ވިހެއުމުގެ ކުރިން ކައިވެނިކޮށް މުއިއްޒު ދަރިއާ ހަވާލުވަނީތަ!
ރައީސް ޔާމީނާއި ރައީސް ސޯލިހު އެތައް ހިދުމަތެއް ވަނީ ފައްޓަވާ ދެއްވާފަ
އެހެން މީހަކު ބަލިވެ ބޭންދުމުން ވިހެއުމުގެ ކުރިން ކައިވެނިކޮށް ދަރިއާ ހަވާލުވުމެކޭ މުއިއްޒުގެ ރިބަން ކެނޑުމެކޭ ތަފާތެއް ނެތެވެ. ހައްދަވައިގެން ކަމެއްނުކޮށް އެހެން މީހުން ކޮށްފައި ހުންނަ ކަންކަމުގެ ކްރެޑިޓް ހޯދަން ރެބަން ކަނޑައިގެން މެޑެލް ޖަހާ ވެރިއަކު މުއިއްޒު ނޫނީ ދުށީމުހެއްޔެވެ.
އެންމެ ހެއްވާކަމަކީ އެތައް އަހަރެއް ވަންދެން ބޭނުން ކުރަމުން އަންނަ ތަންތަން ހަމައެގޮތުގައި ބަހައްޓައިގެން އަލަށް ހުޅުވާ ހުޅުވުމެވެ. އެހެން މީހުން ކޮށްފައި ހުންނަ ކަންކަމުގެ ކްރެޑިޓް ކަންކުރި މީހާއަށް ނުދީ އަމިއްލަ މޮޅުކަމުން ކުރިކަމަށް ހަދާ ހެދުމަކީވެސް މުއިއްޒުގެ ކަށީގައި ހިފާފާހުރި ކަމެކެވެ.
ވެރިކަމަށް އެރިގޮތަށް ހުޅުވާ މެޑެލް ޖެހީ އުމުރުން ދުވަސް ވީމީހުނަށް ހާއްސަކޮށްގެން ކުރީގެ ނާދީ އިމާރާތުގައި ރައީސް ސޯލިހު ސަރުކާރުން ގާއިމުކުރި މުސްކުޅިންގެ ނާދީއެވެ. އެތަން ހުޅުވަމުން ދެއްކި ވާހަކައިގާ ހީވީ އެ ކަމަކީ މުއިއްޒުގެ އަމިއްލަ އިސްނެގުމަކުން ފަށާނިންމާ ހުޅުވިތަނެއް ހެނެވެ.
އައްޑު އަތޮޅުގައި ރައީސް ސޯލިހު އަޅުއްވާ ދެއްވި ހަންކެޑެ ބުރިޖު ހުޅުވި އިރުވެސް ހީވަނީ މުއިއްޒު އަލަށް ފަށައިގެން ހުޅުވާ ނިންމި ތަނެއް ހެނެވެ. ކަންކަން ގޯސްވީމާ ކުރީ ސަރުކާރު ބޮލުގައި އަޅުވާހެން މޮޅުކަމެއް ވުމުން ކުރީ ސަރުކާރޭ ނުކިޔާ ކްރެޑިޓް ކާލަނީ މުއިއްޒެވެ.
މުއިއްޒު މޭޔަރުކަމުގައި މުއިއްޒުކޮށްލި އާ ސަހަރާ މިސްކިތުގެ މަސައްކަތް މޭޔަރު އާޒިމްގެ ހިއްމަތާ މިންނަތުން ނިންމުމުން ކަނދި ކަމަނާ ހެދިގަތީއެވެ. އާސަހަރާ މިސްކިތް ހުޅުވާ ރިބަންކަނޑާ ކްރެޑިޓް ކާލީ މުއިއްޒެވެ. މޭޔަރު އާޒިމުކުރި އެއްކަމެއް އޮތްކަމަކަށް ނުހެދިއެވެ.
