މުއިއްޒު ދެއްވަނީ ވައުދު ނުފުއްދަވާނެ ކަމުގެ ސިގްނަލް
މުއިއްޒު ރައްޔިތުންނަށް ދައްކަނީ ދަރަނީގެ ބިރު
ވެރިކަން ހޯދުމަށްޓަކާ ބޮޑެތި ވައުދުތަކެއް ކޮންމެ ކެންޑިޑޭޓަކުވެސް އަންނަނީ ވަމުންނެވެ. ގާސިމް އިބްރާހީމާއި ކާނަލް ނަޒިމާއި އިލްޔާސް ލަބީބާއި ފާރިސް މައުމޫނާއި ޒަމީލު ވީ ވައުދުތަކުގެ ވާހަކަ މިހާރަކު ދައްކާނެ ކަމެއް ނެތްތާއެވެ. އެ މީހުންވީ ވައުދު ފުއްދަން ރައްޔިތުން އެ މީހުނަށް ފުރުސަތެއް ނުދިނެވެ.
ވީ ވައުދު ފުއްދަން މިހާރު ފުރުސަތު ރައްޔިތުން ދޭނީ ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެ ބޭފުޅުން ކުރެ ކޮންމެވެސް އެއް ބޭފުޅަކަށެވެ. ރައީސް ސޯލިހަށް އެ ފުރުސަތު ދެވަނަ ފަހަރަށް ލިބި ވަޑައިގެންފި ނަމަ ރައީސް ސޯލިހު އެކަންކަން ކުރައްވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ރައީސް ސޯލިހު ވަނީ އެކަން ސާބިތުކޮށް ދެއްވާފައެވެ.
ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން މުޅި ދުނިޔެ ބަންދުވެ ގައުމުތަކަށް އާމްދަނީ ލިބުން ހުއްޓުނެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދިޔައީ ގައުމަށް އެއްވެސް އާމްދަނީއެއް ނުލިބިއެވެ. އޭރު އިސްކަންދެއްވީ ރައްޔިތުން ގެ ފުރާނަ ސަލާމަތްކޮށް ބަނޑުފުރާނަ މުއްތިކޮށް ރައްޔިތުން މިންޖު ކުރެއްވުމަށެވެ. ރައީސްގެ ދުރު ވިސްނުންފުޅާ ހިކްމަތްތެރި ކަމުން ރައްޔިތުންގެ އާއްމު ހާލަތު ގޯހުން ގޯހަށް ނުގޮސް ހިފެހެއްޓުނެވެ. ކޮވިޑްގެ ދަތި ހާލަތުގައި ވެސް ބައެއް މަޝްރޫއުތައް ހުއްޓާ ނުލައްވާ ކުރިއަށް ގެންދެވިއެވެ. އާމްދަނީގެ ގޮތުގައި އެންމެ ފައިސާ ފޮއްޗެއް ދައުލަތަށް ނުވަންނައިރުު ވެސް ފައިސާ ނެތް ކަމަށް ވިދާޅުވެ ރައްޔިތުންނަށް ހިދުމަތް ދިނުން ހުއްޓަވައެއް ނުލައްވައެވެ. ސަރުކާރު މުއައްޒަފުން ގޭގައި ބައިތިއްބަވައިގެން ވެސް މުސާރަ ދެއްވިއެވެ.
ކޮވިޑްގެ ހާލަތު ހަމަޔަކަށް އަޅުވާ އެންމެ ފުރަތަމަ ބޯޑަރ ހުލުވާލެވުނު އެއް ގައުމަކީ ރާއްޖެއެވެ. ބޯޑަރ ހުޅުވުމާއެކު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލަކަށް ޖެހިޖެހިގެން ތިން އަހަރު ރާއްޖެ ހައްދަވާ ކޮވިޑްގެ ކުރީން އޮތް ހާލަތަށް އާމްދަނީ އިޔާދަ ކުރެއްވީ ޔުކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔެ ވަރަށް ބޮޑަށް ނުތަނަވަސް ވެފައި އޮއްވައެވެ. ދަތި އުދަގޫ ތަހައްމަލު ކުރައްވަމުން ވެސް އަސާސީ ހިދުމަތްތައް ރަށްރަށުގައި ގާއިމުކޮށްދެއްވާ ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގެވީ ސުމާރެއް ނެތް ވަރަށެވެ. ފައިސާ ނެތިގެން ކުކުރާ ވެސް ނުލައްވައެވެ. ފައިސާ ނުލިބުމުގެ ބަހަނާގައި ކުރައްވަން ޖެހުނު ކަމެއް ނުކުރައްވާ ދުލެއް ނުކުރައްވައެވެ.
