ވަކިކުރި އަސްލު އެމްޑީޕީ މެންބަރަކީ ލޭބަރޕާޓީ ލީޑަރުތަ!!
އިންތިގެ ވައުދު ފައްޔާޒު ފުރިހަމަ ކުރެއްވުން: ދަފްތަރު އިސްލާހު ކުރުން
އުވަ އޮޑިއަށާއި ދޮންނަ މެޝިނަށާއި ޓައްޕަށް ވޯޓު އަޅައިގެން ބޭއްވި ޕްރައިމަރީ ސައްހަވާ ބޭފުޅަކު ދަފްތަރު އޮޅުވާލާ ވާހަކަ ދެއްކެވީމާ ރީއްޗެއް ނޫނެވެ. ކޮންމެ އެތެރޭގެ އިންތިހާބެއްގައި އެހެން ޕާޓީތަކުގެ މެންބަރުން ވަދެ އިންތިހާބު ގަޑުބަޑު ކުރާ ވާހަކަ ދައްކަވާ ބޭފުޅާ ދަފުތަރު އޮޅުވާ ވާހަކަ ދެއްކެވީމާ ކަމަކު ނުދެއެވެ. އަމިއްލަފުޅު ކޮންޓްރޯލު ދަށުގައ ގައުމީ މަޖިލީހާއި ސެކެޓެރިއޭޓް 17 އަހަރު ވަންދެން އޮތް ބޭފުޅަކު ދަފުތަރު ހަމަ މަގަށް ނާޅުއްވާ ހުންނަވައިގެން ދަފުތަރު ގަޑުބަޑު ވެފައިވާ ވާހަކަ ދެއްކެވީމާ ހުތުރެވެ.
ހަނދުމަ ފުޅު އައުކޮށް ލައްވާށެވެ. 2008 ގެ ރިޔާސީ ޕްރައިމަރީގެ ކުރިން އެމްޑީޕީގެ ރައީސަކަށް ހޮވި ވަޑައިގަތީ ޑރ. މުނައްވަރެވެ. އޭރު މެންބަރުންގެ ގޮތުގައި ތިބި ތޭރަ ހާހެއްހާ މީހުންގެ ތެރެއިން މުނައްވަރު ހޮވިވަޑައިގަތީ ބޮޑު އަގުލަބިއްޔަތަކުންނެވެ. 2008 ގެ ޕްރައިމަރީގެ ކުރިން ޕާޓީގެ ޗެއަޕަރސަނަކަށް ހުންނަވާ ފްރައިމަރީއާއި ޖެހުމުން އިސްތުފާ ދެއްވިއިރު ޕާޓީގެ ދަފުތަރު އޮތީ ފިސާރި ގައިކޮޅަށް ހެޔޮވަރަށް ފަހާލާފައެވެ. ޕާޓީގެ ރައީސް ހޮވަން ބޭއްވި އިންތިހާބުގައި ވޯޓުލީ އެތައް ބަޔަކަށް އޭގެ ހަމަސް ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވޯޓެއް ނުލެވުނެވެ.
2008 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ހަތަރު ބޭފުޅުންނެވެ. ޕާޓީގެ އޭރުގެ ރައީސް ޑރ. މުނައްވަރާއި އިސްތިއުފާދެއްވި ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާލަމަންޓްރީ ގްރޫޕް މެންބަރ ރީކޯ މޫސާ މަނިކާއި ގައުމީ މަޖިލީހުގެ މެންބަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.
އިސްތިއުފާ ދެއްވި ޗެއަރޕަރސަންގެ ގައިކޮޅަށް ހެޔޮ ވަރަށް ޕާޓީގެ ދަފްތަރު ބައްޓަންކޮށް ނިމިފައި އޮތް އިރު ކަމަކު ދާކަށް ނެތެވެ. ރިޔާސީ ޕްރައިމަރީ ކެންޑިޑޭޓް އަދި ގައުމީ މަޖިލިސްގެ މެންބަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ނަންފުޅު އެމްޑީޕީ މެންބަރުންގެ ދަފުތަރަކު ނެތެވެ.
އަޑުގެ ކޮޅަށް އެ ވާހަކަ ދެއްކީ ކެންޑިޑޭޓުން އެކަންޏެއް ނޫނެވެ. އެމްޑީޕީ ރައީސް ހޮވަން ވޯޓުލެވުނު އެކަމަކު ރިޔާސީ ޕްރައިމަރީގައި ވޯޓު ނުލެވުނު އެ ތައްސަތޭކަ މެންބަރުންނެވެ. އޭރުގެ ރައީސް ޑރ. މުނައްވަރު ފެއިލްކޮށްލައްވާ ރިޔާސީ ފްރައިމަރީ ކާމިޔާބު ކުރެއްވީ އިސްތިއުފާ ދެއްވި ޗެއަރޕާސަން މުހައްމަދު ނަޝީދެވެ. އެއީ އެދުވަހެވެ.
