ރަށްރަށު ރައްޔިތުންގެ ހައްގުތައް ޓަކައިގަތުމަށް ކައުންސިލަރުން ބަނދެލަނީ

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ރާއްޖޭން ބޭރަށް ތަޖުރިބާ ދަތުރު ދާތީ މުއިއްޒުގެ މޭގަނޑު އަނގަޔަށް އަންނަވަރުވެއެވެ. ކައުންސިލުތަކުން ދަތުރު ކުރުމަކީ ހަރަދުބޮޑު ބޭކާރު އިސްރާފަކަށް ވެގެން ރޭނިދި ނުދިގެން މުއިއްޒު އުޅޭއިރު ބޮޑުގެރި ބޭރަށް ހިންގާހެން މުޅި ދުނިޔޭގައި މުއިއްޒާއި މުއިއްޒުގެ އައުވާނުން ހުއްޓާނުލާ އުދުހުމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުވެއެވެ. މުއިއްޒާއި ސަރުކާރުގެ ވެރިން ދައުލަތުގެ ފައިސާ ހަރަދު ކޮށްގެން އުދުހެނީ އެ ހަރަދުކުރާ ފައިސާއަކީ އެމީހުންގެ މައިން ބަފައިންގެ ތަރިކައިން ލިބިގެންއުޅޭ އަމިއްލަ ފައިސާ ވީމާހެއްޔެވެ.
ވިޔަފާރި ކުރުމާއި ތަންތަން ކުއްޔަށް ދިނުމާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމާއި މުވައްޒަފުން ނަގަން ކައުންސިލުތަކަށް އޮތް ބާރު ހަނިކޮށްލަނީ ރައްޔިތުން ބާރުވެރި ކުރުވާށޯލައެވެ. ރަށްރަށުގެ ރައްޔިތުން ކުރާ ވިޔަފާރިއަށް ކައުންސިލްތަކުން ވަންނާތީ ޔޯލައެވެ. ގައުއެޅުމާއި އައިނު ހެދުންފަދަ އާދައިގެ ވިޔަފާރިއަށް ސަރުކާރުން ވަންނަމުން ކައުސިލްތަކަށް ވިޔަފާރި ކުރުން ހުއްޓުވާ ލުމަކީ ރައްޔިތުން ބާރުވެރި ކުރުމުގެ އާވައްތަރަކީތާއެވެ.
ރަށްރަށުގެ ކަންކަން ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ނިންމުމަށް ޖާގަ ދޭކަށް މުއިއްޒު ބޭނުމެއް ނުވެއެވެ. ރަށްރަށުގެ ރައްޔިތުން ސަރުކާރަށް ސަލާން ޖަހަން މަޖުބޫރު ކުރުވައިގެން ވެރިންގެ ތުބުން ވެއްޓޭ ބަތްފުށް ކާންތިބޭ ބަޔަކަށް ރަށްރަށު ރައްޔިތުން ހަދާ ބިކަކޮށްލުމަކީ މުއިއްޒުގެ އަމާޒެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލުގެނަސް ބްލޮކް ގްރާންޓް ނުދީ ކައުންސިލަރުން ބަދެލުމުން މުއިއްޒު ދިން އެއްޗަކަށް ޝުކުރުކޮށްލައިގެން ތިބުން ނޫންގޮތެއް ނުއޮންނާނެ ތާއެވެ.
ރަށްރަށުގެ ކައުންސިލަރުންނަކީ އުޑެއް ބުޑެއް ނުދަންނަ ޖާހިލުންކަމަށް ދޭހަވާގޮތަށް ކައުންސިލަރުންނަށް ކުޑައިމީސް ކުރުމަކީ މުއިއްޒުގެ ކަށީގެ މަދުގައި ހިފާފައި ހުރި ކަމަކީތާއެވެ. ފައިނު މާވަޑި ގޯތި އަދާނާއި ފިޔޯރީ މުއްތޮލިބަށްވުރެ ރަށްރަށުގެ ކައުންސިލަރުންގެ ގާނޫނީ ހައިސިއްޔަތު މާ ބޮޑެވެ. ވައްކަންކުރުމާއި ހިޔާނާތްތެރިވުމާއި އިސްރާފްކުރުމުގައި ހުރިހާ ކައުންސިލަރުންގެ ނިސްބަތްކުރާ ހުރިހާ ކަމަކަށްވުރެ މުއިއްޒު ސަރުކާރުން ކުޑަކުޑަ ބާރެއް ލިބިފައި ހުންނަ އެންމެ މީހެއްގެ ވަގުކަމާއި ހިޔާނާތްތެރިކަމާއި އިސްރާފު ކުރުން މާ ބޮޑެވެ.
މުއިއްޒު ސަރުކާރުގައި އެތައް މިލިޔަނަކުން ހިންގާ ވައްކަމާއި ހިޔާނާތާއި އިސްރާފު ހުއްޓުވަން މުއިއްޒު އުޅޭތަނެއް ނުފެނެއެވެ. ހައްތަހާވެސް މުއިއްޒު އުޅެނީ ކައުންސިލްތަކަކީ ވައްކަމާއި ހިޔާނާތާއި އިސްރާފު ކުރާ ތަންދޮރު ނޭނގޭ ބަޔަކު ތިބި ތަނެއް ކަމަށް މީހުންނަށް ދައްކާށެވެ. ބޭނުމަކީ މުއިއްޒު ސަރުކާރުން ކުރާ ވައްކަމާއި ހިންގާ ހިޔާނާތާއި އިސްރާފް އެހެން ހަރުފަތަކަށް ގެންގޮސް ރަށްރަށުގެ ރައްޔިތުންގެ ހައްގުތައް ޓަކައިގަތުމެވެ.