ރައްޔިތުން މާފުދެއްވި ޔާމީނު އަދިވެސް ހައްޔަރުގަ؟
އަދީބު މިނިވަން ވުމަށްވުރެ ބޮޑީ ރައްޔިތުންގެ % 54 ވޯޓުން މައާފް ދިން ޔާމީން މިނިވަންނުވެ ހުރުން
މިސުރުޚީ މިޖެހީ އެހެން ނޫހެއްގައި ރޭ އޮތް އެހެން ސުރުޚީއެއް ފެނިގެންނެވެ. އޭގައި އޮތީ " ޞޯލިޙް މާފް ދެއްވި އަދީބު ރާއްޖޭން ފުރާވަޑައިގެންފި" މިހެންނެވެ.
އެންމެ ފުރަތަމަ ބަލާލަންވީ މާފު ދެއްވި ކަމަށް އެބުނާ ޞޯލިޙަކީ ކާކުތޯއެވެ. އެއީ ފުއްކަފަ ޞޯލިޙްތޯ ނޫނީ ވަކައޮޅި ޞޯލިޙްތޯ ނުވަތަ ކޮން ޞޯލިޙެއްތޯއެވެ. އަސްތާއެވެ. އެބުނާ ޞޯލިޙަކީ އިއްޔެގެ ކުރީގެ ރައީސް އިބްރާޙީމް މުހަންމަދު ޞޯލިހެވެ.
އޯކޭއެވެ. އެބުނާ މަޢާފެއް ދެއްވީ ހަމަ ތާކުހުރި ސޮހޮލިހެއް ނޫނެވެ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް 5 އަހަރަށް ރައްޔިތުން އިންތިޚާބް ކުރި ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުޙަންމަދު ޞޯލިޙެވެ.
ޖަލުތަކާ ޕެރޯލް ގާނޫން ބުނާ ގޮތުން އިއްވާފައިވާ ހުކުމުގެ 4 ބައި ކުޅަ އެއްބަައި ތަންފީޒުވީމާ އެމީހެއްގެ ހުކުމުގެ ބާކީ އެހިނދަކު ހުރި ރައީސަކަށް މާފު ކުރެވޭ ގޮތްތަށް އެގާނޫނުގައި އެބައޮތެވެ.
މިބުނާ ގާނޫނު މިގޮތަށް ފާސް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދީބަށް އިއްވާފައި އޮތް ހުކުމުގެ 4 ބައިކުޅަ އެއްބަޔަކީ 5 އަހަރެވެ. ޕެރޯލް ގާނޫނުން ކުރީގެ ރައީސް އިބޫ އަދީބަށް މަޢާފް ދެއްވީ އެ ގާނޫނު ބުނާ 5 އަހަރު ހަމަވެ، ދެންވީ އެއްޗެއްވެ އިތުރު 3 އަހަރު ވެސް ފާއިތުވެ ހުކުމް ތަންފީޒު ކުރާތާ ޖުމްލަ 8 އަހަރުވި ފަހުންނެވެ. ދެން ކޮން ޞޯލިހް މަައާފް ދެއްވި އަދީބެކޭ ކިޔާކަށް ހެއްޔެވެ. އެއަށްވުރެ ރީތި ވާނީ ރައްޔިތުން މަޖިލީހުން ފާސްކޮށް ޔާމީނު ތަސްދީގު ކުރި ޖަލުތަކާ ޕެރޯލް ގާނޫނުން މައާފް ދިން އަދީބޭ ކިއުމެވެ.
އަދީބު މިނިވަން ވުމަށްވުރެ ބޮޑީ ރައްޔިތުންގެ 54 އިންސައްތަ މައާފް ދިން ފަހުން ވެސް މިނިވަންނުވެ ހައްޔަރުގައ އެހެން މީހަކު ހުރިކަންތަކެވެ.
ރީތިކޮށް ބުނެބަލާށެވެ. މިހާރުގެ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން މުޅި ގަައުމުގައި ތަތްކުރި ޕޯސްޓަރުގަައި އެމަނިކުފާނުގެ ފޮޓޯ ފުޅަށްވުރެ ކުރީގަައި ބޮޑުކޮށް ފެންނަން ހުރީ ރައީސް ޔާމީންގެ ފޮޓޯފުޅެއް ނޫންހެއްޔެވެ؟
ފަސްނުޖެހި ލަދު ނުގަނެ ރީތިކޮން ބުނާށެވެ. މިބުނީ 100 ޕަސެންޓް ތެދުވާހަކައެއް ނޫން ހެއްޔެވެ؟ އަދި ބުނާށެވެ. ރައީސް ޔާމީނަށް ކޮށްފަައިވަނީ ހަރާން ހުކުމެއް ވީމާ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަނީ ރައީސް ޔާމީން މިނިވަން ކުރައްވަން ކަމަށް ތަކުރާރުކޮށް ރާއްޖޭގެ އެތަން މިތަނުގައި ވިދާޅެއް ނުވޭ ހެއްޔެވެ؟
އޭމިތިބަ އަޞުރުމާ ކުލައިގެ ފިޔާތޮށި އަޅުތަކުންނޭވެ! ޑރ. މުއިއްޒު ވެރިކަމަށް ހޮވުނީ އެމަނިކުފާނުގެ މިދެންނެވި ބަސްފުޅު ތަކަށް އިތުބާރުކޮށް ތިޔަބައިމީހުން ދިން ވޯޓުންނެވެ.
