މަސްވިއްކައިގެން ލިބޭ ފައިސާއަށް ތިޔަ ހައްދަވަނީ ކިހިނެތް؟
ދަރަންޏަށް ގެންދިޔަ މަހަށް ހެއްދެވި ގޮތެއް ވިދާޅުވެ ދެއްވާ
ރައީސެވެ. ވެރިކަމަށް 3 މަސްވާން 2 ހަފްތާއަށް ވަނީއެވެ. ހުވާ ކުރެއްވި ފަހުން މަސްވެރިން ލޯބޯ ފިއްސާ ކަނޑުފަޅު ފީނައިގެން ބޭނި ހުރިހާ މަސް ސަރުކާރަށް ދަރަންޏަށް ދީގެން އޭގެ އަގު ނުލިބި ރާއްޖޭގެ މަސްވެރިން އެތިބީ ބަނޑަށް ކުޅުޖަހައިގެންނެވެ. ކުރިމަތީގައި އޮތީ ރޯދަ މަހެވެ.
ބޭނި ހުރިހާ މަސް ވިއްކައިގެން ލިބުނު ފައިސާއަށް ހައްދަވައިގެން ތިޔަ އުޅުއްވަނީ ކިހިނެއް ހެއްޔެވެ؟ މުޅި ރައްޔިތުން ރަހުނުކޮށް ލޯނު ނަގައިގެން މަސްވެރިންނަށް ފައިސާ ދެއްވަން ވިދާޅުވާ އިރު ބޭނިހާ މަސް ވިއްކައިގެން ސަރުކާރަށް ލިބުނުހާ ފައިސާއަށް ވީގޮތެއްވެސް އަޅެ ރައީސް ވިދާޅުވެ ދެއްވަ ބައްލަވާށެވެ. މިފްކޯއިން މަސް އެކްސްޕޯރޓް ކުރި ބޯޓް ފަހަރު ކަނޑުފޭރޭ މީހުން ހައިޖެކް ކުރީ ހެއްޔެވެ؟
ސަރުކާރާ ވެރިޔަކު ހަވާލު ވަނީ ސަރުކާރު ހިންގޭނެތީއެވެ. ވަތްގަނޑުގައި ހުރި އެއްޗަކާ ދޭން އޮތް އެއްޗަކާ އަންނަން އޮތް އެއްޗެއް ރަނގަޅަށް ބަލާ ހިސާބު ކުރަން އިންތިގާލީ މަރުހަލާ މަނިކުފާނަށް ލިބިވަޑައިގަތެވެ.
ހުރިހާ ހިސާބު ކިތާބު ރަނުން ރަނަށް އަކުރުން އަކުރަށް ބައްލަވާ ރަނގަޅަށް ވެރިކަން ކުރެއްވޭނެތީ ތިޔަ ހުންނެވީ ވެރިކަމުގެ ހުވާ ކުރައްވައިގެންނެވެ.
ސުލައިމާންގެފާނު ޖިންނީން ލައްވާ ކަނޑުގައި ބިނާ ކުރެއްވި ބިއްލޫރި ގަނޑުވަރަށް ވުރެ ބޮޑު މެގަ ޕްރޮޖެކްޓެއް ހިންގާ ވާދޫކަނޑު އަޑީގައި ދަމާލާ ސަރާސަރު ބިއްލޫރި ޓަނަލަކުން މާލެއާ ބިޔާދޫ އަތޮޅު ގުޅާލެވޭނީ ބިލިޔަން ބިލިޔަނުން ޑޮލަރު އޮތީމައެވެ. އެކަމަކު މަސްވެރިން ބޭނި މަހަށް ލާރި ނުދީ އެމަސް ވިއްކައިގެން ލިބުނުހާ ފައިސާ ވީތަނެއްގައި ވެއްޖެއެވެ. މަސްވެރިންނަށް ފައިސާ ދެއްވަން ތިޔަ ވިދާޅުވަނީ އެހެން ތާކުން ދަރަންޏަށް ފައިސާ ނަންގަވައިގެންނެވެ. ރައީސެވެ. މިވަރުވީމާ ކަމަކު ނުދެއެވެ.
ރިޔާސީ ކެމްޕޭނުގައި ހެއްދެވިހާ ދޮގު އެހުރީ ފެންނުހިކި ތެތަށެވެ. ރައީސް ޔާމީން މިނިވަން ނުވެ ހުސްގޮނޑި ގެއްލުނީ އެވެ. ތިބި ކަމަށް ވިދާޅުވި 2 ހާހަށްވުރެ ގިނަ ބޭރުގެ ސިފައިން އެރީ މައްޗަށް ކަމެއް ނޫނީ ބިންފަޅާ އަޑިއަށް ދިޔައީ ކަމެއް ނޭނގެއެވެ. ތިބިކަމަށް ބުނާ މަދު ސިފައިގެ ބަލުއްވަން ތިޔަ އުޅުއްވަނީ އެމީހުންގެ ޔުނީފޯމެވެ. ހިޔާ ފްލެޓް ފިނިޝިންގ އަށް ދެއްވަން ވިދާޅުވި 2 ލައްކަ އަށް ވެފައި އެއޮތީ ހީވެސް ނުކުރާ ގޮތެކެވެ. ކިޔަވާ ކުދިންގެ ޑޮލަރ ލިމިޓް ބޮޑެއް ނުވިއެވެ. ބޮޑު ކުރައްވަން ވައުދުވި ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުނުވިތާ އެމީހުނަށް ބޮޑުވީ އުނދަގުލެވެ. ތިރިކުރައްވަން ވިދާޅުވި ޑޮލަރުގެ އަގާއި ތަކެތީގެ އަގު އެހެރަދަނީ ހައްތަހާ ބޮޑުވަމުންނެވެ. ކިޔަންޏާ ކިޔަން ހުރި ކަންކަން ކޮޅުންލާކަށް ނެތެވެ.
މިހުރިހާ ކަމެއް މިހެން ހުއްޓާ ކުރިމަތީ އޮތް މަޖިލިސް އިންތިޚާބަށް ދައްކާ ޗަރުކޭހާ ކުޅޭ ޑްރާމާތަކުގައި ޖެހިގެން މަނިކުފާނު ޕާޓީއަށް މަޖިލިސް މެޖޯރިޓީ ދޭން ހެޔޮ ނުވާނެކަން ރައްޔިތުންނަށް ވިސްނޭ ވަރު އެބަވެއެވެ. ވޯޓްދެވުނު މޮޔަ ހީނުވާ މީހަކު ދިމައެއް ނުވެއެވެ.
ރައީސެވެ. ކެމްޕޭނުގައި ދައްކަވާ ވާހަކަ ދިމާނުވެ އަނެއް ކެމްޕޭނަށް ކުރިމަތިލީމާ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.
މަނިކުފާނު ހެއްދެވި ވަރަށް ބޮޑު ތެދެއް ވެއެވެ. އެއީ ދޮގުމައްޗަށް ދޮގުހެދީމާ ބުހުތާނު ކަމުގައިވާ ވާހަކައެވެ.