ދިވެހިންނަށްވާ ބިދޭސީންނަކީ ދިވެހިންނޫން ކޮންބައެއް
ގޯތި ދިނީ ދިވެހިންނަށް: ދިވެއްސަކަށް ވުމުން ވަނީ ދިވެއްސަކަށް
ދިވެހި ރައްޔިތަކަށް ބޭރު ގައުމެއް މީހަކުވަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނު ތިކާއެއްގޮތަށެވެ. ބިދޭސީއަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު އެމީހަކީ ދިވެއްސެކެވެ. ދިވެއްސަކަށް ލިބިގެންވާ ހުރިހާ ހައްގެއް އެމީހަކަށްވެސް ލިބިގެންވެއެވެ.
ދިވެހި ރައްޔިތަކަށް ވެފައިވާ ބިދޭސީ މީހަކު ދިވެއްސަކާ ކައިވެނި ކޮށްގެން ދަރިން ލިބުމުން އެއާއިލާއަކީ ދެވަނަ ދަރަޖައިގެ ދިވެހި ރައްޔިތުން ކަމަށް ބެލެވޭނެ ޝަރުއީ ގާނޫނީ އެއްވެސް ހަމައެއް ނުއޮންނާނެއެވެ. އިންސާނީ ކަރާމާތަށް ބެއްޔަސް ނަސްލީ އިމްތިޔާޒާއި ބައިނަލްއަގުވާމީ ގާނޫނުތައް ވެސް ބަލައިގަންނަ ކަމެއް ނޫނެވެ.
ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގަކުން އެއްވެސް ދިވެހި ރައްޔިތަކު މަހުރޫމެއް ނުކުރެވޭނެއެވެ. މާލޭގެ ރައްޔިތުންނަށް ހިޔާވަހިކަން ދިނުމަށް ހިންގާ ސްކީމަކަށް ކުރިމަތިލުމުގެ ހައްގު އެހެން ގައުމެއްގެ ރައްޔިތުކަމުން ދިވެހިރައްޔިތަކަށް ބަދަލު ވެގެން ހުންނަ މާލޭ ރައްވެއްސެއްގެ ކިބައިން ނިގުޅައި ގަނެވޭނެ ގޮތެއް ނުއޮންނާނެއެވެ. އަމްދުން އަނބިދަރިން ތިބި ނަމަ އެހެން މީހުންނެކޭ އެއް އުސޫލުން އެއާއިލާއާއި މެދު އަމަލު ނުކުރެވުމަކީ ކިހާބޮޑު ބޭއިންސާފެއް ހެއްޔެވެ.
ސިޔާސީ ގޮތުން ފިތުނަ އުފެއްދުމަށްޓަކައި ތިމާފަދަ އަނެއް ދިވެހިރައްޔިތަކަށް ލިބިގެންވާ ހައްގަކުން މަހުރޫމު ކުރުމަށް ވަކާލާތުކޮށް ހެދުމަކީ ފަސާދައާއި ނަފްރަތު އުފެއްދުމެވެ. މި ސަރުކާރުން އިންޑިއާ މީހުނަށް ގޯތިދެނީކަމަށް ދައްކަން ތިޔަ ޖަހާ ސަކަރާތުން ސަރުކާރަށް ތާއީދު ގެއްލޭނެ ކަމަށް ހީކުރުމަކީ ދެއުޅިއެއް ނުވާ ކަމެވެ.
ގަމާރު ވިޔަސް ބޮޑުވަރެވެ. ބިދޭސީން ދިވެހި ރައްޔިތުންނަށް ވެގެން މާލޭން މީހުނާ އިނދެގެން ބޮޑެތި އާއިލާތައް އުފައްދާފައި ވަނީ މަދެއްކޮށް ނޫނެވެ. ކުރީން އެހެނިހެން އެތައް ގައުމެއްގެ މީހުން ދިވެހި ރައްޔިތުންނަށް ވެގެން ެެ ބަތިއްބެވެ. އިގިރޭސިންނާއި ފަރަންސޭސީންނާއި އަރަބިންނާއި އިންޑިޔާ ލަންކާ މީހުންނެވެ. އަދިވެސް އެހެން އެތައް ގައުމެއްގެ މީހުންނެވެ.
ބިދޭސީން ދިވެހި ރައްޔިތުންނަށް ވެފައިވާ މީހުން ހިމެނޭ އެތައް އާއިލާއެއް މިފަހަރު ގޯތި ލިބުނު އާއިލާތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި އިންޑިއާ އެއްގައި އަޅައިގަނެގެން ނުނެއްޓިގެން އުޅޭއިރު އެމީހުން ނިސްބަތްވާ އާއިލާތަކަށް ކުރާނެ އަސަރާއި ކުރާނެ ނަފްރަތު ހިތައްވެސް ނާރައެވެ.