ކުދި ރަށްރަށުގައި ސަރުކާރުން ވަޒީފާތަކެއް އުފައްދަނީ ކީއްވެ!
ގިނަ ބަޔަކަށް ވަޒީފާ ދީގެން އުފުލަންޖެހޭ ބުރަޔަށްވުރެ ވަޒީފާ އިތުރުވުމުން ރައްޔިތުންނަށް ވާފައިދާ މާ ބޮޑު
ސަރުކާރު ކުންފުނި ތަކުން ގިނަ ބަޔަކަށް ވާޒީފާ ދޭތީ ކަން ބޮޑުވެގެން ބަޔަކު އެބަ އުޅެއެވެ. ކުދި ކުދި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް ވަޒީފާ އުފައްދާ ގިނަ ބަޔަކަށް ވަޒީފާދިނުމަކީ ފައިދާއެއް ނެތް ބޮޑު ގެއްލުމެއް ގޮތުގައި ސިފަ އެބަ ކުރެއެވެ. ދައުލަތުގެ ދަރަނި ބޮޑުވާ ސަބަބެއް ކަމުގައި އެކަންކަން އެބަ ފާހަގަކުރެއެވެ. ސަރުކާރު ކުންފުނި ތަކުން ރަށްރަށުގައި ވަޒީފާ އުފައްދާ ގިނަ ބަޔަކަށް ވަޒީފާ ދޭ ދިނުމާއި މެދު ރަނގަޅު ވިސްނުމަކުން ވިސްނާލަމާ ހެއްޔެވެ.
ތެދެކެވެ. ވަޒީފާ އިތުރު ކުރުމުން މުސާރަ ދޭން ޖެހޭ މީހުން ގިނަވާނެއެވެ. މުސާރައަށް ކުރާ ހަރަދު ބޮޑުވާނެއެވެ. ސަރުކާރުގެ ކުންފުނި ތަކުގެ އޯވަރހެޑް ބޮޑުވާނެއެވެ. އެހެނެއް ކަމަކު ރަނގަޅަށް މެނޭޖު ކޮށްގެން އުފެއްދުންތެރިކަން އިތުރު ކުރުމާއެކު މުއައްޒަފުންނަށް ލޯޑް ކުޑަކޮށް މަސައްކަތުގެ ވެއްޓަށް ދިރުން ގެނެވޭނެއެވެ. އެކަން ކަމަށް ވުރެ ބޮޑު އެހެން ކަމެއްވެސް މުއައްޒަފުން އިތުރު ވުމުން ވާނެއެވެ.
ރައްރަށުގައި ވަޒީފާ އަދާކުރާ މީހުން ދެ އަތުގެ އިނގިލި ތަކުން ގުނާ ލެވޭހާ މަދުވުމުން ރަށްރަށުގެ ދިރުން ކެނޑިފައި އޮތްކަން ދެނެ ހުރިން ހެއްޔެވެ. މުސާރަ ލިބުނު ވަކި ދެތިން މީހަކު ނޫނީ ދެން ތިބި އެންމެން އުޅުނު ހާލު އެނގޭ ހެއްޔެވެ. ވަޒީފާ ހޯދަން ރަށުން ބޭރަށް ގިނަ ބަޔަކު ގޮސް ރަށުގައި ތިބި އަނބި ދަރިން ބިކަވެ އާއިލާތައް ރޫޅި އުފުލަން ޖެހުނު ތަކުލީފީ ވޭންތައް އިހުސާސެއް ނުވޭ ހެއްޔެވެ.
ގިނަ ބަޔަކަށް އެމީހުން އުޅޭ ރަށުން ވަޒީފާ ދީގެން ދައުލަތުން އުފުލަންޖެހޭ މާލީ ގެއްލުމަށް ވުރެ ޖުމްލަ ގޮތެެއްގައި މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އުފުލަންޖެހޭ ތަކުލީފާއި ވާ ގެއްލުން ސަރުކާރު ތަކަށް މާބޮޑެވެ. ލިބޭ ވަގުތީ މާލީ ގެއްލުން ހައްލު ކުރުމަށް ވިސްނުންތެރި ކަމާއެކު ސަރުކާރަށް ކުރެވޭނެ ކަންތައް ބައިވަރެވެ.
