އެމްއެމްއޭ ނިންމީ ތައުރީފް ހައްގު ނިންމުމެއް: ފައްޔާޒު

ހަމައެކަނި މި ފިޔަވަޅުން ޑޮލަރުގެ މާރުކޭޓުގެ މައްސަލަތައް ހައްލެއް ނުކުރެވޭނެ

އެމްއެމްއޭ ނިންމީ ތައުރީފް ހައްގު ނިންމުމެއް: ފައްޔާޒު

ސަރުކާރުން ފަތުރުވެރިކަމުގެ ހުރިހާ އާމްދަނީ ދިވެހިރާއްޖޭގައި ޖަމާކުރުމަށާއި ކޮންމެ ފަތުރުވެރިއަކަށް ޑޮލަރު ވިއްކަން މަޖުބޫރުކުރުމަށް ގެނައި އެންމެ ފަހުގެ ބަދަލުތަކަކީ ބޭރު ފައިސާގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ނިންމި އެންމެ މުހިންމު ނިންމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިގްތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ފިޔަވަޅުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ފައްޔާޒު ވިދާޅުވެއެވެ. އަދި މިއީ ތައުރީފު ހައްގު ކަމެއް ނަމަވެސް މިކަން ތަންފީޒު ކުރުމުގައި މައްސަލަތަކެއް ހުންނާނެ ކަމަށް ފައްޔާޒު ދެކިވަޑައިގަންނަވައެވެ. 

ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ވިއްކަން މަޖުބޫރުކުރުމަށް 2022 ހިސާބުގައި އޭރުގެ ކެބިނެޓުން ނިންމިއެވެ. އަދި ބޭރު ފައިސާ ލިބޭ ފަރާތްތަކަށް އެފަރާތްތަކުގެ މުހިންމު ބޭނުންތައް ފުއްދައިދޭނެކަމުގެ ޔަގީންކަން ދިނެވެ. ނަމަވެސް، ޓީޖީއެސްޓީ އިތުރުކުރުމާއި ކޮވިޑް-19 އިން އަރައިގަތުމުގެ މަސައްކަތް ކުރިއަށްދާތީ، މި ބަދަލަށް ވިޔަފާރިތައް ތައްޔާރުވެފައި ނެތުން ފަދަ އެކި ސަބަބުތަކާ ހުރެ އެމްއެމްއޭ އިން މި ނިންމުން ތަންފީޒެއް ނުކުރެވުނުކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވާގޮތުން  މި ފިޔަވަޅު އެކަނި އަޅައިގެން ޑޮލަރުގެ މާރުކޭޓުގެ މައްސަލަތައް ހައްލެއް ނުކުރެވޭނެއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ބޭކާރު ހަރަދުތައް މަދުކޮށް، ފައިސާގެ ސިޔާސަތު ހަރުދަނާކޮށް، ފައިސާ ބަދަލުކުރާ މުއައްސަސާތަކުގެ މޮނިޓަރިންގ ރަނގަޅުކުރުން ފަދަ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މެކްރޯ އިކޮނޮމިކް ހަމަޖެހުން އަނބުރާ ގެނައުމަށް މަސައްކަތްކުރުން މުހިންމު ކަމަށެވެ.

ސަރުކާރުން މި ނިންމުން އަލުން މުރާޖައާކޮށް، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރުގެ ވަކި ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ އިންސައްތައަކަށް ބަދަލުކުރަން ޖެހޭ ކަމަށް ފައްޔާޒު ދެކިވަޑައިގަންނަވައެވެ.

ފައްޔާޒު ވިދާޅުވާ ގޮތުގައި މިހާރު މި ސިޔާސަތު އޮތްގޮތުން، ގެސްޓްހައުސްތަކާއި ދަށް ފަންތީގެ ރިސޯޓުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެއެވެ. އެއީ މިފަދަ ތަންތަނަށް ދިވެހި ރުފިޔާއިން ފައިސާ ދައްކާ ފަތުރުވެރިން އިތުރުވަމުން އަންނާތީއެވެ. ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކުގެ މެދުގައި ކުރެވޭ ތަފާތުކުރުމުން، ލައިވްއަބޯޑް އިންޑަސްޓްރީއާއި މެދު ފަންތީގެ ރިސޯޓުތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.

ސަރުކާރަށާއި އެމް.އެމް.އޭ އަށް އެމްޑީޕީގެ ޗެއަރޕާސަން އޮނަރަބަލް ފައްޔާޒު އިސްމާއީލު ގޮވާލައްވަނީ، މަސްލަހަތު އޮތް އެންމެންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މިހާރުގެ ގަވާއިދު މުރާޖައާކޮށް، ކުރިއަށް ދާނެ ގޮތަކާމެދު ވަރުގަދަ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށެވެ. އެހެންނޫނީ މި ގަވާއިދުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދެމިއޮތުމަށާއި، ކުރިމަގުގައި ބޭރުގެ އިންވެސްޓްމަންޓް އައުމަށް އަސަރު ކޮށްފާނެ ކަމަށް ފައްޔާޒު ދެކިވަޑައިގަންނަވައެވެ.