ޝޫޓްގައި ތިއްބަސް ސިފަވާނީ އިންޑިއާއައުޓް

" އިންޑިއާ އައުޓް" ޖެހި ބައިގަނޑަށް އިންޑިއާ ނަފްރަތުކުރޭ!

ޝޫޓްގައި ތިއްބަސް ސިފަވާނީ އިންޑިއާއައުޓް

ރައީސް މުއިއްޒު މިއަދު ފެށި އިންޑިއާ ދަތުރުން ރާއްޖެއަށް ރަނގަޅު ގޮތެއް ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. މުއިއްޒުގެ ސަބަބުން ރާއްޖެ އިނދަޖެހި ރައްޔިތުންނަށް ވޭނާ ކެކުޅުން ލިބުމަކީ އެދޭ ގޮތެއް ނޫނެވެ. މުއިއްޒު ބޮޑާކަމާއި ކިބުރުވެރިކަން ކުރިއަށް ނެރުމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތައް ދުވަހެއް ދުވަހަކަށް ބޮޑުވެ ދިވެހީންނަށް ދިރިއުޅުން މިހާރުވެސް ވަނީ ދަތިވެފައެވެ. 

ތިމާމެންގެ ހުރި ނޭއްގާނިކަން ބޮޑާކަމުން ދޮޅިފެނު ޖެހޭ އިރުވެސް މާފަށް އެދުމުގެ ވިސްނުމެއް މުއިއްޒުގެ ނެތެވެ. ހީލަތްތެރިކަމާއެކު ލިބެން އޮތް އެއްޗެއް ހޯދުންނޫން އެހެން ފިކުރެއް މިމީހުންގެ ނެތެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ޕީޕީއެމް ފިކުރަކީ " ބެގް، ބޮރޯ، ސްޓީލް" ވިއްޔާއެވެ. ސަލާންޖެހުމާއި ދަރަންޏަށް ނެގުމާއި ވަގަށް ނެގުމެވެ.

ކިތަންމެ މަވެތިވެ ރާއްޖެ ފަސްޓް ވެގެން އުޅުނަސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ގައުމެއްގެ ނިސްބަތުގައި ރާއްޖެއަކީ ބަޔަކާ އިދިކީލެވެގެން އުޅެވޭވަރުގެ ބައެއް ނޫނެވެ. އެހެން ނޫނަސް ރާއްޖެއަށް ވެރިވެ ގަތުމުގެ ވިސްނުން އެއްވެސް ވަރަކަށް އިންޑިއާގައި އޮތްނަމަ އެކަމަކީ އެމީހުނަށް އެހާ އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ. އާރާ ބާރުގެ ގޮތުންނާއި ހަކަތައާއި ތަނަވަސް ކަމުގެ ގޮތުން ވިޔަސް އިންޑިއާގެ ކުރިމަތީގައި ރާއްޖެވާނީ ހައްޕުޑަށެވެ. ގަބޫލުކުރަން ބޭނުން ނޫނަސް ހަގީގަތަކީ މިއީއެވެ.

 

އެވަރުގެ ބަޔަކާ ޖެހި ގަނެގެން ގޮތްދައްކަން މުއިއްޒު އުޅެގަތީމާ ކުޑަކަކޫ ޖައްސާ ދެފައިމައްޗަށް ތިރިކޮށްލުމަށް ދުވަސްތަކެއް ނުނެގިއެވެ. އެކަމަކާ ހުރެ މުޅި ދުނިޔޭގެ މަލާމާތް މުއިއްޒަށް އެހުރެދަނީ ލިބެމުންނެވެ. ދުނިޔޭގެ ނޫސްތަކުގައި މުއިއްޒުގެ ދަތުރުގެ ވާހަކަ ލިޔަނީ މާވަރުގަދަ ލީޑަރަކަށް މުއިއްޒުވެގެނެއް ނޫނެވެ. ސައިޒަށްވުރެ ބޮޑު ފައިވާނަކަށް އަރައިގެން ފުންނާބުން ބަޑިތަޅައިގަތުމުންނެވެ. 

ދަތްޕިލާޖެހި ގޮތް ހުސްވީމާ ދަތްދަގަނޑުންވެސް ޖެހޭނީ ދަތްޕިލަ ދުރުކުރންތާއެވެ. އިންޑިއާ އައުޓްކުރަން ނިކުތްމީހުނަށް މިޖެހުނީ އެދަތުރެވެ. އިންޑިއާ އައުޓްވުމުގެ ބަދަލުގައި މުއިއްޒާއި އެބައިގަނޑަށް ޖެހުނީ އިންޑިއާއަށް އިންވާށެވެ. މަދަކަ ބައެއްވެސް ނޫނެވެ. ފަންސާހަކަށް މީހުންގެ ބިޔަ ވަފުދެކެވެ. ރޭނިދި ނުނިދާ ރަތް ޓީޝާޓު ލައިގެން މޭމަތީގައި ބޮޑުއަކުރުން " އިންޑިއާ އައުޓް" ޖަހައިގެން އުޅުނު ބައިގަނޑު ބައިހަދާފައި އިންޑިއާއަށް އަރާތީ އިންޑިއާގެ ގިނަ ބަޔަކު އެތިބީ ނިކަން ތުން ފިއްތައިގެންނެވެ.

ހަމަތެދެކެވެ. އިންޑިއާގެ ވެރިންނާ ބައްދަލުކުރަން އެދި ދެފައި ތަޅާރޮއެގެން ލިބުނު ސްޓޭޓް ވިޒިޓްގެ ދިވެހި ވަފުދުގެ ފެނުމުން އިންޑިއާ މީހުން ގައިން ހީބި ނަގާނެއެވެ. ކޮންމެ ފެންވަރެއްގެ ޝޫޓެއް ލައިގެން ހުއްޓަސް މުއިއްޒާއި ގައްސާނާއި ސައީދު އެ މީހުނެއް ފެންނަނީ މޭމަތީގައި "އިންޑިއާ އައުޓް" ޖެހި ރަތް ޓީޝާޓްގައި ތިބޭތީއެވެ. ދެރައީ އަޒާނާއި ޝިއުނާއާއި މަލްޝާ ވަދުގައި ނުހިމެނޭ ކަމެވެ.