ގިނަ ބަޔަކަށް ވަޒީފާ ދީގެން ދައުލަތަށް އުފުލަން ޖެހޭ ބުރަޔަށް ވުރެ އާއްމު ރައްޔިތަށް ވަޒީފާ އިތުރުވުމުން ވާ ފައިދާ މާ ބޮޑެވެ. ރައްޔިތުންގެ އެތައް ގޭބިސީ އަކަށް އެކަށީގެންވާ އާމްދަނީއެއް މަހުން މަހަށް ގަވައިދުން ލިބިގެން ދެއެވެ. ކޮންމެ އާއިލާ އެއްގެ އެކަކަށް ނަމަވެސް މަހުން މަހަށް ކަނޑައެޅިފައި އޮންނަ އާމްދަނީއެއް ލިބޭނެ ކަމުގެ ކަށަވަރުކަން ލިބުމަކީ ރައްޔިތުން ހަމަޖެހިގެން ދިރިއުޅޭން ފަހިވާ ފަހިވުމެކެވެ. ކޮންމެ ރަށަކަށް މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނުމަކީ އެ ރަށެއްގައި ދައުރުވާ ފައިސާ އިތުރު ވާނެ ކަމެކެވެ.
ދައުރުވާ ފައިސާ އިތުރުވީ ވަރަކަށް ރައްޔިތު މީހާގެ އުފެއްދުން ތަކަށް އަގު ލިބެންފަށައެވެ. ވިޔާފާރިތައް ފުޅާވެއެވެ. ހިދުމަތްތައް އިތުރުވެ ދޭ ހިދުމަތަށް އަގު ލިބެއެވެ. ކުންފުތަކުގެ މުއައްޒަފުން ނޫން އެހެން މީހުންގެ
ހަނދާން އައުކޮށްލާށެވެ. 65 ފަހަރުން މަތީގެ މީހުނަށް ޕެންސަން ފައިސާ ލިބެން ފެށުމުން ރަށްރަށުގެ އާއިލާ ތަކަށް އާރޯކަން ލިބިގެން ދިޔަ ނޫން ހެއްޔެވެ. ޕްރައިވެޓްސެކްޓަރ ވަރުގަދަ ވާނީ ވެސް ވަޒީފާއެއް އޮވެ އެ ވަޒީފާއިން ލިބޭއެއްޗެއް ރައްކާ ކޮށްގެން އާމްދަނީ ލިބޭނެ އެހެން މަސައްކަތްތައް އަމިއްލަ މީހުން ފަށައި ގަތުމުންނެވެ. ވަޒީފާގެ ގަރަންޓީއަށް ލޯނާއި އެހެން އިނާޔަތްތައް ހޯދައިގެން އަމިއްލަ މަސައްކަތެއް ފެށުމަށް ވެސް މީހުނަށް ވަޒީފާ ދިނުން މުހިންމެވެ.
އަމިއްލަ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ތަފާތު ވަނީ އެހެން ވެގެންނެވެ. އަމިއްލަ އެއްވެސް ކުންފުންޏަކީ ރައްޔިތުމީހާއަށްޓަކާ މަސައްކަތްކުރާ ބައެއް ނޫނެވެ. އެކުންފުނި ތަކުން ސީދާ ފައިދާއެއް ނެތް އެއްވެސް ކަމަކަށް ހޭދައެއް ނުކުރާނެއެވެ. ސަރުކާރު ކުންފުނި ތަކުގެ އަމާޒަކަށް ވާނީ ދެވޭ ހިދުމަތްތައް ދެމެހެއްޓުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދީ ގޮތް ހޯދާ ދިނުމެވެ. އެހެންކަމުން ސަރުކާރު ކުންފުނި ތަކުން ކުރާ ހުރިހާ ކަމަކީ ވަގުތުން ވަގުތައް އެކަމުގެ ސިދާ ނަފާ ފެންނަށް ނުހުންނަ ކަންތައް ތަކަކަށް ވެދާނެއެވެ.