މުއިއްޒު ޑިޖިޓަލައިޒް ކުރަނީ ދޮންކަޅު އަންގާނުލާ ވައްކަންކުރަން!

މުއިއްޒު ޑިޖިޓަލައިޒް ކުރަނީ ދޮންކަޅު އަންގާނުލާ ވައްކަންކުރަން!

އެންމެނަކު ތިބީކީ ލޮލަށް މިރުސް އެޅިފައެއް ނޫނެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ ކޮންމެ ނަމެއްދީގެން މުއިއްޒު ކުރަން އުޅޭކަމަކަށް ހެދިޔަސް އެކަން ގަބޫލުކުރާނެ މީހަކު ނެތެވެ. "ވަންގަވް" ގެނަމުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަަތް ފަށާ %90 މަސައްކަތް ނިންމާފައި ވަނިކޮށް މުޅިން އަލަށް ކުރާކަމަކަށް ހަދައިއިގެން މުއިއްޒު އަޅިބުރުވިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.

2.0 މޯލްޑިވްސް ގެ ނަމުގައި ރާއްޖެ އެސްޓޯނިއާއަށް ހަދަން އުޅެނީ ރާއްޖޭން ކޮރަޕްޝަން ނައްތާލާށޯލައެވެ. މުއިއްޒު ވެރިކަމުގައި މެދުނުކެނޑި ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަ ހިންގަނީ ޑިޖިޓަލައިޒް ނުވެފާ އޮވެގެނެއް ނޫނެވެ. މުއިއްޒު ޑިޖިޓަލައިޒް ކުރަނީ ދޮންކަޅު އަންގާނުލާ ވައްކަން ކުރާށެވެ.

ޑިޖިޓަލް ނިޒާމުގެ ތެރެއިން ރަޖިސްޓްރީވެގެން ހިންގަމުންދާ ދިރިދިރި އޮންނަ ކުންފުނިތައް އޭގެ ހިއްސާދާރުންނަށް ނޭގި ނިޒާމުގެ ތެރެއިން މިހާރުވެސް ވަގަށް ނަގާ ބަޔަކު 2.0 ކުރިޔަސް ވައްކަން ނުކޮށެއް ނުތިބޭނެއެވެ. މުއިއްޒު ސަރުކާރުން ޑިޖިޓަލް ނިޒާމު ބޭނުންކޮށްގެން ވައްކަން ކުރާކަން ސާބިތުވާން މިހާރުވެސް އޮތީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރަނީއެވެ. އެކައުންޓްތަކުގައި ހުންނަ ފައިސާއިން ވައްކަން ކުރަނީއެވެ. ހިނގަހިނގާ ހުންނަ ކުންފުނިތައްވެސް ވަގަށް ނަގަނީއެވެ.

ގެސްޓް ހައުސްޢައި ސަފާރީ ވިޔަފާރީގައި އުޅޭ މެދުފަންތީގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރާއި ހިއްސާދަރުންނަށް ނޭގި އެކޮނޮމިކް މިނިސްޓްރީގެ ތެރެއިން ވެރިންނަށް ބައިއެޅޭގޮތަށް ހިއްްސާދާރުން ބަދަލުކޮށް ކުންފުނި ފޭރިގަންނަން މިވެރިކަމުގައި ވަނީ މަސައްކަތްކޮށްފައެވެ. ހަގީގީ ހިއްސާދާރުންނަށް އެކަން އެނގިގެން އެކޮނޮމިކް މިނިސްޓްރީގައި ޝަކުވާކުރުމުން ހިރުވާތަން ކަހާވެސް ނުލިއެވެ. 

ސަރުކާރުގެ ޑިޖިޓަލް ނިޒާމުގެތެރެއިން ވައްކަންކޮށްގެން ބައެއްގެ ކުންފުންޏެއް ވަގަށް ނަގައިދީގެން އުޅެނީ ސަރުކާރުގެ އިސްވެރިން ތަކެއް ގުޅިގެންނެވެ. ޑިޖިޓަލައިޒް ނިޒާމުގެ ތެރެއަށް އަތްބާނާ ހިލައިލައިގެންނެވެ. އެހެންކަމުން ފުލުހުން އެމައްސަލަ ހިންގައެއް ނުދިނެވެ. ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަން ކަމަކަށް ނުވިއެވެ. ހޮދު ރައީސް މުއިއްޒަށް ތަފްސީލްތަކާއެކު އިލްތިމާކުރުމުންވެސް އަޅާކަހާވެސް ނުލިއެވެ. 

މިވަރު ޖައްބާރު ވެރިއަކު ކޮރަޕްޝަން ނައްތާލަން ޑިޖިޓަލައިޒްކުރާ ވާހަކަ ދެއްކީމާ ސިފަވަނީ މުލުވަގު ވައްކަން ހުއްޓުވަން ނިކުމެ އުޅޭއުޅުމެވެ. ވެރިކަމުގައި މުއިއްޒު ހުރެގެން މޫލި ރާއްޖެ ޑިޖިޓަލް ކުރިއަސް އެކީއެކަށް ހައިވޯލްޓްޓޭޖު ކަރަންޓް ދީފައި ހުއްޓަސް ދައުލަތުގެ ތިޖޫރީން މުއިއްޒަށް ވައްކަން ކުރާނެއެވެ. މުއިއްޒަށް ވައްކަން ނުކޮށެއް ނުހުރެވޭނެއެވެ.