މުއިއްޒު ޑޮލަރުތައް ތަޅާލީ ގައްޑާވާން!
އިންޑިއާއަށް ބަރޯސާ ނުވާކަން ދައްކަންކުރި ކަންކަމުން ހަރަދުވާންނުޖެހޭ އެތައް ފައިސާއެއް ހަރަދުވި
ޑރ. މުއިއްޒު ވެރިކަމުގައި މިވީ ނުވަ މަސް ދުވަހު ރާއްޖެއަށް ވަދެފައިވާ ޑޮލަރުގެ ނިސްބަތް މަދެއްނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަން އޮތީ އާއްމު ހާލަތުގައެވެ. ދައުލަތަށް ކުރިންވެސް ވަންނަމުން ދިޔަ ނިސްބަތުގައި ބޭރުފައިސާ ހުރީ ވަދެވަދެއެވެ. ރާއްޖެ އޮތީ ކާރިސާއެއްގެ ތެރެއަކު ނޫނެވެ. މުއިއްޒުވެރިކަމުގައި ހޭދަވި ނުވަމަސް ތެރޭގައި ދައުލަތުން ފައިސާ ހެޭ
ދަކޮށްގެން އެއްވެސް އައު ޕްރޮޖެކްޓެއް ނުފަށައެވެ. ކުރީ ސަރުކާރުން ހިންގަމުން އައި ގިނަ ޕްރޮޖެކްޓްތައް ވެސް ހުރީ ހުއްޓިފައެވެ. ބޭރުގެ ދަރަނި އަދާކުރުމަށް ފައިސާތަކެއް ހަރަދެއް ނުކުރެއެވެ. އެހެން ކަމުން ބޭރުފައިސާއިން އިސްރާފު ނުކުރާނަމަ ދައުލަތަށް ލިބޭ ބޭރު ފައިސާ އާދަޔާ ހިލާފަށް ހަރަދުވެ ހުސްވާން ޖެހޭ ސަބަބެއް އަދި ނެތެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ޑޮލަރު ހުސްވާ ސަބަބެއް ކަމަށް ބުނެ ސަރުކާރުން މިހާރު ދައްކާ ބަހަނާއަކީ ބޭރުގެ ދަރަނި ދެއްކުމާއި ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ގަތުމާއި ބޭންކު ތަކަށް ޑޮލަރު ދޫކުރުމެވެ. އެކަން ކަމަށް ހުރިހާ ސަރުކާރަކުން އަބަދުވެސް ހަރަދު ކުރެއެވެ. ކޮވިޑްގެ ދެ އަހަރު އާމްދަނީ ހުއްޓިފައި އޮތް އިރުވެސް އެކަން ކަމަށް ހަރަދު ކުރިއެވެ. އެކަމަކު ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ރުފިޔާ އެކައުންޓުން ޑޮލަރުގެ ޓްރާންސެކްޝަން ނުހެދޭ ވަރަކަށް ނުދެއެވެ.
ތެދެކެވެ. ބޭރުގެ ދަރަނި އޮތީ އިންތިހާގައެވެ. އެހެނެއްކަމަކު މުއިއްޒު ސަރުކާރަށް މިވީ މުއްދަތުގައި ބޭރުފައިސާ ހުސްވެ ގޮތް ހުސްވާ ވަރަކަށް އެބުނާ ދަރަންޏެއް ދެއްކީއެއް ނޫނެވެ. ދެއްކުން ލަސްކޮށްލެވެން އޮތް 50 މިލިޔަން ޑޮލަރު އިންޑިއާއަށް ދެރަނުވާން ދެއްކި ދެއްކުމަށް ނޫނީ އަދިއެއް ބޭރުގެ ދަރަންޏަކަށް ބައިސެންޓް ވެސް ދެއްކީއެއް ނޫނެވެ.
ހެޔޮވަރު ވަރަކަށް ބޭރު ފައިސާ ވަންނަމުން ދިޔަނަމަވެސް ބޭނުން ކުރެވެން ހުރި ރިޒާވް ހުސްވަނީ މުއިއްޒު ސަރުކާރުގެ އިސްރާފް ބޮޑުވެގެންނެވެ. ތިމާމެން ވަރެއް ނެތިގެން އިންޑިއާއަށް ބަރޯސާ ނުވާކަން ދެއްކުމަށް ކުރި އެތައް ކަމަކުން ހަރަދުވާން ނުޖެހޭ އެތައް ފައިސާއެއް ހަރަދުވެގެން ދިޔައީއެވެ. އެތައް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން ތުރުކީން ގަނެފައިވާ ޑްރޯނަކީ އޭގެ އެއްމިސާލެވެ. ބޭންކޮކާ ދުބާއީން އާސަންދަ ދިނުމަކީ އޭގެ އަނެއް މިސާލެވެ. ފައިސާ ދެއްކުން ފަސްކޮށްލެވެން އޮތް ދަރަންޏެއްގެ ބައެއް ދެރަނުވާން އިންޑިއާއަށް ދެއްކި ދެއްކުމަކީވެސް މަރުކަޒީ ބޭންކުން ޑޮލަރު މަދުވި ސަބަބެކެވެ.
އައު ކުޅަކަށް ގައުބިހެން އެޅުނީމާ ވާހެން ވެރިކަން ލިބުމާއެކު ދުނިޔެ ބަލައިލަން ސަރުކާރުގެ ވެރިން ބައިހަދާފާ އެތައް މިތަނަށް ކުރި ހޮޅި ދަތުރުތަކަށް ޑޮލަރު ހަރަދު ކޮށްފައި ވަނީ މަދެއް ސުމާރެއްކޮށް ނޫނެވެ. ރައީސް މުއިއްޒު ޗައިނާއާއި ދުބައީއާއި ތުރުކީ ފަދަ ތަންތަނަށް ކުރި ދަތުރުތަކުގައި ބައިވެރިވި މީހުންގެ އަދަދުތަކަށް ބަލާލިޔަސް ތަލިން ކުޅު ހިކެއެވެ. ސަރުކާރުގެ ވަޒީރުން ހިމެނޭ މަތީފެންވަރުގެ ބިޔަ ވަފްދެއް ދެ ވަފުދު ބޭރުގައި ނެތް އިރެއްނުދެއެވެ. އެހެން އުޅެގެން އެއްޗެއް ލިބޭނަމަވެސް ރަނގަޅެވެ.
ސަރުކާރުގެ ވެރިންގެ ބޭރު ދަތުރުތަކަށް ހޭދަވި ޑޮލަރުގެ އަދަދު ބަލާލުމުން ފިއްކަޑައިގެން ދެއެވެ. ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް ގެ ރައީސްގެ ދަތުރު ތަކުގައި ބައިވެރިވީ މީހުންގެ އަދަދާއި ހޭދަވި ޑޮލަރުގެ އަދަދަށް ބެއްޔަސް ރާއްޖޭގައި ޑޮލަރުގެ ހާލަތު ގޯސްވާ ގޮތް ފެންނާނެއެވެ.