މޫނަކަށް ނުބަލާ ބަލަންބުނި އެމްއެމްޕީއާރުސީ މައްސަލަ ނިމުނީތަ!

މޫނަކަށް ކަނދުރާއަކަށް ނުބަލާ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅެއް ކޮންމެ މީހަކަށްވިޔަސް އަޅާނެކަމަށް ޕީއެންސީ ޖަގަހާގައި ވާހަކަ ދައްކަމުން ރައީސް މުއިއްޒު ބުނެފައިވެއެވެ. މުއިއްޒު އެވާހަކަ ދެއްކިއިރު ޖަލްސާގެ ކުރީ ސަފުގައިތިބި ޕީއެންސީ ބޮޑުން ތިބީ އިސްޖެހިފައެވެ. ސަލާމަތްވާނެ ބާއޭ ހިތައް އަރައަރައެވެ.
ވާހަކަ ދެއްކި ބާރު މިނުގައި އަނެއް ދުވަހު ރިޔާސީ އަމުރެއް ނެރެގެން އަކުރުން އަކުރަށް އެމްއެމްޕީއާރުސީ މައްސަލަ ބަލަން ފަށާނެކަމަށް ހީކޮށްގެން ތިބި ޕީއެންސީ ބޮޑުން އެވާހަކަ މަތީން ހަދާންވެސް ނެތެވެ. ރަނގަޅު ހެޔޮވަރުގެ ބެލުމަކުން އެމައްސަލަ ބަލައިފިއްޔާ މުއިއްޒުން ފެށިގެން ޕީއެންސީ ލީޑަރޝިޕްގެ މަދު މީހަކު ނޫނީ ސަލާމަތް ނުވާނެކަން އެންމެނަށްވެސް އެނގެއެވެ. އަދުރޭއެއް ޒަމީރެއް ސައީދެއް ފަލާހެއް ޝުޖާއެއް ކިޔާނެކަމެއް ނެތެވެ.
މުއިއްޒު އެހާ ގަޓުހުރެގެން ބަލަން ބުނި މައްސަލަ ނުބެލޭނެކަަަަަމަށް ކުރީންވެސް މީހުން ގަބޫކުރިއެވެ. ޕީއެންއެފްގެ ފެންޑާ ޖަލްސާގައި ރައީސް ޔާމީނު ތަންކޮޅެއް ހަރުކޮށް ދައްކަވާ ވާަކަތަކަށް ކެތްނުވެގެން އެމްއެމްޕީއާރުސީ މައްސަލައިގެ ވާހަކަ ފުއްޕާފައި މުއިއްޒު ބުނީތާއެވެ. އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ބެލޭވަރުގެ ގަޓެއް މުއިއްޒުގައި ނުހުންނާނެކަން ތުއްތުކުއްޖަކަށްވެސް އެގޭނެއެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލާވާހަކައަކީ ބައެއްގެ މޭބޮޑުކޮށްލަން ސިޔާސީ ގޮތުން ދައްކާލާ ވާހަކައަކަށް އޮތީވެފައެވެ. އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލުމަކީ މޭބޮޑުވެފައިތިބި ޕީއެންސީގެ ބައިގަނޑު އެއްގޮތަކަށްވެސް ބޭނުންވާނެ ކަމެއް ނޫނެވެ. މައްސަލައަކީ ބެލޭނެ މައްސަލައަކަށް ނުވާތީ ޖަވަބުދާރީވުމަށް ތައްޔާރަށް ހުރިކަމަށް އަދުރޭވެސް ބުންޏެވެ.
ހައުސިންގ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގައި ހިޔާނާތާއި ފަސާދަ ހިންގައިގެން ވެރިކަމަށް އަރާހުރި މުއިއްޒަށް ހިޔާނާތުގެ އެއްވެސް މައްސަލައެއް ނުބެލޭނެއެވެ. މުއިއްޒުގެ ވެރިކަމަކީވެސް ހިޔާނާތާއި ވައްކަމާއި ޓެކުމާއި މަކަރާ ހީލަތުން ޖަރީފެފައިވާ ވެރިކަމަކަށް ވާއިރު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަދަ ކަމެއް ބަލާނެ ހިތްވަރެއް ނުހުންނާނެއެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ މޫނަކަށް ކަނދުރާއަކަށް ނުބަލާ ބަލާނެކަމަށް ޕީއެންސީ ޖަގަހައިގައި މުއިއްޒު ބުނިފަހުން އަހަރެއް ވުމާގާތް ވަނީއެވެ. މައްސަލަ ބެލުމަށް ކުރި އެއްކަމެއް ނެތި އެވާހަކަވެސް ވެގެން ގޮސްފައިވަނީ މުއިއްޒުގެ ދޮގުފަތީގެ ބޮޅަކަށެވެ.