އަނިޔާވެރިންގެ ނިމުން ހިތިވެފައި އިބުރަތްތެރިވާނެ!

ފިރުއައުނުގެ ދޮލަނގުން ނިކަމެތި ރައްޔިތުންނާއި އައުވާނުން ކައިބޮއި އުޅުނެވެ. ކަލާނގެ ވަންތަކަން ދީގެން އުފަލާ މަޖާކުރުމުގައި ގިނަ ބަޔަކު އުޅުނެވެ. ކުފުރުގެ އަނދިރި ފަރުދާއިން ނަފްސްތައް ވަށާލާފައި އޮތުމުން އޭރު ގިނަ ބަޔަކުވީ ކަނު ބީރު މަންމަން ބަޔަކަށެވެ. އާރާއި ބާރު ހުރިވަރު ދެއްކުމަށް ވިލާގަޑަށް އަމުރުކޮށްގެން ވާރޭ ވެއްސުމުގައި ފިރުއައުނުގެ ކުފުރު ދެމިއޮތެވެ. ކަލާނގެ ވަންތަކަން ދީގެން ސަޖިދަކޮށް އުޅުނު ސިހުރުވެރިންގެ ސިހުރު ބާތިލުވެ ފިރުއައުނު ދޫކޮށް ގަދަ ކީރިތިވަންތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ސަޖިދަ ކުރަންދެންވެސް ފިރުއައުނު ކަލާނގެ ވަންތަވެގެން ހުއްޓެވެ.
ފިރުއައުނުގެ ކަލާނގެ ވަންތަކަން ގަބޫލުކުރި އެންމެ ފަހު މީހާއަށްވެސް ފިރުއައުނަކީ ކަލެއް ނޫންކަން ގަބޫލު ކުރެވެންދެން ގަދަކަން ދެއްކުމުގައި ފިރުއައުނު ދެމިހުއްޓެވެ. އާހިރުގައި ޖައްބާރު އަނިޔާވެރިޔާގެ އާރާއިބާރު ކެނޑުމުގެ ވަގުތު ޖެހުމުން ނިމިދާކަށް ލަހެއް ފަހެއް ނުވިއެވެ. ބައިވެރިއަކުނެތި މާ ކަނޑަށް ގަރަގު ވެގެން ދިޔައީ މަތިހަށި ނަގާފައި އެވަރެއް ނެތިގެން އުޅެއުޅެ ހުއްޓައެވެ.
ކޮންމެ އަނިޔާވެރިއެއްގެ ނިމުންވެސް ހިތިވެފައި އިބުރަތްތެރިއެވެ. ދުނިޔޭގެ ތާރީހު ހެކި ދައްކަނީ އެގޮތަށެވެ. ކިތަންމެ މަތި އޮމާން ކުރިޔަސް އެކަމުގައި ފަރަގެއް ނޯވެއެވެ. ހުސްގޮނޑި ދައްކައިގެން ނުރަކޫރު ތުނބުޅިއެއް ބަހައްޓައިގެން ނިއްކުރީގައި ލައްޖެހި ދީން ކޮޑަށް ލައިގެން އުޅޭ ވެރިޔަކަސް އެކަމުން އިސްތިސްނާ ވެގެން ނުވާނެއެވެ.
ދައުލަތް ދަވާލައިގެން އެތައް އާއިލާއަކަށް ބައިއަޅައިގެން ކުރާ ޖައްބާރުވެރި ކަމެއްގައި ކުރާނެކަމެއް ކުރާނެ ގޮތަކަށް ކުރެވޭނެއެވެ. ހައްގު ބަސްބުނާ މީހާ ވާނީ މޮޔަކަށެވެ. ގައުމުގެ ނަމުގައި ބަސް ބުނާނީ އުޑެއް ބުޑެއް ނޭނގޭ ޖާހިލުންނެވެ. މާމުގުރު މާވަޑިންނާއި މައިކުން ބާރަށް ބޫންއަޅުވާ މަދިރިއާއި ގެރިބޮލާއި ރުފިޔާ ގޯންޏެވެ. ބޮޑެތި ޖުވާރީންނާއި ސަރާބީންނާއި ކަސްބީންނެވެ. އިސްތިހާރާ ކޮށްގެން ރިޝްވަތު ނަގާ ޝޭހާއިންނެވެ. ރޭޕިސްޓުންނާއި ސާހިރުންނެވެ. ހަކީމީ ބޭހާއި ރުގުޔާއަށްވުރެ ޅެމުން ފަރުވާއަށް އިސްކަންދޭ އިސްވާރުންނެވެ.
ކޮންމެ ޖައްބާރުވެރިއެއްގެ ބާރުވެރިކަން އިތުރުކޮށް ދިނުމަށް އަމިއްލަ ކަރުގައި ވާޖެހިގެންއުޅޭ އެތައް ބަޔަކު ތިބޭނެއެވެ. ގާނޫނު ހަދަން ތިބޭނީ އަމިއްލަ އަނބިދަރިންވެސް ވެރިޔާއަށް ވެދުންކުރަން ފަސްނުޖެހޭ ވަރުގެ އަޅުންނެވެ. ފަނޑިޔާރު ކަމުގެ ގޮނޑީގައި ތިބޭނީ ވެރިޔާގެ ގޮނޑިކޮއްކޮއިންނެވެ. ހައްގު ހޯދަން ދާނެ ތަނެއް ކުރެވޭނެ ކަމެއް ރައްޔިތުން ތިބޭނީ ވެރިންގެ ތުނބުން ވެއްޓޭ ބަތްފުށް ހޮވާކާށެވެ.
ބޭރުގެ އިސްތިއުމާރަކަށްވުރެ އަމިއްލަ ބިމުން ނިކުންނަ އަނިޔާވެރިއެއްގެ ޖައްބާރުކަމާއި އަނިޔާވެރިކަން ބޮޑުވާނެއެވެ. އަނިޔާވެރި ޖައްބާރުވެރިން ދެކޭނީ މުޅި ގައުމަކީ ތިމާގެ އަމިއްލަ މިލްކެއްގެ ގޮތުގައެވެ. ގޮށްމުށުގެ ވެރިންނަށް ރައްޔިތުންނަކީ އަޅުންނެވެ.