ވެރިކަމާ ކައިރި ވީވީހެން މުއިއްޒުގެ ރާގު ބަދަލުވުން

ޔާމީނު ފާސް މާރކްސް ނުދިނަސް ކުނބަށް ދުރު ފެންނަންޏާ ކިހާޅެން ފަރިއްސަށްވާނެ!

ވެރިކަމާ ކައިރި ވީވީހެން މުއިއްޒުގެ ރާގު ބަދަލުވުން

" ޑޭވަން " ގައި އެއް ކަންފަތުގައި ހިފާ ހޫރާލަން ބުނި މީހުން ހޫރާލުން ހަފްތާއިން ސަތޭކަ ދުވަހަށް ބަދަލުވީއެވެ. ސަތޭކަ ދުވަހުން އަހަރަށް ވެސް ބަދަލު ވާނެއެވެ. އަހަރު ފަސް އަހަރަށް ދެމިގެން ނުގޮއްސިޔާ ކިތަންމެހާ ވެސް ރަގަޅެވެ.

އާނއެކެވެ. ފޮރުވާނެ ހަމައެކައްޗެއްވެސް އޮވެގެން ނުވާނެއެވެ. ބަޑި ގުދަނުގައި އުންޑަ ހުންނަވަރު ވެސް ސިއްރުކޮށްގެން ނުވާނެއެވެ. ހަތިޔާރު ހުންނަވަރާއި އެތަކެތި ހުންނަ ތަންނަނާއި އެތަންތަނަށް ވަދެވެން ހުންނަ ގޮތާއި ތަޅުދަނޑިތަކާއި ޕާސްވޯޑް ތަކަށް ދަންދެން އޮންނަން ވަނީ އަވީލާފައެވެ. ޓެރެރިސްޓުންނަށާއި ހެކަރުންނަށް އުނދަގުލެއް ނެތި ސަލާމަތީ އޮޅިގަނޑުތައް ހުރަސްކޮށްލެވޭ ވަރަށް ކަންކަން ހާމަ ނުކޮށެއް ނުވާނެއެވެ. 

ދޭދޭ ގައުމާއެކު ހެދިފައި ހުންނަ އަސްކަރީ އެއްބަސްވުންތައް ވެސް އޮންނަން ވާނީ ހުޅުވާ ލެވިފައެވެ. އަދާވާތްތެރިންނާއި ދެކޮޅުވެރިންނާއި ޓެރެރިސްޓުންނަށް ފަސޭހަ ކަމާއެކު ދިފާއު ފޫއަޅުވާލެވޭ ގޮތަށް ހުރިހާ ކަމެއް ހާމަކޮށެވެ. މިނިވަން ކަމާއި ސިޔާދަތު ދިފާއުކޮށް ރައްކާތެރި ކުރަން ފަސޭހަ ވާނީ އޭރުންނެވެ.

ބިމަށް ފެންނާނީ ގަހަށް ފެންނަ ގޮތަކަށް ނޫނެވެ. މަޅުމައްޗަށް ނުފެންނަ ދުރު ކުނބު ކުރިއަށް ފެންނާނެއެވެ. ވެރިކަމުގެ ގޮނޑީގައި އިށީދެވުނީމާ ކަންކަން ފެންނާނީ މަގު މަތީގައިހުރި އިރު ކަންކަން ފެނުނު ގޮތަކަށް ނޫނެވެ.

މަގުމަތީގައި ތިބޭއިރު ސިޔާސީ ބޭނުމުގައި ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ވެސް ދެއްކި ދާނެއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ވާހަކައަކީ ވެސް އެޒާތުގެ ވާހަކައެކެވެ. މުއިއްޒު ވެރިކަމާ ކައިރި ވީވީހެން ވާހަކައިގެ ރާގު އަންނަނި ބަދަލުވަމުންނެވެ. ވެރިކަމަށް އަންނަ ގޮތަށް ބޭރުކުރަން ބުނި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ވާހަކަ ދައްކައިގެން ކުރަން އޮތް ކަމަކަށް ބަދަލު ވެއްޖެއެވެ. އިންތިގާލީ މަރުހަލާގައި އުޅުނީ ތިބި އަދަދެއް ނޭނގިގެވެ. ވެރިކަމަށް ހުވާކުރީމާ ތިބިއްޔާ ތިބި އަދަދެއް އެނގޭނެއެވެ. ތިބި އަދަދު އެނގުމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ އަދަދަކަށް ނުވެގެން ތިބި ބަޔަކާ އެކީ ކުރިއަށް ދާން ނިންމުމަކީ ވެސް ދުރު ކަމެއް ނޫނެވެ. 

އިންޑިއާ ސިފައިން ބާލަން ޖެހޭނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ވާނަމަތާއެވެ. ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ މިންވަރު އެނގޭނީ ވެރިކަމާ ހަވާލުވީމާތާއެވެ. ހެލިކޮޕްޓަރތަކާއި ޑޯނިއަރ ބޯޓްތަކާއި އަޝްކަރީ ޑޮކްޓަރުންނާއި ފަންނީ އަޝްކަރީންނަކީ ކޮންމެހެން ތިބެން ޖެހޭ ބައެއް ކަމަށްވެ އިންޑިއާ އައުޓްއަކީ މުހިންމު ކަމެއްނޫން ކަމަށް ނިންމުމަކީ ނެތްކަމެއް ނޫންތާއެވެ. ފުރަތަމަ 100 ދުވަހުގެ އަމާޒަކީވެސް ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ގަބޫލު ކުރެވޭ ކަންކަން ވެފައިވާ އެއްބަސްވުން ތަކުން އުނިކުރުމެވެ. އިންޑިއާ ސިފައިން ތިބުމަށް ވީއެއްބަސްވުން އޮތް ގޮތުން އިންޑިއާ ސިފައިންގެ ފުށުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތިއްޔާ މައްސަލައެއް ނުއޮންނާނެތާއެވެ. ޔާމީނު "ފާސް މާރކްސް" ނުދިނަސް ކުނބަށް އެރުމުން ދުރު ފެންނަން ފެށީމާ ކިހާޅެން ފަރިއްސަށް ނުހަދާންވީ ސަބަބެއް ނެތެވެ.