މާލޭ މީހުން ގޯއްޗާ ހަވާލުވާން ދާންޖެހޭނީ ގަނޑުވަރަށް؟!

އެޗްޑީސީ އުފެއްދީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް

މާލޭ މީހުން ގޯއްޗާ ހަވާލުވާން ދާންޖެހޭނީ ގަނޑުވަރަށް؟!

ވެރިކަން ލިބުމުން ޒާތީ ތައައްސަބުން ފޯވެތިބެ ކަންކަން ރޭވި އިންތިޒާމު ވެފައިވާ ގޮތާ ހިލާފަށް ތަނެއް ދޮރެއް ނުބަލާ ތެޅެބޭލީމާ ފައިބާނީ ހުޅުނބެވެ. ޖެހޭނީ ހީނުކުރާވަރުގެ ދުއްތުރާ ތަކެވެ. ރަނގަޅަށް ހިނގަހިނގާ އޮތްކަމެއް ހިތުހުރި ގޮތަކަށް ފުރޮޅާލައިގެން އަތަށް ގޮއްވާލީމާ ނުވެނުދާނެ ހުރިހާ ގޮތެއް ދަނީ ވަމުންނެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނިޔަތް މުއިއްޒުގެ ނެތުމުން އެކި ބަހަނާ ދައްކާ ދިގުދަންމާ ލަސްކޮށް ފަސްކުރާކަން ނޭނގޭ މީހަކު ނޫޅެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ކަންކަން އޮބި އަޅުވައިގެން ހިފެހެއްޓޭނީ މިންވަރުގެ ކޮޅަށެވެ.

މާލޭގެ 9000 އާއިލާއަކަށް މާލޭ ސަރަހައްދުން ގޯތި ދިނުމަކީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް އެޗްޑީސީއަށް ލިބުނުކަމަށް ހަދައިގެން ވާހަކަ ދައްކާއިރު އެޗްޑީސީއަށްވުރެ ހުޅުމާލެ މާ ދޮއްޓެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކިއިރު އެޗްޑީސީއަކީ ވުޖޫދުގައިވެސް އޮތްތަނެއް ނޫނެވެ. ހުޅުމާލެ ޑިވްލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އެޗްޑީސީ އުފެދުނީ ސަރުކާރުގެ ވުޒާރާއަކުން ވިޔަފާރި އުސޫލުން ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންކަން ކުރުމުގެ ބަދަލުގައި ވިޔަފާރިކުންފުންޏަކުން އެކަން ކުރުމުގެ އައުލާކަން ބޮޑުކަމުންނެވެ. ފަހުން ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލުކޮށް ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއު ހިންގާ މައިކުންފުންޏަށް އެޗްޑީސީ ބަދަލު ކުރީއެވެ. 

އެޗްޑީސީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ. އެޗްޑީސީ އުފެއްދީ ހުޅުމާލޭގެ ބިމުން ވިޔަފާރި ކުރުމަކަށް ނޫނެވެ. ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަސާސީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބިމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަކީ އެޗްޑީސީގެ އިހުތިސާސުގައި ވާހާ ތަނަކީ އެޗްޑީސީގެ ވިޔަފާރި މުދާގަނޑެއް ކަމުގައި ހަދާ ދިނުމެއް ނޫނެވެ. 

އެޗްޑީސީ އުފެދުނު މަގުސަދު އޮޅި އެޗްޑީސީއަކީ ދައުލަތުގެ ބިމުން ވިޔަފާރިކުރަން އުފައްދާފައި އޮތް ކުންފުންޏެއް ކަމަށް ހަދައިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެެއްގައި ހިޔާވަހިކަން ހޯދާ ދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ނޫންކަމަށްވެ ނިމިއްޖެއެވެ. ބިމުގެ ވިޔަފާރި ކުރުންނޫން ކަމެއް ނުކުރާތަނަކަށް އެޗްޑީސީ ބަލުކޮށްފިއެވެ.

އެޗްޑީސީ ހިންގަން ތިބި މީހުންނަށާއި ސަރުކާރަށްވެސް އެޗްޑީސީ އުފެދުނު މަގުސަދު މިހާރު އޮޅިއްޖެއެވެ. ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ހޯދާ ދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަކަށް މިހާރަކު އެމީހުން ގަބޫލެއް ނުކުރެއެވެ. އެޗްޑީސީގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުން ބަންޑާރަ ގޯތިދޭ އުސޫލުން މާލެ ރައްޔިތުންނަށް ބިން ދޫކުރުމަކީ އެޗްޑީސީއަށާއި ސަރުކާރަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށްވެގެން އުޅެނީ އެހެން ވެގެންނެވެ. 

