ނުފުއްދަން މުއިއްޒުވާ ހޮޅި ވައުދު: އެއްކަޅިން ހޯޑެއްދޫ

ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތަކާއި، މެނިފެސްޓޯގައި ހިމަނުއްވާފައިހުރި ވައުދުތައް ތަރުތީބު ކުރެވިގެން ފުއްދެވުމުގެ އަަމަލީ މަސައްކަތް ކުރައްވާނެ އަހަރުކަމަށް ރައީސް ވިދާޅުވި އަހަރު ނިމެން ތިން މަހަށް ވަނީއެވެ. ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެހެން ވިދާޅުވި ފަހުންވެސް ނުވަ މަސް ދުވަސްވީއެވެ.
ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާ ކައިރި ފަޅުރަށްތަކުގައި އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެ ހޯޑެއްދޫ ރައްޔިތުންނަށް ދެއްކެވި ހުވަފެން ދިޔައީ ހޯޑެއްދޫ ރައްޔިތުންގެ ބޯމަތިންނެވެ. ހޯޑެއްދޫގެ އިހުތިސޯސްގައި އޮތް ކަޑެވާރެހާ އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގުމަށް ހޯޑެއްދޫގެ އިހުތިސޯސުން ބޭރުކޮށްލީއެވެ.
ކަޑެވާރެހާ ހޯޑެއްދޫ އިހުތިސޯސުން ބޭރުކޮށްގެން ހިންގާ އިންޓަރ ގްރޭޓެޑް ޓޫރިޒަމްއަކުން ހޯޑެއްދޫ ކައުންސިލާއި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތަކީ ނެތްގޮތެކެވެ. ކަޑެވާރެހާ ސިދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހޯޑެއްދޫ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވިލެއް ކިހާ މޮޅުހެއްޔެވެ. ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާ ކައިރި ފަޅުރަށްތަކުގައި އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސަނީއޭ ވިދާޅުވެ ރައްޔިތުން ލައްވާ ބާރަށް އަތްޖައްސުވާފައި ދިން ލަނޑު ދެކެބަލާށެވެ.
ކަޑެވާރެހާއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ހޯޑެއްދޫގެ ޓޫރިޒަމް ފުޅާކުރުމަށް ހޯޑެއްދޫގެ އިހުތިސޯސްގައި ހިމަނުއްވާ ދެއްވާފައިވާ ރަށެކެވެ. ކަޑެވާރެހާގައި ރިސޯޓެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯޑެއްދޫ ކައުންސިލުން އިއުލާނު ކުރުމުން އެކަން ހަޖަމްނުވެގެން ހޯޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކުރި ވަކިކުރުމުން އެނގި ސާބިތުވެގެން ދިޔައީ ރައްޔިތުން ބާރުވެރިކުރުމުގެ އެއްވެސް ނިޔަތެއް ރައީސް މުއިއްޒުގެ ނެތްކަމެވެ.
ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، އުދައެރުމުގެ މައްސަލައަށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ގޮތަކަށް ހައްލު ހޯދައި ދެއްވާނެކަމަށް ވިދާޅުވެފައި އޮތަސް އެކަންވެސް ހަގީގަތަކަށް އަދި ނުވެއެވެ. މިއަހަރު ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި ތައުލީމަށް ފަހު މަގުހެދުމަށް އިސްކަންދެއްވާނެކަމަށްވެސް އޮތީ ވިދާޅުވެފައެވެ.
މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާ ހައުސިންގ މަޝްރޫއުތައް ފެށުމުގެ ބަޖެޓެއްކަން ފާހަގަކުރައްވައި، ރަށްރަށުގައި ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުތައްވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވަމުން ހޯނޑެއްދޫގެ ހައުސިންގ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެހެނެކޭ ކިޔާ ތަނެއްގައި ބާއްވާލި ގައުބުރިއެއްވެސް އަދި އޮތްކަމަކަށް ނުވެއެވެ. ވެވަޑައިގެންނެވި ހުރިހާ ވައުދަކީވެސް ފުއްދެވުމަށް ވެވަޑައިގެންފައިވާ ވައުދެއްކަމުގައި ވިދާޅުވިޔަސް މިއަހަރު ފުއްދުމަށް ވިދާޅުވި ވައުދުތައް އަހަރު ނިމިގެން ދާއިރު ފުއްދޭތަނެއް ނުފެނެއެވެ.