ޝެއިޚު އިމްރާނަށް ނަފްރަތު ކުރަނީ ކީއްވެ!

ފިކުރެއްގެ ދިރުން ސަރުކާރުގެ ތެރޭގައި ނުހިންގުނީ އަދާލަތާ ހެދި

ޝެއިޚު އިމްރާނަށް ނަފްރަތު ކުރަނީ ކީއްވެ!

އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަންގައި ބައިވެރިކޮށް އިސް މަގާމުތައް އެ މީހުނަށް ދީގެން އުޅޭތީ ބަޔަކު މީހުން ވަރަށް ކަން ބޮޑުވެއެވެ. އެކަމާ ގުޅިގެން އަދާލަތުގެ އިލްމު ވެރިންނަށް ނިސްބަތްކޮށް ހުތުރު އެއްޗެތި ކިޔުމަކީ ވަރަށް ބޮޑަށް ރޭވިގެން ބަޔަކު ހިންގާ ހަރަކާތެކެވެ. އެކަމެއް ހިންގަން ފެށީ މި ފަހަކުން ނޫނެވެ. ނިމެމުން މިދާ ސަރުކާރު ފެށުނު ހިސާބުއްސުރެ އެކަމެއް އެއްވާނަކަށް ހުރީ ހިނގަ ހިނގައެވެ. ޓްވީޓާގެ ޕޯސްޓް ތަކުން އެކަނިވެސް އެކަން ވަރަށް ބޮޑަށް ސާފުވާން އެބައޮތެވެ. 

އަދާލަތު ޕާޓީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކި ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ ސަރުކާރު ހިންގާ މައިޕާޓީގައި ކުރިން އޮތް ލީޑަރޝިޕުގެ އިސްބަޔެކެވެ. އެ މީހުންގެ އަވާގައި ސަރުކާރުގެ ވާދަވެރިން ވެސް ޖެހުނެވެ. ދެބައި މީހުންގެ މަގްސަދު ތަފާތެވެ. 

ވާދަވެރިން ފުރައްސާރަ ކުރީ ކޮންމެ ގޮތެއް ހަދައިގެންވެސް ސަރުކާރާ މެދު ރައްޔިތުން ނަފްރަތު ކުރުވުމަށެވެ. ސަރުކާރު ބަލިކުރުމަށެވެ. އެހެން ނަމަވެސް ވެރިކަން ހިންގާ މައިޕާޓީގެ ކުރީގެ ލީޑަރޝިޕް ހިންގަން ބޭނުންވީ މުޅިން އެހެން އެޖެންޑާއެކެވެ. 

ސަރުކާރާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ރާއްޖެގައި ހުޅުވާލުމަށެވެ. ފަހަރެއްގައިވެސް އެއީ އެމްޑީޕީގެ ވިސްނުމެއް ނޫނެވެ. އެމްޑީޕީގެ އިސްސަފު ހިސޯރުކޮށްގެން ތިބި މަދުބައެއްގެ ވިސްނުމެވެ. 

ކެތްތެރި ކަމާއެކު އަދާލަތުގެ ދީނީ އިލްމުވެރިން މަސައްކަތް ކުރަމުން ދިޔައީ އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ފަހިވިޔަ ނުދިނުމަށެވެ. ލާދީނީ އެޖެންޓުން ތަކެއް ވަކި ހިއްޕާލައިގެން ތިއްބަސް އެ މީހުންގެ އެޖެންޑާތައް ފޭލިކޮށްލުމަކީ އަދާލަތުން ކުރަމުން ދިޔަ މަސައްކަތެވެ. ނަތީޖާއެއްގެ ގޮތުން ލާދީނީ ފިކުރު ދިރުވަން އިސްސަފުގައި އުޅުނު މީހުންނަށް ޖެހުނީ އެ ފިކުރު ހިފައިގެން އެމްޑީޕީން ވެސް ނިކުމެގެން ދާށެވެ. 

ޝެއިހު އިމްރާނާ ދެކޮޅަށް ބައެއް މީހުން އަޑު އުފުލަނީ ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނުމެއް ނެތިއެވެ. ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމަށް ފުރުސަތު ފަހިކުރަން މަސައްކަތްކުރާ "ތިންކް ޓޭންކް" ތަކުން އުފައްދައިގެން ހިންގާ ނަފްރަތުގެ މަޅީގައި އިސްލާމް ދީނަށް ލޯބިކުރާ ގިނަ ބަޔަކު ވެސް ޖެހުނީއެވެ. ބަވަނަ ވެތި ދުނިޔޭގައި އިންސާނީ ހައްގާ ޑިމޮކްރަސީގެ ނިވަލުގައި ފަތުރަމުންދާ ފިކުރަކީ ވަކި ދީނެއްގައި ހުއްޓި ނުތިބުމުގެ ފިކުރެވެ. އެ "ފިކުރެއްގެ ދިރުން" ހުރިވަރު ދުނިޔޭގެ ކަންކޮޅުތަކުން އެހެރީ ފެންނާށެވެ. 

ދައުލަތް ހިންގުމުގެ ތެރެއިން އެ ފިކުރު ފަތުރާ މުޖުތަމައުގެ ދިރުމަކީ މާއްދިއްޔަތު ކަމަށް ހަދާ ދީނާ ދައުލަތް ވަކިކުރުމުގެ ފިކުރު ދިރުވުމަށް ހުރަސް އަޅާ މީހުން ސައިޒު ކުރުމަކީ ވަކިބަޔަކު އިސްވެ އޮވެ ހިންގާ ދުރުރާސްތާ ޕްލޭނެކެވެ. އަދާލަތާ މެދު ބައެއްގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ފަހަތުގައިވެސް އޮތީ ފިކުރެއްގެ ދިރުމުގެ އެޖެންޑާއެވެ. އެންމެ ބޭނުންވާ ފެންވަރުގައި ފިކުރެއްގެ ދިރުން ސަރުކާރުގެ ތެރޭގައި ނުހިންގުނީ އަދާލަތުގެ އިލްމުވެރިންގެ ބުރަ މަސައްކަތުންނެވެ. ޝެއިހު އިމްރާނާ ދެކޮޅަށް އުފައްދާ ފަތުރާ ނަފްރަތުގެ ހަގީގަތަކީ އެއީއެވެ.