މުއިއްޒު ފަލަސްތީން ވާހަކަ ނުދެއްކީ ބިރުން
އިންޑިއާ އެއްފަރާތްކޮށް ރާއްޖޭގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން ސީދާ ވަނުން
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސްއެވެ. ރައީސް މުއިއްޒަށް އެހެން ބަޔަކީ އެއްވެސް ބައެއް ނޫނެވެ. މަށަށް ނުވާ މޮޅެއް އެހެން ބަޔަކަށް ވެގެން ނުވާނެތާއެވެ. ފަލަސްތީނެއް ކަމަކު ވަރިހަމަތާއެވެ. ފަލަސްތީނައިގެން އުޅެގެން މޯލްޑިވްސް ޕްރޯ ވެވޭނީ ކިހިނެއް ހެއްޔެވެ. ފަލަސްތީނަކުން ލިބޭނެ އެއްޗެއް އޮންނަނީއެއް ނޫން ވިއްޔާއެވެ. ވިއްޔާވާނީ ގެއްލުމެއް ވިއްޔާއެވެ. އެއްޗެއް ލިބޭނީ އެމެރިކާއިންނެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ފަލަސްތީނުގެ ވާހަކަ ނުދެއްކެވީތީ ބަޔަކު ކަން ބޮޑުވިޔަސް ފަލަސްތީނުގެ ވާހަކަ އެތާ ދެއްކެވި ދާނެތީ ރައީސް މުއިއްޒު މާބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވާހަކަ ދައްކަން ހުންނެވި ޖަލްސާގައި އެމަނިކުފާނު ކުރިފުޅުމަތީ ކަނުލާ އަޑުއަހަން އެމެރިކާގެ ބޮޑު ވަފުދެއް އޮތްކަން ރައީސް މުއިއްޒަށް އެނގިވަޑައިގަނެއެވެ. މަތީ ފެންވަރުގެ ވަފުދެއް އެމެރިކާއިން އެ ރަސްމިއްޔާތަށް އަންނާނީ ގައިމު ކަމެއް ވެގެންތާއެވެ.
ފަލަސްތީނުގައި ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން އިޒްރޭލުން ހިންގަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބިގެން އެމީހުންގެ އެހީތެރިކަމުގައެވެ. އިޒްރޭލުގެ އަނިޔާވެރިކަން އެންމެ އަޑިން ފެށިގެން އެންމެ މައްޗަށްވެސް ގެންދެވެނީ އެމެރިކާއިން ކުރުވާތީއެވެ. މުޅި ދުނިޔެ އިއްތިފާގުވާ އެންމެ ބޮޑު ހަގީގަތަކީ އެއީއެވެ. އަނެއްކޮޅުން އެމެރިކާއާއި އިޒްރޭލުގެ ފޯކަހުގައި އަބަދުވެސް ރާއްޖެ އޮވެއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީއެވެ.
ފަލަސްތީނުގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަނިޔާވެރިކަން އެންމެ ހޫނުވެގެން ދިޔަ ދަނޑިވަޅުގައި އިޒްރޭލުގެ ސަމާލުކަން ރާއްޖެއަށް ހުއްޓުނު ހުއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރުކުރުމަކީ އެމީހުނަށް ރައްކަތެރިކަމެއް ނޫންކަމަށް އިޒްރޭލުންވަނީ ރާއްޖެއާ ދެކޮޅަށް ޓްރެވަލް ބޭން އަޅާފައެވެ. ހަމަ އެޔާއެކު ކެނެޑާއިން ވެސް ރާއްޖެއަކީ ދަތުރުރަން ރައްކާތެރި ގައުމެއް ނޫންކަމަށް އޮތީ ނިންމާފައެވެ. ރާއްޖެއަކީ ބިރުވެރިތަނެއްގެ ގޮތުގައި ވަރަށް ތަފްސީލީ ގޮތެއްގައި ކެނެޑާއިން ވަނީ ސިފަކޮށްފައެވެ.
ޒަމާނުއްސުރެ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އެޖެންޑާތައް ތަންފީޒު ކުރުވަނީ އިންޑިއާ މެދުވެރިކޮށެވެ. ވެދިޔަ ދިގު މާޒީގައި ރާއްޖޭގައި ހިނގަމުން އައީ އިންޑިއާ ފަސްޓް ޕޮލިސީއެވެ. އެހެން ކަމުން އާއްމު ގޮތެއްގައި ރާއްޖެގެ ކަންކަމުގައި ސީދާ އެމެރިކާއިން ބެހިއެއް ނޫޅެއެވެ.
އެހެން ނަމަވެސް ނިމިދިޔަ ސަރުކާރާ ދެކޮޅަށް ސިޔާސީ ވާދަވެރިން ހިންގި އިންޑިއާ އައުޓް ހަރަކާތަކީ ދުނިޔޭގެ ކުރި މަތީގައި ރާއްޖޭގެ މޫނު މަތި ބަދަލުކޮށްލި ހަރަކާތެވެ.
ޕީޕީއެމް - ޕީއެންސީ ހިންގި އިންޑިއާ އައުޓް ހަރަކާތަކީ އެމެރިކާއާއި ޔޫރަޕާއި އަރަބި ދުނިޔޭގައިވެސް ރާއްޖޭއަކީ އަމާންކަން ގެއްލިފައިވާ ތަނެއް ކަމަށް ވެގެން ދިޔަ ސަބަބެވެ. ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް ރާއްޖޭގައި ހިނގާފާނެ ކަމަށް މިހާރު ދުނިޔެއިން ދެކެން ފަށައިފިއެވެ.
ޕީޕީއެމް-ޕީއެންސީ ސަރުކާރަށް އައުމަށް އުޅެގަތް ގޮތުންނާއި އަމަލުކުރި ގޮތުން ރާއްޖެއަށް ކުރި އިތުބާރު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޕާޓީއަކަށް ދުނިޔެއަކުން ނުކުރެއެވެ. އެހެންކަމުން ޕީއެންސީ ސަރުކާރެއް ރާއްޖެއަށް އައުމަކީ އެމެރިކާގެ ކަން ބޮޑުވުން އިންތިހާއަށް ދިޔަކަމެކެވެ. އިންޑިއާ އައުޓާއި ޕްރޯ ޗައިނާ އަކީ އެމެރިކާ ގަބޫލުކުރާ ކަންކަމަށް ނުވާތީއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި މުޅި ދުނިޔޭގައި ފެށިފައިވާ އިޒްރޭލާ ދެކޮޅު ހެދުމުގެ ހަރަކާތަކީ ކޮންމެ ސަރުކާރެއް އޮތަސް ހިނގާނެ ހަރަކާތެއްކަން އެމެރިކާ ގަބޫލުކުރެއެވެ. އެހެން ކަމުން އާއްމު ވިސްނުމާ އެއްގޮތަށް ފަލަސްތީނާ ގުޅުން ހުރިކަންކަމުގައި ސަރުކާރުން އަމަލު ކުރިޔަ ނުދިނުމަކީ އެމެރިކާގެ ބޭނުމެކެވެ. ރައީސް މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެހާ ބޮޑު އިސްކަމެއް ދެއްވީ އެހެން ވެގެނެވެ. ފަލަސްތީނުގެ ވާހަކަ ރައީސް މުއިއްޒު ނުދެއްކެވީ އެކަމާ ބިރުންނެވެ.