ލޯގޯއިން ފުހެލިޔަސް ހިތްތަކުން ރީދޫ ކުލައެއް ނުފުހެވޭނެ

ބ. އަތޮޅުގައި އާރުޓީއެލް ފެރީ ފެށީ ރީދޫ ކުލަޔާނުލާ

ލޯގޯއިން ފުހެލިޔަސް ހިތްތަކުން ރީދޫ ކުލައެއް ނުފުހެވޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރޓީއެލް) ލޯގޯއިން ރީދޫ ކުލަ ފުހެލިޔަސް ރައްޔިތުންގެ ހިތްތަކުން ރީދޫ ކުލައެއް ފުހެއެއް ނުލެވޭނެއެވެ. އާރުޓީއެލްގެ ކްރެޑިޓެއްވެސް މުއިއްޒަކަށް ނުނެގޭނެއެވެ. މުއިއްޒު އުޑުގަޖެހިފަ ބިމުގަޖެހުނަސް އާރުޓީއެލްގެ ބާނީ އަކީ ރައީސް ސޯލިހު ނޫން މީހަކަށް ނުހެދޭނެއެވެ. 

މިއަދު ބ. އަތޮޅުގައި އެ ފެށީވެސް ކަނޑާއި އެއްގަމު މަގުން މުޅި ރާއްޖޭ ގުޅުވާލަން ރައީސް ސޯލިހު ފެއްޓެވި ބިޔަ މަޝްރޫއުގެ ބޮޅެކެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ބަނދެގެން ބާލައިގެން ގެނަސް އާރުޓީއެލް ފެރީގެ ގޮތުގައި ގެންގުޅުނު ދެ ލޯންޗް ލޯގޯގެ ކުލަ ބަލުކޮށްފައި ބ. އަތޮޅަށް ފޮނުވައިގެން އާރުޓީއެލްގެ ހިދުމަތް ފެށީއޭ ކިޔައިގެން ފޮނި ކަނޑާނެ ކަމެއްނެތެވެ. 

ކިތަންމެ ވަރަކަށް ކުލަ ބަދަލުކޮށް އޮފުކޮށްގެން ބ. އަތޮޅަށް ފެރީގެ ހިދުމަތަށް ނެރުނަސް އެއްޔަކީ މުއިއްޒު ސަރުކާރުން ބަނދެ ބާލައިގެން އުޅޭ ދެ ލޯންޗެއް ނޫނެވެ. ކުރިން 102 އާއި 104 ގެ ގޮތުގައި ބޭނުން ކުރި އެ ދެ ލޯންޗް ބ. އަތޮޅަށް އެގެނައީ ކުރިން ބޭނުންކުރި ސަރަހައްދުގެ ފެރީ ޝެޑިއުލު ގިއްގަޅުވާލާފައެވެ. ހަމަޖެހިގެން ދަތުރުކުރި އެހެން ސަރަހައްދެއްގެ ދަތުރުތަކަށް ބުރޫއަރުވާފައެވެ. 

ރިޔާސީ ވައުދުފުޅާ އެއްގޮތަށް އާރުޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި ފެށިއްޖެއޭ ކިޔައިގެން ބޮޓުންތައް މާ ފޮނެއް އަރުވާނެކަމެއް ނެތެވެ. ނޫން ކަމަށް ހަދައިގެން ވެސް މުއިއްޒަށް އެކުރެވެނީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ހުރިހާ ރަށަކަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސް ސޯލިހު ފެއްޓެވި ގައުމީ މަސައްކަތުގެ ބައެކެވެ. ބާރަށް ކުރިއަށް ގެންދާށެވެ.

ދެރައީ ހިދުމަތް ގާއިމު ކުރާއިރު ކުރިން ރާވާފައި އޮތް ފެންވަރުގައި ކަންކަން ނުކޮށް ކަމަކަށް ކަމެއްކޮށްފައި މެޑެލް ޖަހަން އުޅޭތީއެވެ. މެޑެލް ޖަހައިގެންވެސް މެދު ނުކެނޑި ރައްޔިތުންނަށް ބުރައަކަށްނުވެ ބ. އަތޮޅުގައި ވެސް އާރުޓީއެލްގެ ހިދުމަތް ދެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. 

މުއިއްޒަކީ ކޮވެއްޔެއް ކަހަލަ މީހަކީތާއެވެ. ތިމާ ކަމެއް ނުކޮށް އެހެން މީހުން ކޮށްފައި ހުންނަ ކަންކަމުގެ ކުރެޑިޓް ނެގުމުގައި ކޮވެލި ކީއްކުރަން ހެއްޔެވެ. ކަނދިކަމަނާއަށްވެސް ދޫނުކުރެއެވެ. ވެރިކަމަށް އެރިގޮތަށް ހުޅުވި މުސްކުޅިންގެ ނާދީއާއި އައްޑޫ ހަންކެނޑެ ބުރިޖާއި އެތައް ރަށެއްގެ ފެނާ ނަރުދަމާ ހިދުމަތާއި ހުޅުމާލޭ ހޮސްޕިޓަލްގެ ވޯދާއި އައިސީޔޫއާއި ހުޅުލޭ ކާގޯ ޓާމިނަލާއި ހުޅުލޭ ޕަސިންޖަރ ޓާމިނަލާ މިހުރީ ހައްތަހާވެސް އޭގެ މިސާލު ތަކެވެ.