މުއިއްޒު ސަރުކާރުން ގުޅީފަޅު ގޯތިތައް ހަވާލެއް ނުކުރާނެ!

މާލެ ސަރަހައްދުން ގޯތި ދިނުމަކީ މުއިއްޒު ސަރުކާރުން ގަބޫލު ކުރާކަމެއް ނޫން

މުއިއްޒު ސަރުކާރުން ގުޅީފަޅު ގޯތިތައް ހަވާލެއް ނުކުރާނެ!

ދެރަކަމުގެ ކޮޅެއްނެތެވެ. މުއިއްޒުގެ ހީލަތުގެ މަޅީގައި މީހުން ޖެހޭލެއް ކިހާ އަވަސް ހެއްޔެވެ. ކަމެއްގެ އެދުން ކިތަންމެ ބޮޑުވިޔަސް ތެދުވެރި ކަމެއް ނެތް މީހަކަށް އިތުބާރު ކުރާކަށް ނުވާނެއެވެ. މާލެ ސަރަހައްދުން ގޯތި ލިބުނު މީހުން ހަމަރަނގަޅަށް މުއިއްޒުގެ ހީލަތުގެ މަޅީގައި ބަނދެވި ނިމިއްޖެއެވެ. 

ރައީސް ސޯލިހު ވެރިކަމުގައި މާލޭ ސަރަހައްދުން މާލޭ މީހުނަށް 9000އަށް ވުރެ ގިނަ ގޯތިވަނީ ދީފައެވެ. ގޯތި ފާހަގަކޮށް އެތަން ތަނަށް ރަޖިސްޓްރީ ވެސް ވަނީ ހަދާދީފައެވެ. ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުން އޮތީ ގޯތި ކަށަވަރު ކޮށްދީފައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ނުހިކި އޮތީ 9000 ގޯތިން އެންމެ 600 ގޯއްޗެވެ. އެގޯތިތައް ހިއްކުމުގެ މަސައްކަތް ގިރާވަރުފަޅުގައި ދިޔައީ ކުރިއަށެވެ. ގޯތި ހިއްކުން ހުއޤޓާލީ މުއިއްޒު ވެރިކަމަށް އަރާފައެވެ. 

މާލެ ސަރަހައްދުން ގޯތި ދިނުމަކީ މުއިއްޒު ސަރުކާރުން ގަބޫލު ކުރާކަމެއް ނޫނެވެ. އެހެންވެ ގޯތިނުދީ ވާން އޮތް ހުރިހާ ހުއްޖަތެއް އައީ ދައްކަމުންނެވެ. ހުޅުމާލޭން ގޯތި ދީފައިހުރީ ހޮޅިމަތިންނާ މަގުމަތިން ކަމަށް ވެގެން ހުޅުމާލޭން ގޯތި ނުދިނުމުގެ ބަހަނާއަކަށް އެކަން ހެދިއެވެ. ގުޅީފަޅުގައި ހިއްކާފައި އޮތް ބިމުން ގޯތިދީފައިހުރީ ލޭންޑްޔޫސް ޕްލޭނެއް ނެތިކަމަށް ހަދައިގެން އަޑު އެރުވިއެވެ. މަގެއް ސްކޫލެއް މިސްކިތެއް ޕާކެއްނެތޭ ކިޔައިގެން ވާވެއްދިއެވެ. ގިރާވަރުފަޅުން ގޯތި ދިނީ ކަނޑުންނޭ ކިޔައިގެން ބޮޑު ފިތުނަގަނޑެއް ފަތުރާލިއެވެ. 

މުއިއްޒުގެ އެއްބަޑު ކޮއްކޮ ނިލަންދޫ ދާއިރާގެ މެންބަރ ސައުދާއާއި ޕީއެންސީ ޕީޖީ ލީޑަރ ފަލާހު ސިފަކުރި ގޮތުގައި މާލެ ސަރަހައްދުން ގޯތި ދިނުމަކީ ޖަރީމާއެކެވެ. ވައްކަމެކެވެ. އެޗްޑީސީން ބުނީ އެތައް މިލިޔަން ޑޮލަރަކުން ގެއްލުން ލިބުނު ކަމަށެވެ. މުއިއްޒުގެ މުޅި ސަރުކާރު އޮތީ މާލޭ ސަރަހައްދުން މާލޭގައި ދިރިއުޅޭ މީހުނަށް ގޯތި ދިނުމާ ދެކޮޅަށެވެ. މުއިއްޒު ސަރުކާރަށް ނިސްބަތްވާ ސިޔާސީ ވެރިންނާއި މަޖިލިސް މެންބަރުން އެކިއެކި މަހައްލުގައި މާލެ ސަރަހައްދުން ގޯތި ދިނުމާ ދެކޮޅަށް ތަކުރާރުކޮށް ވަނީ ވާހަކަ ދައްކާފައެވެ. މިހުރިހާ ކަމަކުން ވެސް އެގެނީ މާލެ ސަރަހައްދުން މާލޭ މީހުނަށް ގޯތިދޭން މުއިއްޒު ބޭނުން ނުވާކަމެވެ. 