ރައީސް ކަމަށް ހޮވުނު ހިސާބުން ތިޔައިގެ ބައެއް މީހުން ޢިއްޒަތާ މަގާމާ ހެދި ކެމްޕޭނުގައި ދެއްކި ވާހަކަ ތަކާއި ރައީސް ޔާމީންގެ މަތިން މުޅިން ހަނދާން ނައްތާލައިފިއެވެ. އެކަމު ތިޔައިގެ ގިނަ މީހުން އަދިވެސް ތިޔަ އިންތިޒާރު ކުރަނީ ރައީސް ޔާމީނު މިނިވަން ވާނެ ދުވަހަކަށެވެ.
ދިން ވޯޓަކީ އެމަނިކުފާނަށް ދިން މަޢާފެވެ. އެހެނެއް ކަމަކު ތިމައުރެން ހޮވި މުއިއްޒު މާދަމާ އެންގެވިޔަސް ރައީސް ޔާމީނު އޮންނަވަން ޖެހޭނީ މާފުށީ ޖަލުގައި އެހެރަ ޔުނިޓް 13 ކިޔާ ތިނެސްކަން ކަށިނަރުދެމި އުސްފާރު ތަކުގެ އެތެރޭގައެވެ.
ފިޔާތޮށި ބަޅުރުކާ މަޑުނޫ އަދި ދުނިޔޭގައި ނުވެސް ލައްވާ އުދުހޭ އަސްދޫނީގެ ލޯގޯ ކިތަންމެ ކައިރި ކައިރީގައި ޖަހައިގެން މަޖިލިސް ކެމްޕޭނަށް ބޮޑު ހީލަތެއް ރޭވިޔަސް ތިޔައީ މުޅިން ދެބައެކެވެ. ގޮނޑި ހޯދަން ދެކުލަ އެއްކުރަނީ ނިމުނު އިންތިޚާބްގައި ޕީޕީއެމަށް ދިން ލަގާ މަލަރު ކުރަން ވެގެންނެވެ.
އަދިވެސް، ދެންވެސް ރައީސް ޔާމީނާއި ޕީޕީއެމަށް ރަނގަޅެއް ވާން ބޭނުމިއްޔާ ސީދާ އަސުރުމާ ކެންޑިޑޭޓުންނަށް މުޅިން ވަކިން ވޯޓްދޭށެވެ.
ދުނިޔެ އޮންނަނީ ވައްކޮށް އެނބުރި އެނބުރިއެވެ. ހިނގަހިނގާފައި ވެސް މިތަނުގަައި ހިނގާނީ ދާދި އެއް ކަމެކެވެ. ރައީސް ނަޝީދާއި ރައީސް އިބޫ ވަކިވެ އެމްޑީޕީ އާއި ޑިމޮކްރެޓްސް އުފެދުނު ގޮތަށް، ކިތަންމެ ނޫން ކަމަށް ހެދުނަސް ދެން އަމުދުން ރައީސް މުއިއްޒާއި ރައީސް ޔާމީނު އެކެއް ނުވާނެއެވެ.
ފިތިބާރުވެގެން ދެ ލޯގޯ އިނަސް ތިޔައީ މުޅިން ދެޕާރޓީއެވެ. ޕީއެންސީ މިހާރު އެކުރާ ކަމަކީ ޕީޕީއެމާ އެއްބައެއް ކަމަށް ދައްކައިގެން މެމްބަރުން ހައްލައިގެން މަޖިލިސް ގޮނޑިތައް ނަގާ ބާރުތައް އަތަށް ޖަމާ ކުރުމުގެ މަސައްކަތެވެ. އެބާރު ޕީއެންސީއަށް ލިބޭ އިރު ޕީޕީއެމާއި ރައީސް ޔާމީނު ވެސް ހޯދާ ނުފެންނާނެއެވެ.
މިއީ ލިޔާނެ އެއްޗެއް ނެތިގެން ލިޔާ ހާސަރެއް ނޫނެވެ. ބުނެބަލާށެވެ. އެވަރުގަދަ ރައީސް މައުމޫނާ އެބޮޑު ޑީއާރުޕީ ހުދުކާފޫރަށްވެ ހުލި ނުވޭހެއްޔެވެ؟ މުޅި ގައުމު ވަޖިދުވި ރައީސް ނަޝީދު އެހުރީ ޑިމޮކްރެޓްސް ކިޔާ ކުޑަކުޑަ ބޮއްކުރާ ގަނޑެއްގައި ނޫންހެއްޔެވެ؟
މިދައްކަނީ ދުނިޔެ ދަަައްކާ ހަގީގަތުގެ ވާހަކައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ވިދާޅުވި ޖެނެރަލް އަބްދުއްރަހީމަށް ހުވާ ކުރުމާ އެކު ސިފައިންގެ ވެރިކަން ދެއްވައިފިއެވެ. އޭރުވެސް ޖެނެރަލް ޢަބްދުއްރަހީމް އެ ވިދާޅުވީ ރަނގަޅަށެވެ. ޕީޕީއެމް މީހުން ބޮނޑިބޮއެގެން ތިޔަ ތިބީ ޖެނެރަލް ޢަބްދުއްރަހީމްގެ ބަސްގަބޫލު ނުކޮށް ފޮނަދޫ ޢަބްދުއްރަހީމަށް ހެއްލުނީމައެވެ.
ތިބާހުން ވޯޓުދިނީ ރައީސް ޔާމީން މިނިވަން ކުރާށެވެ. ރައީސް ޑރ. މުހަންމަދު މުއިއްޒު އެކަން ކޮށްފިއްޔާ ހީރަސް ނޫހުގައި ލިއުން ހުއްޓާާލާނަމެވެ. ސާފުކޮށް ޕީޕީއެމް މީހުން ގާތުބުނަމެވެ. ހާސް ބަހަނާ ދައްކައިގެން ވެސް މުއިއްޒު ޔާމީނު މިނިވަނެއް ނުކުރާނެއެވެ.