އޭގެ އެގާރަ އަހަރު ފަހުން 2019 ގައި އެމްޑީޕީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލަމެންޓް މެންބަރ މުހައްމަދު އަސްލަމެވެ. އޭރު ޕާޓީގެ ރައީސް ނަޝީދާއި ޗެއަރޕާސަން ހަސަން ލަތީފާއި އިންތިހާބީ ވެރިޔާ "ސާބެ" އަކީ އެއްގަލުން ފެހިކާ ލަނޑާ ތަކެއް ފަދައެވެ. ވޯޓުލަމުން ދިޔައިރު ވެސް އޭގެ ފަހުން ވެސް މެންބަރު އަސްލަމް ޕާޓީ އޮފީހަށް އެތައް ސަތޭކަ ޝަކުވާ ހުށަހެޅުއްވިއެވެ. އެ ދުވަހު ވެސް ދަފްތަރުގެ ވާހަކައާއި ވޯޓު އޮޅުވުމުގެ ވާހަކަ ތަކުރާރުކޮށް އެތައް ހާސް މެންބަރުން ދެއްކިއެވެ. އެކަމަކު ވީގޮތެއްވެ ނަތީޖާ ނިމިގެން އައީ ޝިފާޒް ކާމިޔާބު ކޮށްގެންނެވެ.
އެންމެ ފަހުން ބޭއްވި ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގެ ދުވަސްވަރު ދަފްތަރުގެ ވާހަކަ އަނެއްކާ ވެސް ކެކިގަތެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސާ އެންމެ ފަހުން ހުންނެވި ޗެއަރޕާސަންއާއި އިންތިހާބީ ކަންކަން ޒަމާނުއްސުރެ ބެލެހެއްޓެވި ސާބެ ތިއްބެވީ އިމްތިޔާޒް ފަހުމީއަށް ނިކަން ރަގަޅަށް ބައިއަތު ހިއްޕަވައިގެންނެވެ.
އިމްތިޔާޒް ފަހުމީގެ އެންމެ އިސް ވައުދަކީ ދަފްތަރު އިސްލާހު ކުރެއްވުމެވެ. ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައްޔާޒު އިސްމާއީލް އެންމެ އިސްކޮށް ކުރެއްވިކަމަކީ އިމްތިޔާޒުގެ ފުރަތަމަ ވައުދު ހަގީގަތަކަށް ހައްދަވާ ދެއްވުމެވެ. ގައުމީ މަޖިލިސްގެ ނިންމުމާއެއް ގޮތަށް ޕާޓީގެ ދަފްތަރު އިސްލާހު ކުރެއްވުމެވެ.
17 އަހަރު ވަންދެން އާރާ ބާރު ގައި ހުންނަވައިގެން ދަފްތަރު އިސްލާހު ނުކުރައްވާ ހުންނަވާ ދެއްކެވީ އެހެން ޕާޓީތަކުގެ މީހުން އެތެރޭގެ އިންތިހާބުތައް ހަރާބު ކުރާ ވާހަކަ އެވެ. އެ މަނިކުފާނު ނުކުރެއްވި ކަމެއް އުސޫލާއި ހަމައިގެ ތެރެއިން އެހެން ބަޔަކު ކުރީމާ ރައީސް ސާލިހަށް ވޯޓު ނުލާނެ "އަސްލު އެމްޑީޕީ މެންބަރުން" ގެ 39000 މީހުން އުނިކުރި ކަމަށް ވެއްޖެއެވެ.
ރައީސް ނަޝީދު އެ ވިދާޅުވާ އަސްލު އެމްޑީޕީ މީހާ ދެނެގަންނަ މީޓަރ އޮތް ތަނެއް ނޭގުނަސް ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ސިޔާސީ ޕާޓީއެއްގެ ލީޑަރަކު އެމްޑީޕީގެ ދަފްތަރުގައި އޮތުމުން އެންމެ ފަހުން އޮތް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވޯޓް ދިންކަން ޔަގީނެވެ.
ނޭގެނީ އޭނާ ވޯޓުދެއްވީ ކޮން ކެންޑިޑޭޓަކަށް ކަމެވެ. އުސޫލާ ހަމައިގެ ތެރެއިން މިފަހަރު ވަކިކުރެވުނު ބަޔަކު ވަކިކުރީ މެމްބަރުޝިޕް ސައްހަކުރަން އެކަށީގެންވާ ވަގުތު ދީގެންވެސް ސައްހަ ނުކުރި މީހުންނެވެ. އޭގެތެރޭގައި ގިނައީ އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތް މީހުނެވެ. އެ މީހުން ވަކި ކުރުމަކީ ގޯހެއް ކަމަށް ވާނަމަ ރައީސް ނަޝީދު އެ ވިދާޅުވާ އަސްލު އެމްޑީޕީ މީހާއަކީ ލޭބަރ ޕާޓީގެ ލީޑަރ ފަދަ ބޭޅުންތާއެވެ.