އިންޕޯޓް ދައްވަނީ މުއިއްޒާ ސައީދު ގެ ނާގާބިލުކަމުން

އިންޕޯޓް ދައްވަނީ މުއިއްޒާ ސައީދު ގެ ނާގާބިލުކަމުން

އިމްޕޯޓުން ލިބޭ އާމްދަނީ ފަތުއަޑު ކިޔާފައި ދަށަށް ދަނީ ކިއްވެކަން ބުނެދޭކަށް ސައީދަކަށް ނޭނގޭނެއެވެ. ކަމެއް އެނގޭނީ ވާނުވާ އެނގޭ ނަމަތާއެވެ. މަޖިލީހުގައި ހުރިއިރު އިގުތިސޯދީ މާހިރެއް އެވަރު ނެތިގެން އަމިއްލައަށް ނެގިނެގިފައި ޖެހުނު ވަރުން އިގުތިސޯދީ ވަޒީރުކަން ދީފައި ހުއްޓަކަސް އަގުޅުނެތް ކަންނޭލެއް ވާނީ އަގުޅިނެތް ކަންނޭލަކަށެވެ. 

ރައީސް ޔާމީނު ވަޒީރުކަން ދީގެން ސަވާރީ ގަނޑަކަށް ގެންގުޅުނީތީ ފިސާރި ހެން ހީވީތާއެވެ. ވަޒީރުކަން ދީފާ ކޮންމެވެސް ބަޔަކު ބައިތިއްބަން ޖެހޭތީ ސައީދު ކަހަލަ މީހުނަށް ވަޒީރުކަން ދީގެން ރައީސް ޔާމީނު އުޅުއްވީ ނަމެއްގައެވެ. ރައީސް ޔާމީނަކީ އިގްތިސޯދީ ކަމެއް ސައީދުގެ ބަހަށް ކުރެއްވި ބޭފުޅެއް ނޫނެވެ. ސައީދަކީ ދުވަހީ އާއްމު ކަންކަމުގައި ސޮއި އަޅާލަން އިކޮނޮމިކް މިނިސްޓްރީގައި ބަހައްޓާފާހުރި "ބޯއި"އެކެވެ. 

ސައީދު އަހަނީ ދުނިޔޭގައި މީހުން ކަންކަން ކޮށްއުޅޭ ވާހަކައެވެ. ކަމެއް ކުރާގޮތެއް ކުރާނެގޮތެއް ނިކުމެދާނެ ނަތީޖާއެއް ސައީދަކަށް ނޭނގެއެވެ. މުއިއްޒަށް ވެރިކަން ލިބުމުން އިގްތިސޯދީ ވަޒީރުކަން ދިނުމުން ސައީދު އަނގައިން ރާއްޖެ ނުގެންދާ ހިސާބެއް ނެތެވެ.

ޑޮލަރު އަގު ވެއްޓި އުފެއްދުންތެރިކަން އިތުރުވެ މީހުންގެ ޖީބުތައް ފައިސާއިންފުރި ބާރުވާނެ ކަމުގެ ހުވަފެން ދެއްކިއެވެ. ބަންކަރިން ހިދުމަތުން ލިބޭ ފައިސާގެ ފުނިވަރު ބޮޑުވެ ޓޫރިޒަމް އިންޑަސްޓްރީއަކީ އެއްވެސް އެއްޗަކަށް ނުވާވަރަށް ބަންކަރިންގ ކުރިއަށް ޖައްސާލާނެއޭ ހީވާވަރަށް ބައިސާ ކެނޑިއެވެ.  

އެލޮން މަސްކް ލޮލަށް ހަމަ ނިދި ނައިސްގެން އުޅޭތަން ފެނުނީ ސައީދު މެދުވެރިކޮށް ރާއްޖެއަށް ޕޭޕާލް ނިޒާމް ތައާރަފް ނުކުރެވިގެންނެވެ. މިހެން ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ. އެކަމަކު ރަނގަޅު ވީކަމެއް ރަނގަޅު ވާކަމެއް ހަރާމުން ހަރާމެވެ. 

ބާޒާރުގެ އަގުތަކަށް އަތެއް ނުފޯރައެވެ. ކުރިން ލިބުނު ވަރާ ގާތަށްވެސް ބޭސްފަރުވާގެ ހިދުމަތެއް ނުލިބެއެވެ. ކަރަންޓް ބިލާއި ފެންބިލާއި އެހެންވެސް ހިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް ވިއްޔާ ވަނީ މަތި މައްޗަށް ބޮޑެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވާއިރު ލިބޭ ޢާމްދަނީ ވަނީ ދަށެވެ. އިންވެސްޓް ހޯދުމުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކަށް ބައިހަދާފައި ދަތުރުކޮށް ބޭރުފައިސާތައް ތަޅާއަޅަނީއެވެ. އިސްރާފް އެހާ ބޮޑެވެ.

ގިނަ ލާރި ހޯދަން ބޭނުންވެގެން އެޅިކުއްލި ފިޔަވަޅުތަކާހުރެ ޓޫރިޒަމް އެރައިވަލް ބަލަބަލާ ތިއްބާ މިއަހަރު ވެއްޓޭތަން ދެކެން ތިބޭށެވެ. އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބަނގުރޫޓް ވެއްޖެއެވެ. ޕާމަސީތަކާއި ކުލިނިކްތައް ދަރާވިކިގެން ދަނީ ތަޅު އަޅުވަމުންނެވެ. ކަންމަތީ ފިހާރަތައް ބަންދުވަނީއެވެ. ނަގާ ޖީއެސްޓީ ވަނީ އިތުރެވެ. މަސްވެރިކަމުގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ.

އާނއެކެވެ. ރާއްޖޭގެ އިންޕޯޓް އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. އިންޕޯޓުން ލިބޭ ފައިސާ ވެސް ދައުލަތަށް މަދުވެއްޖެއެވެ. އިންޕޯޓް ދަށްވެ އިންޕޯޓް ޑިއުޓީ ލިބުން މަދުވީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެގެން އިންޕޯޓަށް ބަރޯސާވުން ކުޑަވެގެނެއް ނޫނެވެ. ފަހަރުގައި ސަރުކާރުން ނިކުމެ އެހެންވެސް ބުނެފާނެއެވެ.

އިންޕޯޓް ދަށްވެ އިންޕޯޓް ޑިއުޓީ ލިބުން މަދުވީ މުދާ ގަތުމަށް ބޭނުންވާ ޑޮލަރު ލިބުން ދަތިވެގެންނެވެ. ކެއުންބުއިމަށް ކުރަން މަޖުބޫރު ކަމެއް ނޫން މަސައްކަތެއް ނުކުރެވޭ ވަރަށް ގައުމުގެ އިގްތިސޯދު ބޮއްސުން ލައިގެންނެވެ. އެތެރެކޮށްފައި ހުރި މުދާ ވިއްކައިގެން އަލުން މުދާ ގަންނަން ބޭނުންވާ ބޭރުފައިސާ ގަނެވޭ ވަރަށް ވިޔަފާރި ނުވަންޏާ އިންޕޯޓްކުރާ މުދާ ފަތުއަޑު ކިޔާފައި މަދުވާނެއެވެ. މަސްކަތްތައް ހުއްޓުމާ ޑޮލަރު އަގު އުފުލިފައި އޮތް އޮތުމަކީ އިންޕޯޓް ދަށްވާ ސަބަބެވެ. މިހާރު ރާއްޖެއަށް މިވަނީ މުއިއްޒާ ސައީދުގެ ނާގާބިލުކަމުން ވާނެ ހައެއްޗެވެ.