އިންޑިއާ އައުޓުން ޔާމީނަށް ލިބުނީ ކޮޅުކެހި!

އިންޑިއާ އައުޓްގެ ހުރިހާ މޮޅެއް ލިބުނީ ޑރ. މުއިއްޒަށް

އިންޑިއާ އައުޓުން ޔާމީނަށް ލިބުނީ ކޮޅުކެހި!

ރާއްޖޭގެ ވެރިކަމުގައި ހުރިއިރު އިންޑިއާ އައުޓު ކުރުމަކަށް ނޫޅެއެވެ. ހެލްކޮޕްޓަރ ދުއްވަން އައިސްތިބި އިންޑިއާ ސިފައިންކޮޅުގެ ވިސާ ހަމަވެފައި ތިބިއިރުވެސް ރައީސް ޔާމީނަކަށް އެމީހުން ފޮނުވައެއް ނުލެވުނެވެ. އެ ކެރުމެއް އެހިއްވަރެއް ނެތެވެ. އަނެއްކޮޅުން ރައީސް ޔާމީނު ވެރިކަމުގައި ހުރިއިރު އިންޑިއާއަށް ގޮސް އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ކޯސްޓްގާޑަށް އިންޑިއާއިން ކުޑަ މަނަވަރެއް ހޯދާ ސަރަހައްދު ބަލަހައްޓަން ހެލްކޮޕްޓަރާއެކު ބޭނުން ކުރުމަށް އިންޑިއާ އަސްކަރީ މަތިންބޯޓެއް ގެނެސް ރާއްޖޭގައި ބޭއްވެވުނުކަމުގެ ހަނދާނެއް ރައީސް ޔާމީނު ނެތެވެ. ރައީސް ޔާމީނަކަށް އޭރަކު އިންޑިއާ އަކީ މައްސަލައެއް ނޫނެވެ. އެންމެ ބޮޑަށް ޗައިނާ ޕްރޯވެގެން އުޅުނު އިރުވެސް ރާއީސް ޔާމީނަށް އިންޑިއާ އޯކެޢެވެ. 

ރައީސް ޔާމީނަށް އިންޑިއާ ގޯސްވީ ކޮވިޑާއެކު ރައީސް ސޯލިހުގެ ވެރިކަން ނިމިގެން ދާނޭ ކަމަށް ހީކޮށްގެން ހުއްޓާ އެހެން އެކަމެއް ނުވުމުންނެވެ. ރައީސް ސޯލިހު ގެ ވެރިކަން ހިފަހައްޓާ ދެނީ އިންޑިއާކަމަށް ގަބޫލުކޮށް އެކަމަކާ ރައީސް ޔާމީނު އައީ މާގަދަ ރުޅިއެކެވެ. އަރައިގެން ރުޅީގައި އިންޑިއާ އާއި ޖެހިގަތީ މާވަރަކަށެވެ. ރާއްޖޭ ބަނގުރޫޓްވެ ރައީސް ސޯލިހުގެ ވެރިކަން ނުވެއްޓުނު ސަބަބަކީ އިންޑިއާ ކަމަށް ދެކިގެން ރައީސް ޔާމީނުގެ ދުނިޔެ ރަންވެ އިންޑިއާ އައުޓް ޖެއްސީއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިންމާލީ ރައީސް ސޯލިހު ކަމަށް ދެކިގެން ރައީސް ސޯލިހު ދެކެވެސް ރައީސް ޔާމީނު އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެނެއް ކަމަކު ރައީސް ޔާމީނުގެ ވެރިކަން ނިންމީ ރައީސް ސޯލިހެއް ނޫނެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިންމީ ރައީސް ޔާމީނު އަމިއްލައަށެވެ. ފާޅުގައި އަނިޔާވެރިކަން އިސްކޮށް އަމިއްލައަށް ދުޝްމަނުން އުފައްދައިގެންނެވެ. ކައިރީގައި ތިބި ދެ ނާޒިމާއި އަދީބާއި ރައީސް މައުމޫނާއި 12 މެންބަރަކަށް އަނިޔާވެރި ވެގެންނެވެ. ކަމަކާނުލާ ދެ ފަހަރަށް ކުއްލިނުރައްކާ އިއުލާނު ކޮށްގެން ނެތް ހާލަތެއް ގައުމަށް ގެނެސްގެންނެވެ. ސްޕްރީމް ކޯޓުން ޓިނުނަގާ ފަޑިޔާރުން ހުރަގެއަށް ލައިގެންނެވެ. 

ރައީސް ޔާމީނުގެ ތަރި އޮއްސުނީ ރައީސް ޔާމީނު ވެރިކަމަށް ގެނެސްދިނުމަށް ޖާނާމާލުން ގުރުބާންވި ޑރ. ޝަކީލާއާއި އެމްވީކޭ ޝަފީގާއި ކުރަހާ ނަޖާހު ފަދަ އެތައް ބަޔަކަށް ކެހި ދިނުމުންނެވެ. މޭޑޭ މުޒާހަރާގެ ލީޑަރުންނާއި ބައިވެރިންގެ އެތައް ބަޔަކު ޖަލަށްލާ އެތައް ބަޔަކަށް ރާއްޖެ ދޫކޮށް ދިޔުމަށް މަޖުބޫރު ވުމުންނެވެ. މޭޑޭގެ ބައިވެރިއަކު ޖަލު އަނިޔާގައި ނިޔާވުމުންނެވެ. އަދީބު އިސްކޮށްގެން ދައުލަތް ދަވާލި ދަވާލުން އޮބިނޯވެގެންނެވެ. އެކަމަކާ ރައީސް ސޯލިހު ދެކެ ރުޅިއަންނާނެ ކަމެއް ނެތެވެ. 

   

ވެރިކަމުގެ މަސްތުގައި ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ރައީސް ޔާމީނު އަމިއްލައަށް ދަމައިގެން ޖެހިގަތް ގުއިރޯނަކީ"އިންޑިއާ އައުޓް"އެވެ. ފުރަތަމަ ދުވަހު ވެސްް އިންޑިއާ އައުޓަކީ ވާންއޮތް ކަމެއް ނޫންކަން ރަނގަޅަށް އެނގޭނެއެވެ. ރައީސް ޔާމީނު ވެރިކަމުގެ ބާރުގައި ހުރެގެން ކުރަން ނޫޅުނު ކަމެއް ވެރިކަމުގެ އާރާބާރު އަތުގައި ނެތި ކުރަން އުޅުނީ ދެވަނަ ދެ ކަމަކު ނޫނެވެ. ރައީސް ސޯލިހު ސަރުކާރާ މެދު ރައްޔިތުންގެ ތެރޭގައި ޝައްކާއި ވަހުމާ އިތުރުކޮށް ނަފްރަތު އުފައްދައިގެން ވެރިކަމަށް އެނބުރި އައުމަށެވެ. އާހިރުގައި ރައީސް ޔާމީނަށް ލިބުނީ ކޮޅުކެއްސެވެ. "އިންޑިއާ އައުޓް"ގެ ހުރިހާ މޮޅެއް ލިބުނީ ޑރ. މުއިއްޒަށެވެ.