ރައީސް މުއިއްޒުގެ ބުލީގެ ޝީކާރައަކަށް ކުދިއާބާދީތައް!
ކައުންސިލްތައް އުވާލާ ރަށްތައް ފަޅުކޮށްލުމަކީ މުއިއްޒުގެ ޕްލޭން
އާބާދީ ކުޑަވެގެން ވަކި ރަށެއްގެ ގޮތުގައި ރަށްރަށް އޮންނަން ނުޖެހެންޏާ ގައުމެއްގެ ގޮތުގައި ރާއްޖެވެސް ބާއްވާނެ ކަމެއް ނެތްތާއެވެ. ބޮޑު ގައުމަކުން ރާއްޖެއަށް ބުލީ ކުރާތީ މަތިހަށި ނަގާފައި އުޅުނު ރައީސް ރާއްޖޭގެ އާބާދީ ކުދި ރަށްތަކަށް ރޭގައި އެކުރީ ބުލީ ނޫން ދެވަނަ އެއްޗެއް ނޫނެވެ. އާބާދީ މަދު އާބާދީއަކަށް މީހަކު ނިސްބަތްވުމަކީ އެމީހެއްގެ ކުށެއްނޫނެވެ.
ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ދިވެހި ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރީ ސަރުކާރުން ގާއިމުކުރަން ފަށާފައިވާ އަސާސީ ހިދުމަތްތައް ދިނުމުގެ ވިސްނުން މުއިއްޒުގެ ކިބައިގައި ނެތެވެ. 56 ބިލިޔަނުގެ ބަޖެޓެއް ފާސްކޮށްގެންހުރެ ކަންކަން ނުކޮށްދޭން ރަށްރަށް ފަޅުކުރާ ވާހަކަ ދައްކަން ރައްޔިތުންނަށް ކަންކަން ނުކޮށްދޭން ވެގެންނެވެ.
100 މީހުން ހަމަނުވާ ރަށްރަށުގައިވެސް ކައުންސިލަރުން ތިބޭ ކަމަށާއި ކައުންސިލްގައި ތިބެނީ ބައްޕަ އާއި މަންމަ އާއި ދަރިންކަމަށާއި އެކަކު ދަނީ މަހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ރަސްމީ ޖަލްސާއެއްގައި ބުނުމަށްވުރެ ބޮޑު ފުރައްސާރައެއް ބުލީއެއް މަލާމާތެއް ނުއޮންނާނެއެވެ. އަނެއްކޮޅުން އެކަކު ދަނީ މަހަށް ކަމަށޭ ބުނެ މަސްވެރި ކަމަކީ އަގެއްނެތް ދަށު ދަރަޖައިގެ މީހުން ކުރާ މަސައްކަތެއްކަން މޭރުން ވާގޮތަށް ވާހަކަދައްކާ މަސްވެރިންނަށް ރައީސް ކުރީ މަލާމާތެވެ.
ކައުންސިލަރުން މަދު ކުރިޔަސް ރަށްރަށް ފަޅުކުރިޔަސް އެފާޑަށް ކުދި އާބާދީތަކަށް ބުލީނުކޮށް އެކަން ކުރެވެދާނެއެވެ. ކަމެއްގެ މުހިންމުކަން ވިސްނާދިނުމަށް ރައީސް ބަސްމަގު ބަހައްޓަން ޖެހޭނީ އެހެނަކުން ނޫނެވެ. ކުދި އާބާދީތަކުގެ މީހުނަށް މުއިއްޒު އެ ގޮތަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ މުއިއްޒުގެ ލަދުހަޔާތް ކެނޑިފައިވާ މިންވަރު ސާފުވެގެން ދިޔަކަމެކެވެ.
އެތައް ހާސް ސިޔާސީ ވެރިން ލައިގެން މުއިއްޒުގެ އައުވާނުންނަށް ދައުލަތް ބަހާލާ ކައި ހުސްކުރާތަން ރައްޔިތުން އެބަ ތިއްބެވެ. ރަށްރަށުގެ ކައުންސިލަރުންނަށް މުސާރަ ދިނުން ބުރައަކަށްވެ އެތައް ސަތޭކަ މީހުންނަށް ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ މަގު ބަންދުކޮށްގެން ހަރަދު ކުޑަކުރާ މަންޒަރު ދެކެންވެސް ބަޔަކު އެބަތިއްބެވެ.
ކުދި ހުރިހާ އާބާދިއަކީ ބޮޑު އާބާދީއެއްކަން މުއިއްޒަށް ނޭގުމުން ރައްޔިތުން އަރާ ހަމަ ކުރާނެއެވެ. އާނއެކެވެ. ފުދިއްޖެއެވެ. ފުޑިއްޖެއެވެ. ރައްޔިތުން ނިކުމެ ބޭލުމުގެ ކުރިން އަވަހަށް ފައިބާށެވެ.