އަންގާވެސް ނުލާ ބާލަނީ ކިހާ އިންޑިއާ ސިފައިންނެއް
ފޮރުވާނެ އެއްޗެއް ނެތް ސަރުކާރުން ބާލަން ބުނީ ކިހާ ސިފައިންނެއް
އަނެއްކާ އަނެއް ވާހަކައެވެ. ދުނިޔޭގެ އާޖުފާޖު ނޭގޭ ކުޑަކުއްޖަކު ވެސް ގަބޫލު ކުރާނީ ކުރާކަހަލަ ވާހަކައެވެ. ރާއްޖެއާއި އިންޑިއާ އާއި ދޭތެރޭގައި އޮތް ސިފައިން ބޭލުމުގެ މައްސަލައަކީ އިހުތިފާލެއްގައި ބައިވެރިވެލަން އަންނަ ވަޒީރަކު ބޮލުއަޅައިގެން ހިނގާނެ ކަމެއް ނޫނެވެ.
ކަންކަން ކުރުމުގައާއި ކަންކަމަށް އެދުމުގައި އުސޫލުތަކަކާ ހަމަތަކެއް އޮވެއެވެ. އެއްވެސް ސަރުކާރެއްގައި ކޮންމެ ކަމަކީ ކޮންމެ މީހަކާ ބެހޭ ކަމެއް ނޫނެވެ. އަމްދުން އަޝްކަރީ ކަންކަމަކީ ހިތުހުރި ގޮތަކަށް ނިންމޭނެ ކަންކަމެއް ނޫނެވެ.
އިންޑިއާގެ އާތު އެންޑް ސައިންސް މިނިސްޓަރަކީ ފޮރިން ޕޮލިސީ އާއި ޑިފެންސް ޕޮލިސީ ތަންފީޒު ކުރާމީހާއެއް ނޫނެވެ. އޭނާ ރާއްޖެއައީ އައު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލުމަށެވެ. އޭނާ އަކީ އިންޑިއާ ސިފައިންގެ މައްސަލާގައި ރާއްޖޭގެ ސަރުކާރާ މަޝްވަރާ ކުރަން ކަނޑައަޅާފައި ހުރި މީހެއް ނޫނެވެ.
ތެދެކެވެ. ކޮންމެ މީހެއްގެ ގާތުގައިވެސް އެވާހަކަ ދެއްކި ދާނެއެވެ. އޭނާ ގާތުގައި އެވާހަކަ ދެއްކިދާނެއެވެ. ދެއްކީމާ އަޑުވެސް އަހާނެއެވެ. އެހެން ނަމަވެސް އެއިއްޔަކީ އޭނާ ފޮނުވި ބޭނުން ނޫންކަމުން އެކަމަށް ރަސްމީ އެއްވެސް ސިފައެއް ނާންނަނެއެވެ.
ރާއްޖޭގެ އައު ރައީސް މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތަށް ޒާތެއްގެ މިނިސްޓަރަކު ފޮނުވުމުން އެދިން މެސެޖަކީ ކޮބައިކަން ނޭނގޭހާ މިހާރަކު މީހުން ގަމާރެއް ނޫނެވެ. ބޮޑުވަޒީރު ނުވަތަ ފޮރިން މިނިސްޓަރު ފަދަ ކަމެއް ނިންމޭވަރު މީހަކު ނައިނައުމުން އެއްޗެއް ނުވިސްނޭ ހެއްޔެވެ.
ރާއްޖޭގައި ތިބީ ކިހާ ސިފައިންނެއް ކަމެއް އައުސަރުކާރުން އަދި ހާމަ ކުރީއެއް ނޫނެވެ. ތިބި ސިފައިންގެ އަދަދު ރައްޔިތުންނަށް ހާމަކޮށް ނުދީ އެމީހުން ފޮނުވާލަން ރަސްމީކޮށް އެދުނީ ހެއްޔެވެ. ސިއްރުކޮށް ފޮރުވާނެ ކަމެއް ނެތް ސަރުކާރަކުން ތިބީ ކިހާ ސިފައިންކަން ބުނެނުދީ ސިފައިން ބާލަން އެދުނީމާ ތީތި ކަޑައެވެ.
މިއަދު ރަސްމީކޮށް އެދިއްޖައީމޭ ބުނެފައި ތިބި ހުރިހާ ސިފައިން ގެންގޮސް ނިމިއްޖެއޭ މާދަމާ ބުނާށެވެ. އޭރުން އަތްޖަހާ މީހުން ބާރަށް އަތްޖަހާނެއެވެ.