އަނގަޔާ އަތާ ދިމާނުވީމާ ޖަކޫޒީގައި އޮތަކަނުދޭނެ!
އެންމެންނަށް އާސަންދަ ދިނުން ލަހެއްނުވެ ހުއްޓާލަނީ
ސަރުކާރުގެ މާލީ ނިޒާމް އިސްލާހު ކުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ހުރިހާ ސަރުކާރަކުން ވެސް ހުއްޓާނުލާ އެވާހަކަ ދައްކައެވެ. ދަރަނިވެރި ވާހަކައާއި ސަރުކާރުގެ ހަރަދުތައް ބޮޑު ވާހަކައެވެ. މާލީ ނިޒާމު އިސްލާހު ނުކޮށް ދައުލަތް ހިންގެން ނެތް ވާހަކައެވެ. ސަރުކާރުގެ ހިންގުން ބަދަލުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރުން މިސްމެނޭޖްކޮށް ދައުލަތް ދަރުވާލާފައި އޮންނަ ވާހަކަ ދައްކައެވެ. ވެރިކަމަށް އައުމުގެ ކުރީން ކީހާ ޅެން ވެރިކަމަށް އައުމާއެކު ފަރިއްސަށް ބަދަލު ކޮށްލައެވެ.
ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. އަހާށޭ ބުނާނަމޭ ކިޔައިގެން ދުރާލާ ރާވައިގެން ސުވާލު ދީގެން ތިޔަހެން ދައްކާ ވާހަކައަކަށް މީހުން މިހާރަކު ނުހެއްލޭނެއެވެ. ޕަބްލިސިޓީ ހޯދަން ތިޔަކުރާ ކަންތަކަށް މީހުން ޖަހަނީ ޖޯކެވެ. ކުރަނީ މަލާމާތެވެ. ޖެހެނީ އަނގަ ގަޅިއެވެ. ތިޔަ ހުރިހާ ބައިސާއެއް ކަނޑާއިރު އެކަންކަން ކުރާނެ މާލީ ހަކަތައެއް ނެތެވެ. ސަރުކާރު އޮތީ ދޮޅިފެނުގައެވެ. ކިތަންމެ ކުރަން ބޭނުން ނުވިޔަސް މުއިއްޒަށް އެހެން ގޮތެއް ނެތެވެ.
މަލްޓިޕާޓީ ވެރިކަމާއެކު ރައްޔިތުންނަށް ހިލޭ ބޭސް ކޮށްދޭން ސަރުކާރުން ފެށިއެވެ. އައިޑީކާޑަކީ ހެލްތު އިންސުއަރެންސް ކާޑަކަށް ހެދިއެވެ. އެޑްމިޓް ނުވިޔަސް ބޭހާއި ފަރުވާ އާސަންދައިން ކޮންމެ މީހަކަށްވެސް ލިބެމުން އައެވެ. މި ސަރުކާރަށް ވީފަހުން އާސަންދަ ދެވޭ އުސޫލު ބަދަލުކޮށް އާސަންދައިގެ ހިދުމަތްދޭ މިންގަނޑު ބަދަލު ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެންނަށް އާސަންދަ ދިނުން ލަހެއްނުވެ ހުއްޓާލަނީއެވެ.
މުސާރަ ބޮޑުކުރުމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރުން މުއައްޒަފުންގެ މުސާރަތައް ކުޑަކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގިނަ އަދަދެއްގެ ސަރުކާރު މުއައްޒަފުން ވަޒީފާއިން ވަކި ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
ފަށައިގެން ހިނގަމުން އައި ތަރައްގީގެ ޕްރޮޖެކްޓްތައް އެކި ހަމަ އަޅުވައިގެން ދަނީ ހުއްޓާލަމުންނެވެ. އާ ޕްރޮޖެކްޓަތައް ސަރުކާރުގެ ހަރަދުގައި ނުފެށުމަށް އޮތީ ނިންމާފައެވެ.
އެކި ނަންނަމުގައި އައު ޓެކްސްތައް ތައާރަފް ކުރަން ދަނީ ރޭވެމުންނެވެ. ނަގަމުންދާ ޓެކްސްތައް ބޮޑުކުރަން އޮތީ ނިންމާފައެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ޓެކްސް ނޫން ގޮތް ގޮތަށާއި ޖޫރިމަނާގެ ގޮތުގައި ވީހާވެސް ގިނައިން ފައިސާ ނެގޭނެ ގޮތަކަށް ހިދުމަތްތައް ދިނުން ދަނީ އިންތިޒާމު ކުރަމުންނެވެ.
ތެލާއި ޕެޓްރޯލަށް ސަރުކާރުން ދެމުންދާ ސަބްސިޑީ ކަނޑާލަނީއެވެ. ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތަށް ދޭ ސަބްސަޑީ ކަނޑާލުނީއެވެ. ނަތީޖާއެއްގެ ގޮތުން ކަރަންޓަށް ނަގާ އަގުގެ ރޭޓް ބޮޑުވެގެން ދާނެއެވެ.
ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލުމަށް ވެސް ދަނީ ވިސްނަމުންނެވެ. އަތްފޯރާ ފަށުގައި ކާބޯތަކެތި ލިބޭކަށް އޭރަކުން ނުހުންނާނެއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް އުވާލާ ކުންފުނި ތަކުގެ ކޮންޓްރޯލު ދައުލަތަށް ގެއްލޭ ވަރަށް ކުންފުނިތައް ޕްރައިވަޓައިޒްކޮށް ކުރުމަކީވެސް އޮތް ވިސްނުމެކެވެ.
ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާ ރައްޔިތުންގެ އަތުން ބޮޑެތި ފީތައް ނެގުމަށް ދަނީ ރޭވެމުންނެވެ. ދީފައިވާ ބައެއް ސިޔާސީ މަގާމުތައް އުވާލާ ސިޔާސީ ވެރިން ތަކެއް މަގުމަތިކޮށްލުމަކީ ވެސް ގެންގުޅޭ ވިސްނުމެކެވެ.
ދައުލަތެއްގެ ކަންކަން މިދަރަޖައަށް ވެއްޓުނީމާ ބަނގުރޫޓް ނުވާ ކަމަކަށް ނުވާނެއެވެ. ކިތަންމެ މަތިއަޅާ ނިވާކުރަން އުޅުނަސް ކުރިއަށް އޮތީ ރާއްޖެއަށް ބިރުވެރި ދަތި ދުވަސް ތަކެކެވެ. ބަނގުރޫޓޭ ނުކިޔާވެސް ތިބެވިދާނެއެވެ. ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވީމާ ޖަކޫޒީގައި ގައިމޮޑެން އޮތަކަ ނުދޭނެއެވެ.