ފަސް މިލިޔަން ޑޮލަރަށް ތިންވަޒީރުކަން ރޯ އެޖެންޓަކަށް!؟

މުއިއްޒުގެ ކެބިނެޓް ވަޒިރުކަންވެސް ވިއްކީތަ!

ފަސް މިލިޔަން ޑޮލަރަށް ތިންވަޒީރުކަން ރޯ އެޖެންޓަކަށް!؟

ރާއްޖޭގައި އޮންނަ މަޝްހޫރު ހޮޓަލް ޗޭނެއްގައި ވަޒީފާ އަދާކުރަން އުޅުނު ސަލީލް ކިޔާ އިންޑިއާ ރައްޔިތަކަށް މުއިއްޒު ވަޒީރުކަމުގެ ޕޯޓިފޯލިއޯ ތަކެއް ވިއްކާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ. ބުނެވެދިޔަ ސަލީލަކީ މިހާރު ރާއްޖޭގެ ގިނަ ރިސޯޓް ތަކެއްގެ ހިއްސާ އޮންނަ މީހެއްކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީލަކީ އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ)އަށް މަސައްކަތް ކޮށްދޭ އެޖެންޓެކެވެ. 

ރައީސް މުއިއްޒަކީ ވެރިކަމަށް އައިއިރު އެޔެއް މިޔެއް އެމީހެއް މިމީހެއް ނޭގޭ މީހެއްކަމުން މުއިއްޒު ކެބިނެޓްގެ ގިނަ މިނިސްޓަރުންނަކީ މުއިއްޒަށް ފައިސާ ދީގެން ވަޒީރުކަން ގަނެގެން އުޅޭ ބައެއްކަމަށް ވަނީ ކަށަވަރުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތިގެން ދޫކޮށް ނުލެވުނު ތިން މީހުންނަކީވެސް މަގާމު ގަނެގެން އުޅޭ ބައެއްކަމުން މުއިއްޒަށް އެމީހުން ދޫކޮށް ނުލެވިގެން އުޅެނީއެވެ. 

ބަންޑާރަ ނައިބު ކަމަކީ ކާނަލް ނާޒިމަށް ވިއްކާފައި އޮތް މަގާމެކެވެ. އިސްލާމިކް މިނިސްޓަރުކަން ވެސް ޑރ. ޝަހީމް އުޅެނީ ގަނެގެން ކަމަށްވެއެވެ. ޔޫތު މިނިސްޓަރ ކަމަކީ ކެންޕޭންގައި ސަންގު ނޫހުން ގަނެފައިވާ މަގާމެކެވެ. ހައިދަރާއި އާދަމް ނަސީރާއި ވަޒީރުކަން ހޯދީ ސިޓީ ކައުންސިލްގައި ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. އެނޫންވެސް އެތައް ވަޒީރުކަމެއް ދީފައިވަނީ އެކިއެކި ޑީލުގެ ދަށުންނެވެ.

އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ)ގެ އެޖެންޓް ސަލީލު މެދުވެރިކޮށް އިންޑިއާއިން ޑިފެންސް މިނިސްޓަރ ކަމާއި ފޮރިން މިނިސްޓަރ ކަމާއި ޓުރިޒަމް މިނިސްޓަރުކަން ގަނެފައިވާ ކަމަށް ޗައިނާގެ ޖާސޫސީ ސޯސްތަކުން ކަށަވަރު ކޮށްދެއެވެ. ހުރިހާ ޑީލެއް ހަދާފައިވަނީ އަދުރޭ މެދުވެރިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މަގާމުތައް ވިއްކުމަށް ތިން މިލިޔަނާއި ފަސް މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ސަލީލް އަތުން މުއިއްޒު ނަގާފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ. 

އިންޑިއާ އައުޓު ކުރަން ވެރިކަމަށް އައި ބައެއްގެ ފަރާތުން މިހާރު ފެންނަމުންދާ ކަންކަމުން އެ ތުހުމަތު ތަކަށް ބާރު ލިބެއެވެ. ރާއްޖެއަށް ކިތަންމެ ބޮޑު ހުތުރެއް ލިބުނަސް ޓޫރިޒަމް މިނިސްޓަރ ފައިސަލަށް އެޅޭނެ ފިޔަވަޅެއް މުއިއްޒަކަށް ނުއޮންނާނެއެވެ، އެއަށްވުރެ ބޮޑަށް މުއިއްޒު ހުރީ ސަލީލްގެ ދަށުވެފައެވެ.