ހޮޅިވެރިކަމެއްގާ ފަތުރުވެރިކަން ނޭވާ ހޮޅިއަށް
ރިސޯޓްތަކާއި ގެސްޓްހައުސްތައް ބަންދުކުރަންޖެހި ލޯނުނުދެއްކި ދަރާވިކި ގެދޮރު ނީލަން ކިޔާނެ
އިއްޔެއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ކަޅު ދުވަހެކެވެ. ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަތިލަން ވަޅިތޫނު ކުރާންފެށި ދުވަހެވެ. ސަމާސާ ރާގެއްގައި ދައްކާލެވޭ ވަރަށްވުރެ ކަމަކީ ސީރިއަސް ކަމެކެވެ. އިއްޔެއަކީ މުޅި ގައުމަށް އަންނަން އޮތް ބިރުވެރި ކަމެއްގެ ފެށުން ފެށުނު ދުވަހެވެ.
އިއްޔެއިން ފެށިގެން ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ހައްގަކާނުލާ ޓެކްކުހުގެ ގޮތުގައި އެތައް ސަތޭކަ ޑޮލަރެއް ނަގަން ފަށައިފިއެވެ. ފަތުރުވެރިންނަށް ރާއްޖޭދޭ ހިދުމަތެއްގެ ކުޑަ މިންވަރެއް ވެސް ރަގަޅެއް ނުވެއެވެ. ލިޔެއްނުވެއެވެ. ވިއްޔާވީ ގޯހެވެ. ވީ އުނދަގުލެވެ. އެއަރޕޯޓް ޑިވްލޮޕްމަންޓްފީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ނަގާއިރު އެއަރޕޯޓުން ގެސްޓުމީހާއަށް ލިބޭ ހިދުމަތް ސުމެކެވެ. އެއަރޕޯޓް ޑިވްލޮޕްމަންޓްފީގެ ނަމުގައި ކިތަންމެ ޑޮލަރެއް ނެގިޔަސް ހުޅުލެއަށް އެރީއްސުރެ ބޯޓް ނައްޓާލަންދެން އެއަރޕޯޓުގެ ފަރާތުން ގެސްޓުމީހާއަށް ލިބޭ އެހިތެރިކަމެއް ލުޔެއް ފަސޭހައެއް ވަކިނޯވެއެވެ. ފާހާނާއަކަށް ވަނަސް ބޯފަޅައިގެން ދާހާވެއެވެ. ޓިސޫކޮޅެއްހާ ހިސާބު ނުހުންނަނީ މަދެއްކޮށް ނޫނެވެ. އެވާހަކަ ބާއްވަމާ ހެއްޔެވެ.
ފުރާ ކޮންމެ ގެސްޓެއްގެ އަތުން އެއަރޕޯޓް ޑިވްލޮޕްމަންޓް ޗާރޖުގެ ނަމުގައި ކުރިން ނެގި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރ އިއްޔެއިން ފެށިގެން ނަގާނެއެވެ. އެކޮނޮމީ ކްލާހުން ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން ކުރިންނެގި 30 ޑޮލަރުގެ ބަދަލުގައި ދެން ނަގާނީ 50 ޑޮލަރެވެ. އެހެން ކަމުން ކުރިން ފުރާ ކޮންމެ ގެސްޓަކު ހޭދަކުރި 60 ގެ ބަދަލުގައި އެކޮނޮމީ ކުލާހުން ދަތުރުކުރާ ކޮންމެ ބަޖެޓް ގެސްޓަކު މިހާރު 100 ޑޮލަރު ދައްކަން ޖެހެއެވެ.
ވީޑިއޯ: ފަސްޓްޕޯސްޓް އެމެރިކާ
ޓޫރިސްޓެއް ދިވެއްސެއް ތަފާތުނުކޮށް ބިޒްނަސް ކްލާހުގައި ފުރާ ކޮންމެ ގެސްޓް ޓެއްގެ އަތުން އެއަރޕޯޓް ޑިވްލޮޕްމަންޓަށާއި ޑިޕާޗަރ ޓެކުސްގެ ގޮތުގައި ކުރިންނަގަނީ ޖުމްލަ 120 ޑޮލަރެވެ. ނަމަވެސް އިއްޔެއިން ފެށިގެން 240 ޑޮލަރު ނަގައެވެ. އަނެއްކޮޅުން ފަސްޓްކުލާހުން ދަތުރުކުރަންޏާ ކޮންމެ މީހެއްގެ އަތުން ކުރިންނެގި 240 ޑޮލަރގެ ބަދަލުގައި އެއަރޕޯޓް ޑިވްލޮޕްމަންޓަށާއި ޑިޕާޗަރ ޓެކުސްގެ ގޮތުގައި މިހާރު ނަގަނީ 480 ޑޮލަރެވެ.
ޕްރައިވެޓް ޖެޓްގައި ފުރާ ކޮންމެ މީހެއްގެ އަތުން އެއަރޕޯޓް ޑިވްލޮޕްމަންޓް ފީއަށާއި ޑިޕާޗަރ ޓެކްސްއަށް ކުރިންނެގީ 480 ޑޮލަރެވެ. އިއްޔެއިން ފެށިގެން ޕްރައިވެޓް ޖެޓްގައި ފުރާ ކޮންމެ މީހަކު 960 ޑޮލަރ ދައްކަންޖެހެއެވެ. ޑިޕާޗަރ ޓިކްސްއާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީ ދެގުނަ ބޮޑުކޮށް ގްރީންޓެކްސް ދެގުނަ ބޮޑުކޮށްލުމަކީ ރާއްޖޭގެ ޓޫރިޒަމަށް ސަރުކާރުން ދިން ނުރައްކާތެރި ހަމަލާއެކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތަށް ދިން ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ.
ފައިސާގެ ދަހިވެތިކަމުގައި ރާއްޖޭގެ ޓޫރިޒަމަށް ސަރުކާރުން ދިން މިހަމަލާގައި ފުޑިގެންދާނީ އެއްބައެއް ދެބައެއް ނޫނެވެ. އާދައިގެ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށް އަންނަ ބަޖެޓް ގެސްޓުންކުރެ ކޮންމެ މީހެއްގެ ޓިކެޓްގެ ތެރެއަށް އިތުރު 40 ޑޮލަރއާއި ޖީއެސްޓީ ވަނުމުން ބަޖެޓްކޮށްގެން އަންނަ ގެސްޓުން އައުން އެތައް ތަނެއް މަދުވެގެން ދާނެއެވެ.
ނަތީޖާއަކަށް ވާނީ ބޮޑެތި ލޯނު ނަގައިގެން އިންވެސްޓްކޮށްގެން އުޅޭ އާދައިގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލުމެވެ. ހާލަކުން އަންނަ މަދު ގެސްޓުން ކޮޅަށްވެސް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވުމެވެ. އާދައިގެ ރިސޯޓްތަކާއި ގެސްޓް ހައުސްތައް ބަނގުރޫޓްވެ ބަންދު ކުރަން ޖެހުމެވެ. އެ ތަންތާނގެ ވެރިން ލޯނުތައް ނުދެއްކިގެން ދަރާވިކި ގެދޮރު ނީލަން ކިޔާ ހިސާބަށް ދިޔުމެވެ.