ފައިސާ ހޯއްދަވާނެ ގޮތް އެނގިވަޑައިނުގެން މަޔޫސްވެ ވަޑައެއް ނުގަންނަވައެވެ. މުއައްޒަފުންގެ މުސާރަ ބޮޑުކޮށް ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ރައްޔިތުންނަށް ލޯނުތައް ދެއްވާ ދަތުރު ފަތުރުގެ ނިޒާމުން ހައި ސްޕީޑްގައި ރަށްތައް ގުޅާލައްވާ ރާއްޖެ ބޮޑުތަނުން ބަދަލުކޮށް ލެއްވިއެވެ. ދަރަނި އަދާކުރާނެ ގޮތް އެނގިވަޑައިނުގެން ގޮސް ހުސްވެގެން ނޫޅުއްވައެވެ. ދަރަނި މެނޭޖު ކުރައްވާ ގައުމީ ރިޒާވް އެއްދުވަހުން އަނެއް ދުވަހަށް ގެންދެވީ ބޮޑު ކުރައްވަމުންނެވެ.
އެހެންނަމަވެސް ޑރ. މުއިއްޒާ އޭނާގެ ޓީމް ތަފާތެވެ. ރާއްޖޭގެ ދަރަނި ބޮޑުވެގެން އެ ތިބެނީ ފިއްކަޑައިގެން ގޮސް ގޮހެވެ. ދަރަނި މެނޭޖް ކުރެވިދާނެ ކަމާމެދުވެސް އެތިއްބަވަނީ ޝައްކު ކޮށްކޮށެވެ. ހުއްޓާނުލާ ދަރަނީގެ ވާހަކައިން ރައްޔިތުން ގަންނަވަނީ ބިރެވެ. ގައުމު ހަމަ މަގުގައި ނެގެހެއްޓޭނެ ކަމުގެ އުންމީދެއް އެ ބޭފުޅުންގެ ނެތެވެ. ގައުމީ ރިޒާވްގައި ހުރިކަމަށް ބުނަނީވެސް ލައްޑޫއެވެ. އެވަރަށް އެތިއްބެވީ މާޔޫސް ވެފައެވެ. އެކަމަކުވެސް އެއުޅުއްވަނީ ވެރިކަން ހޯއްދަވާށެވެ.
ފުލުފުލުގައި އެތައް ވައުދެއްވެ ވަޑައިގަތަސް ވެރިކަމަށް ޑރ. މުއިއްޒަށް ވަޑައިގެންނެވި ވިއްޖެ ނަމަ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްވުރެ ނުފުއްދެވުން ގާތެވެ. ދައުލަތުގައި ފައިސާ ނެތްކަމުގެ ބަހަނާ ދައްކަވައިގެން ބައްލަވާނީ ކަމެއްވިއްޔާ ނުކޮށް ވޭތޯއެވެ. މި ސަރުކާރުން ފަށާފައި ހުރިކަންކަން ހުއްޓާލުމާ ފަސްކޮށް ލަސްކޮށް ބަދަލުތައް ގެނައުން ނޫން ކަމެއް ނުކުރައްވާނެއެވެ. ހަރަދު ކުޑަ ކުރުމުގެ ނަމުގައި މުއައްޒަފުން ވަޒީފައިން ވަކިކޮށް މަގުމަތިކޮށް ބިކަ ކުރުން ނޫން ކަމެއް ނުކުރައްވާނެއެވެ. އެކި އެކި މަގާމުގައި އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުންނާ ކުރައްވާ ޓްވީޓްތަކުން ވެވަޑައިގަންނަވާ ވައުދުތައް ނުފުއްދަވާނެ ކަމުގެ ސިގްނަލްތައް އެހުރެ ދަނީ ފެންނަމުންނެވެ.