އަޖައިބެއް ނުވާނެ ހެއްޔެވެ. އެޗްޑީސީގެ އިހުތިސާސްގައި ކުރިންނެތް އެތައް ބިމެއް އެޗްޑީސިއަށް ލިބި ގްރޭޓަރ މާލެ ޒޯން އެޗްޑީސީއަށް ހިތަކަށް އޮތީ ލިބިފައެވެ. ގުޅީފަޅާއި ތިލަފުށީގެ މިލްކުވެރިކަން އޮތީ އެޗްޑީސީއަށެވެ. އެ ބިންތަކުގެ ނަފާ ލިބެނީ އެޗްޑީސީއަށެވެ. ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްއަކީ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏަކަށްވާތީ ސަރުކާރުން ބޭނުން ވުމުން އެޗްޑީސީއާއި އެކުންފުނި އެއްކޮށްލާ އެތައްތަނަކުން ބިޔަ ކުންފުންޏަކަށް ހަދާ އެޗްޑީސީ އޮތީ ކުރިއަށްވުރެ ބޮޑުކޮށްފައެވެ. 

ސަރުކާރަށް ގެންނަ ފެންނަ ކޮންމެ ބަދަލެއް އެޗްޑީސީއަށް ގެނައުމުގެ ބާރު ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން އަބަދުވެސް ސަރުކާރަށް އޮންނާނެއެވެ. ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ކުންފުނި އުވާލުމާއި އެއްކުރުމާއި އިހުތިސާސުން ތަންތަން ވަކިކުރުމާއި އިތުރުކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އޮންނަނީ އެއރަކު އޮންނަ ސަރުކާރަކަށެވެ. އެޗްޑީސީގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ހިޔާވަހިކަން ހޯދާދިނުން ކަމަށްވެފައި މާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް 9000 ގޯތި ދިނީ ސައްތައިން ސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް އެބާރު އޮވެގެންނެވެ.

ސަރކާރުން އެ ގޯތިތައް ދިނީ އެޗްޑީސީގެ އިހުތިސާސުން އެ ބިންތައް ވަކިކުރާ ގޮތަށެވެ. އެޗްޑީސީ އަކީކޮމާޝަލް އެންޓިޓީއަކަށް ވާތީ އެކުންފުނީގެ އިހުތިސާސުގައި ހިމެނޭ ސަރަހައްދުތަކުން ގޯތި ދޭންޖެހޭތީ އެޗްޑީސީއަށް އަދުލުވެރި ބަދަލެއް ދޭން އޭރު ސަރުކާރުން ކަނޑައެޅިއެވެ. ފައިސާއިން ބަދަލު ދިނުމުގެ ބަދަލުގައި އެސެޓުން ބަދަލުދޭން އެއްބަސްވެވި އެގޮތަށް ނިންމިއެވެ. އެ އެއްބަސް ވުމުގެދަށުން އެޗްޑީސީން ހިއްކާ ތަރައްގީ ކުރުމަށް މާސިންގާ ދެ ފަޅު އެޗްޑީސީއަށް ސަރުކާރުން ދިނެވެ. އެ ދެފަޅު ތަރައްގީ ކުރުމަށް އެޗްޑީސީއަށް ފައިސާ ހަމަޖެއްސޭނެ ގޮތުގެ ޕްލޭނެއް އެޗްޑީސީ ބޯޑަށް ކުރީ ސަރުކާރުން ދިނެވެ. އެހެންކަމުން ސަރުކާރުން ނިންމާ ނިންމުމަކުން ވާގެއްލުމެއްގެ ޒިންމާވެސް އުފުލާނީ ސައްތައިންސައްތަ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުންނެވެ.  

މާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް 9000 ގޯތި ދީގެން އެކަން ގޯސްކުރުމަށްޓަކާ އެޗްޑީސީއަށް 10.5 މިލިޔަނުގެ ގެއްލުމެއް ލިބުނު ކަމަށް އޮޑިޓަރ ޖެނެރަލް ލައްވާ މުއިއްޒު ބުނުވީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. އޮޑިޓަރ ޖެނެރަލް ލައްވާ ވަކިއެއްޗެއް ބުނުވުމަށްފަހު އޭގެ 4 މަސްފަހުން އެމްޑީ ފަޒުލް ރައްޔިތުންގެ މަޖިލީހުގައި މާލޭ މީހުނަށް ގޯތި ދިނުމުން ލިބުނު ގެއްލުން 5.4 ބިލިޔަން ރުފިޔާއަށް އަރާއޭ ބުނުމުން މި މީހުންގެ ހުރި ނުބައި ނުލަފާކަމާއި ދޮގުވެރިކަން ރައްޔިތުންނަށް ކިތަންމެހާވެސް ސާފެވެ. މުއިއްޒާއި ފަޒުލަށް ވެގެންވަންޏާ މާލޭ މީހުނަށް ގޯތި ލިބުނަކަ ނުދޭނެއެވެ. ގޯތި ހޯދަން ބޭނުމިއްޔާ އެ ނުވަހާސް އާއިލާ ޖެހޭނީ އެއްފަހަރާ މުލިއާގެއަށް ދާށެވެ.