ފިއްތުން ތަކާއެކު އެންމެ ފަހުން ހުޅުމާލެއިން ގޯތި ލިބުނު ބައެއް މީހުނަށް ގޯތި ހަވާލުކޮށްދީ ރަޖިސްޓްރީ ދީފިއެވެ. ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެތައް ބައެއްގެ ގޯތި ގުޅީފަޅަށް ބަދަލުކޮށް ގުޅީފަޅުން ގޯތިދީ ބިން ވަކިކޮށްފައި އޮތް ގޯތިތައް މަސްހުނިކޮށްލާ ނުހިއްކާ އޮތް ބޮޑު ވިލެއްވެސް ހިމަނައިގެން ގޯތިތަކުގެ ގުރުއަތުލާ ގުޅީފަޅު ގޯތިތައް އަގަޑަ ބަގަޑަ ކޮށްލީއެވެ. ކުރިން ރަޖިސްޓްރީދިން ބިމާ މިހާރު ގޯތި ލިބޭތަނާ އެއްވެސް ގުޅުމެއް ނެތެވެ. ކުރީ ސަރުކާރުން ދިން ރަޖިސްޓްރީތަކަކީ ބޭކާރު އެއްޗަކަށްހަދާ ނިންމާލީއެވެ. އެތައް ހާސް ގޯއްޗެއް އަލުން ހިއްކަންޖެހި ގުޅީފަޅުން ގޯތި ހަވާލުނުކޮށް ހީލަތްތެރި ގޮތަކަށް ދަންމާލީއެވެ. 

ނަތީޖާއެއްގެ ގޮތުން ކުރީން ލިބުނު ރަޖިސްޓްރީއާއި އެއްގޮތަށް ގޯތި ނުދީގެން ގޯތި ހޯދަން ބަޔަކު ކޯޓަށް ފޮނުވައިގެން ކޯޓުގައި މައްސަލަ ފައިލު ކުރުވާނީ މިސަރުކާރުންނެވެ. ގޯތިތަކުގެ މައްސަލަ ޝަރީއަތުގައި އޮތްކަމުގެ ބަހަނާ ދައްކައިގެން ގުޅީފަޅުން ގޯތި ހަވާލުނުކޮށް ދަންމާލާނެ މޮޅު އުކުޅެއް ހެދީއެވެ.

ގޯތި ލިބުނު މީހުން ބަސްއަހައިގެން މެންދުރު ކާޅުތަކެއްހެން ގޯތީގެ އެދުމުގައި އަނގަހުޅުވިފައި ތިބޭނޭތާއެވެ. ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ކޯޓުން މައްސަލަ ނުނިމޭތީ ގޯތި ނުދެވިގެން އުޅެނީއޭ ސަރުކާރަށް ބުނެވޭނެތާއެވެ. ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގުޅިފަޅު ސިޓީ އާރާސްތު ކުރުކަށް ހިއްކާ ނިމެންދެން ކެތްތެރި ވެގެން ތިބުން ނޫން ގޮތެއް ނެތުނީއެވެ. މިހާރުގެ އެލްޔޫޕީއާއި އެއްގޮތަށް ގޯތި ހަވާލުކުރަން ފުންވިލު ހިއްކާ ނިމެންދެން ގޯތި ލިބުނު މީހުން ޖެހޭނީ ތިބެންތާއެވެ. ބިންހިއްކާ ނިމުނަސް އަދި ގޯތި ދެވޭނީ ޝަރީއަތައް ވެސް ނިމިގެންތާއެވެ. އިންތިޒާރަށް ދިހަބާރަ އަހަރު ނެގިޔަސް ގޯތި ނުލިބުމަކުން ސަރުކާރުގެ ގޯހެއް ނުއޮންނާނެ ތާއެވެ. އެގޮތް އޯކޭވެގެން އަދިވެސް ހަމަތިބޭނީހެއްޔެވެ.