ފަސޭހައިން ގައުމު ބައިބައިކޮށްނުލެވޭނެ ގޮތް ހަދަންޖެހޭ: ފައްޔާޒު
ވޭތުވެދިޔަ ދެ އަހަރު ރައީސް މުއިއްޒު ދައުލަތް ހިންގެވި ގޮތާއި ބެހޭގޮތުން ކުރީގެ އިގުތިސޯދީ ވަޒީރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަންކަން ވެސް ކުރައްވާފައިވާ ފައްޔާޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ބައްލަވާލައްވާށެވެ.
ރައީސް މުއިއްޒު ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރު އެންމެ ބޮޑަށް ސާފުވެގެންދިޔަ ކަމަކީ، ގައުމު ހިންގުމުގެ އެއްވެސް ތަސައްވުރެއް ނުވަތަ ގާބިލުކަމެއް ރައީސް މުޢިއްޒުގެ ކިބައިގައި ނެތްކަމެވެ. ރާއްޖޭގެ އިގްތިސާދު މުޅިން އިނދަޖެހިފައިވާއިރު، ރައްޔިތުން ހޯދާފައިވާ މިނިވަންކަމާއި ހައްގުތައް ދަނީ ހިފަހައްޓައި އުނިކުރަމުންނެވެ.
ގައުމާމެދު އެއްވެސް ތަސައްވުރެއް ނުވަތަ ހަރުދަނާ ރޭވުމެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ރައީސްގެ ހަމައެކަނި މަގްސަދަކަށް ވެފައިވަނީ ދައުލަތުގެ ބާރުތައް މުށުތެރެއަށްލައި، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ މައްޗަށް އަމިއްލަ ނުފޫޒު ފޯރުވުމެވެ. ވަކިން ހާއްސަކޮށް، އަންހެނުންނާއި މުޖުތަމައުގެ ނިކަމެތި ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަމުންދާއިރު، އިއްޔެ އިއުލާންކުރި ކަންކަމުން އެނގިގެންދަނީ އަންހެނުންގެ އުޅުމާއި ހެދުން އެޅުމުގެ މައްޗަށް ބާރު ފޯރުވުމަށް އޭނާ ކުރާ މަސައްކަތެވެ.
ހަމައެއާއެކު، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ރައީސް މުޢިއްޒު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ހުށަހެޅިގެންދާއިރު، މިއީ ގައުމުގެ ސިޔާދަތާއި މިނިވަންކަން އިއާދަނުކުރެވޭ ފަދަ ނުރައްކަލަކަށް ވެއްޓިގެންދާނެ ކަމެކެވެ. މާޒީގެ ތާރީހުން މިކަމަށް ބާރުދޭ ހެކިތައް ފެންނާން އެބަހުއްޓެވެ. އުސްމާނީ ހިލާފަތުގެ ދުވަސްވަރު ފަލަސްތީނުގެ ބިންތައް ޒަޔަނިސްޓުންނަށް ވިއްކުމުގެ ސަބަބުން ކުރިމަތިވި ހިތްދަތި ނަތީޖާއަކީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭނެ ކަމެކެވެ.
މިނިވަންކަމާއި، އިންސާފާއި، ކުރިއެރުމަށް ލޯބިކުރާ ހުރިހާ ދިވެހިންގެ 2026 ވަނަ އަހަރުގެ އަޒުމަކަށް ވާންޖެހޭނީ، ރާއްޖޭގެ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށް އިސްލާހުކުރުމެވެ. އެއީ އެއްވެސް މުސްތަބިއްދު ވެރިއަކަށް ގައުމު މިފަދަ ފަސޭހަގޮތަކަށް ބައިބައިކޮށް ހަލާކުނުކުރެވޭނެ ގޮތް ހެދުމަށެވެ. 2026 ވަނަ އަހަރަކީ އުއްމީދީ، ހެޔޮ ބަދަލުތަކެއް ފެންނާނެ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ.