މޭޔަރ އާޒިމް ކެމްޕޭނު ވައުދެއްގެ ގޮތުގައި އޮތް ބުޅާ ޝެލްޓަރގެ ކުރެޑިޓް ކައްވާލީވެސް މުއިއްޒެވެ. މާލެ ސަރަހައްދުން ބިމެއް ހޯދާ ރެޔާއި ދުވާލު މަސައްކަތްކޮށްގެން އާޒިމާއި ސިޓީ ކައުންސިލުން ކުރިކަމެއްނެތި ފޮނިކޮޅު ބޯލީ މުއިއްޒެވެ. ކުޑަމިނުން ބުޅާ ޝެލްޓަރ ހުޅުވަމުން މާލޭ މޭޔަރުގެ ނަންވެސްގަނެ ނުލައެވެ.
ފޮޓޯ: ރައީސް ޔާމީނުގެ ހެލްތު މިނިސްޓަރ ނާޒިމް
ވެރިކަމަށްއަރާ އިންޑިއާ އާއި ހަސަދަލައިގެން އުޅުނު ދުވަސްކޮޅު އައިޖީއެމްއެޗް ދޮރުމަތީ ހުރެ އެތަން ދައްކަމުން ރާއްޖޭގެ މައި ހޮސްޕިޓަލަކީ އިންޑިއާގެ ހަދިޔާއެކޭ އިންޑިއާގެ ނޫސްވެރިއަކު ބުނިކަމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ހަމަޖެއްސީ އިހަށް ދުވަހު މުއިއްޒު އަމިއްލައަށެވެ. ނުއުފަންނަ ހޮސްޕިޓަލެއް ރާއްޖޭގެ މައި ހޮސްޕިޓަލަށް ހެދިއިރު މުއިއްޒު ހުރީ ހަމައިގައިހެއްޔެވެ. ރައީސް ޔާމީނު ވެރިކަމުގައި ބިނާކޮށް ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުން ނަންދީ ބޭނުން ކުރަން ފެށިތާ 6 އަހަރަށްވުރެ ގިނަ ދުވަސް ވަނީވެފައެވެ. އެތައް ހިދުމަތެއް ރައީސް ޔާމީނު އެހޮސްޕިޓަލްގައިވަނީ ފައްޓަވާ ދެއްވާފައެވެ. އޭގެ މާފަހުން ކުއްލިޔަކަށް ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ވުރެ ބޮޑު ޖޯކެއް ނެތެވެ.
ފޮޓޯ: މުއިއްޒުގެ ހެލްތު މިނިސްޓަރ ނާޒިމް (މުއިއްޒާއެކު)
ތަންތަން ހުޅުވާ ރެބަން ކެނޑުމުގެ ރަސްމިއްޔާތު ބާއްވައިގެން މުއިއްޒު ކުރަން އުޅޭކަންކަން ނޭގިގިގެން މީހަކު ނޫޅެއެވެ. މުއިއްޒު ކުރަން އުޅެފި ކޮންމެ ކަމެއް ބޮޑު ފާލަންހެން އޮންނަނީ ހޮޅިވެ މުއިޒު ވެފައެވެ. އެހެންކަމުން ވެރިކަމަށް އަހަރުވީއިރު ކުރެވުނު ކަމެއްނެތެވެ. ދައްކާނެ ފޮޓެއެއް ޖަހާނެ ސުރުހީއެއް ނެތުމުން ފޮޓޯ ހަދާ ނޫސްތަކުގެ ސުރުހީން ޖާގަ ހޯދުމަކީ ރެބަން ކެނޑުމުގެ އެއްބޭނުމެވެ. އަނެއް ބޭނުމަކީ ރަސްމިއްޔާތަށްޓަކައި ދައުލަތުން ބޮޑު ހޭދައެއްކޮށް އައުވާނުންނަށް ދައުލަތް ދަވާލަން ދިނުމެވެ.