ވަޒީރު ޝިޔާމަށް: މުއިއްޒު ހާލިސް ވެރިއަކަށްވަނީ މަގާމާ ކާރަށްޓަކާ!

ވަޒީރު ޝިޔާމަށް: މުއިއްޒު ހާލިސް ވެރިއަކަށްވަނީ މަގާމާ ކާރަށްޓަކާ!

ރައީސް މުއިއްޒަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް ވެރިއެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ މަސްވެރި ވަޒީރު ނައިފަރު ޝިޔާމްއެވެ. " ނޫސްވެރިންގެ ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި އެގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ހާލިސް ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއެއް" ކަމުގައި ރައީސް މުއިއްޒު ވާކަމަށް ޝިޔާމް ބުނީމާ  އަންނަނީ ހިންޏެވެ. 

ނޫސްވެރިންގެ ގޮންޖެހުންތައް ކިތަންމެ ރަނގަޅަށް ރައީސް މުއިއްޒަށް އެނގުނަސް އެ ގޮންޖެހުންތަކަށް މުއިއްޒު ހައްލު ހޯދާ ނުދޭނެކަން ޝިޔާމަށް މާ ރަނގަޅަށް އެނގޭނެއެވެ. ވަޒީރުކަމުގެ މަސްތުގައި ބުނަންޖެހޭ ވާހަކައެއް ވީމާ ބުންޏަސް މުއިއްޒުގެ ކިބައިގައި އެއްވެސް އިހުލާސްތެރިކަމެއް ނުހުންނާނެކަން ޝިޔާމްވެސް ގަބޫލު ކުރާނެއެވެ. 

ރައީސް މުއިއްޒުގެ އިހުލާސްތެރި ކަމެއް ނެތްވަރު ލޭނު މަސްވެރިކަމަށް ހުއްދަދޭން އުޅުނު އުޅުމުން އެކަނިވެސް ޝިޔާމަށް ވަޒަން ކޮށްލެވޭނެއެވެ. ލޭނުއެޅުމަށް ހުއްދަދިނުމަށް ޝިޔާމް ލައްވާ މުއިއްޒު ނުކުރުވަނީ ކޮންކަމެއް ހެއްޔެވެ. ހުއްޓާނުލާ ރެއާއި ދުވާލު ޝިޔާމް ލައްވާ ލޭނުއެޅުމަށް ހުއްދަދިނުމުގެ މަސައްކަތްކުރުވިއެވެ. ބޮޑެތި ހޭދަތައްކުރުވާ ވަގުތާއި ފައިސާއާއި ފަންނީ ގޮތުން އެތައް ކަމެއް ކުރުވިއެވެ. ދިރާސާތައް ހައްދާ އުސޫލު އެކުލަވާލާ ހެއްދުވީ ޝިޔާމް އެބުނާ އިހުލާސްތެރި މުއިއްޒު ނޫން ހެއްޔެވެ. 

ރައްޔިތުންގެ ކުރިމައްޗަށް ޝިޔާމު ނެރުވައިގެން ލޭނު މަސްވެރިކަމަށް ހުއްދަދީގެން ނެރޭނެ ފައިދާތަކުގެ ވާހަކަ ދެއްކުވިއެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލާނެ ދުވަސްވެސް ޝިޔާމް ލައްވާ އިއުލާނު ކުރުވިއެވެ. ޝިޔާމް ލައްވާ އެ ހުރިހާ ކަމެއް ކުރުވާފައި ރެއަކަށް އިރު އޮއްސިފައި އިރު އެރިއިރު ޝިޔާމަކީ އަނގަފިނދަކަށް ހެއްދުވީ ޝިޔާމް އެ ބުނާ އިހުލާސްތެރި މުއިއްޒެވެ.

ރައްޔިތުންގެ ކުރިމަތީގައި ޝިޔާމަކީވެސް އެއްވެސް އަގެނެތް އިތުބާރު ގެއްލިފައިވާ މީހަކަށް މުއިއްޒު ވަނީ ހަދާފައެވެ. ޝިޔާމް ޓީވީތަކަށް އަރާ ލޭނުމަސްވެރިކަމާއި ގުޅޭގޮތުން ދެއްކިހާ ވާހަކަ ޖަމަލު ފޮޑިއަށް ހަދާލި މުއިއްޒަކީ ހާލިސް ހިތެއްގެ ވެރިއެކޭ ޝިޔާމުމެން ބުނަނީ މަގާމާއި ދިދައާއި ކާރަޢްޓަކައެވެ.