނަޝީދު މީހަކަށް ހެދި ޕާޓީއަށާއި އެ ޕާޓީގެ މެންބަރުންނަށް ކުޑަވެސް ރަހުމެއް ކުލުނެއް ނެތް މީހެކެވެ. އެމްޑީޕީގެ މެންބަރުންނާއި ތާއީދުކުރާ ޕާޓީތައް ގުޅިގެން ވެރިކަން ހޯދާދީ ޑިމޮކްރެޓިކް ހެޔޮވެރިކަމެއް ކުރުމަށް ހަވާލުކުރުމުން ކުރިއަށް ނެރުނީ އަމިއްލަ މަސްލަހަތެވެ. ރައްޔިތުންގެ އިހުސާސަކަށް ބެލުމެއްނެތި ގައުމީ ރުކުންތައް ދޫކޮށް އަމިއްލަ އެދުން ކުރިއަށް ނެރުމުން ވެރިކަން ނުހިފެހެއްޓިގެން ޖެހުނީ ދޫކޮށްލާށެވެ. އެމްޑީޕީގެ ހިއްވަރުގަދަ މެންބަރުންނާއި ސަޕޯޓަރުން މަގުމަތިކޮށް ހާލުގައި ޖެއްސީ ނަޝީދުގެ ރުންކުރުކަމާއި މަވެތިކަމުގެ ބޮޑުކަމުންނެވެ.
2012ގައި ވެރިކަން ވެއްޓުމުން ޖެހިގެން އައި ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓް އެމްޑީޕީން ނަޝީދަށް ވެދުން ކުރިއެވެ. ވާދަކުރުމެއް ނެތިއެވެ. ބަގާވާތުގެ ޖަޒްބާތުގައި އެތައް ބައެއްގެ ހަމްދަރުދީ ލިބިގެން އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެންވެސް 2013ގައި ނަޝީދަށް އެނބުރި ވެރިކަމަކަށް ނާދެވުނެވެ. ނަތީޖާއަކަށްވީ އެމްޑީޕީއަށް ވެރިކަން ގެއްލުމެވެ. ބިޔަ ބޮޑު އެމްޑީޕީ މަގުވެތިވެފައި ހަތް އަހަރު އޮންނަންޖެހުމެވެ.
2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ އެއްވެސް ގޮތެއް ނަޝީދަށް ނެތުމުން ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ނުކުރާ ހިސާބަށް ނަޝީދު ދުއްވާލިއެވެ. އެހެނެއް ކަމަކު އެމްޑީޕީގެ ގިނަ މެންބަރުން ތިބީ ނަޝީދަށް ވާދަ ނުކުރެވެންޏާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާދަ ނުކުރާން ރުހިގެނެއް ނޫނެވެ. ނަޝީދާ ނުލާވެސް ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އަންނަންޖެހޭކަމަށް އޭރުވެސް ގިނަ މެންބަރުން ގަބޫލުކުރިއެވެ. ނަތީޖާއެއްގެ ގޮތުން 2018 ގައި ގިނަ ޕާޓީތަކެއްގެ ތާއީދާއެކު އެއްބުރުން އެމްޑީޕީއަށްވެރިކަން ލިބުނީ ނަޝީދާ ނުލައެވެ.
2018ގައި ރައީސް ސޯލިހަށް ވެރިކަން ލިބި ނަޝީދު މިނިވަންކޮށް މަޖިލީހުގެ ސްޕަރމެޖޯރިޓީއާއިއެކު މަޖިލީހުގެ ރައީސް ކަން ނަޝީދަށް ދިނުމުންވެސް ހިތެއް ނުފުރުނެވެ. ދައުލަތް ހިންގުމުގެ ބާރު ނަޝީދު އަތަށް ނަގަން ނަޝީދު ބޭނުންވީއެވެ. ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަން ނަޝިދަށް ލިބޭނެހެން ކަންކަން ތަރުތީބު ނުވުމުން އެމްޑީޕީގެ ރައީސް އިދިކޮޅަށްވުރެ އެމްޑީޕީއާއި އިދިކޮޅުވެގެން މަޖިލީހުގެ ރިޔާސަތުގައި އިނދެ އެމްޑީޕީގެ ވެރިކަމާމެދު ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދާ އެމްޑީޕީއަށް ހަރާން ކޯރުވިއެވެ. އެންމެ ފަހުން ނިކުތީ އެމްޑީޕީ ރޫޅާލާށެވެ. ދެފަހަރުވެސް އެމްޑީޕީ މަގުމަތިކޮށް މެންބަރުން ބިކަކޮށްލީ ނަޝީދެވެ. އެމްޑީޕީގެ ގިނަ މެންބަރުން އެކަން ހަނދާނެއް ނުނެތޭނެއެވެ.