ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓު ބީއެމްއެލް އިން ރަސްމީކޮށްފި: ފައްޔާޒު

ބީ.އެމް.އެލް އިން ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަކީ ބޭރުފައިސާގެ ގާނޫނުތަކާއި ގަވައިދުތައް މުގުރާލުން

ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓު ބީއެމްއެލް އިން ރަސްމީކޮށްފި: ފައްޔާޒު
ފައިލް ފޮޓޯ: ފައްޔާޒު ބީއެމްއެލް ބިޒްނަސް ސެންޓަރ ހުޅުވާދެއްވުން

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް އިންތިހާއަށް ދަނިކޮށް ބީ.އެމް.އެލް އިން ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަކީ ބޭރުފައިސާގެ ގާނޫނުތަކާއި ގަވައިދުތައް މުގުރާލުން ކަމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރ އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ދާއިމީ ގޮތެއްގައި ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ކަށަވަރުކަން ހޯދާދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ނުކުޅެދިފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ބޭރު ފައިސާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ގޮންޖަހައި، އެ ގަވައިދުތަކާ ގާނޫނުތައް މުގުރާލުމަށް ފާޅުކަން ބޮޑު ގައިރު ގާނޫނީ ކަންތައްތަކެއް ކުރަމުންދާ ކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. ބީއެމްއެލް އިން މިވަރުގެ ކަމެއް ކުރާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކޮބައިތޯ ފައްޔާޒު ސުވާލު އުފައްދަވައެވެ.

ރަސްމީ ނިޒާމުގެ ތެރެއިން ހުރި އުނިކަންތައްތައް އިސްލާހުކުރުމުގެ ބަދަލުގައި، ނުވަތަ ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ގަންނަން ބީ.އެމް.އެލް އަށް މަޖުބޫރުވެފައިވާ ކަމަށް ފައޔާޒު ވިދާޅުވެއެވެ. "އިންވެސްޓްމަންޓެއް" ކަމަށް ބުނެ ކިތަންމެ ބަހަނާއެއް ދެއްކި ނަމަވެސް، މިއީ އެމް.އެމް.އޭގެ އެއްވެސް ހުއްދައެއް ނެތި، ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު ރަސްމީކުރުން ނޫން ދެވަނަ ކަމެއް ނޫންކަމަށް ފައްޔާޒު ވިދާޅުވެއެވެ. 

ފައްޔާޒު ވިދާޅުވާ ގޮތުގައި މިކަން މިގޮތަށް ހިނގަމުން މިދަނީ، ދިވެހިން ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި ކުރާ ހަރަދުތައް ކޮންޓްރޯލްކުރުމަށް އޮޅުންބޮޑު އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ސަރުކާރުގެ ނާގާބިލުކަން ހުރި މިންވަރު ހާމަކޮށްދޭ ސާފު ހެއްކެއް ކަމަށްވެސް ފައްޔާޒު ވިދާޅުވެއެވެ. ބީ.އެމް.އެލް މެދުވެރިކޮށް ގައިރު ގާނޫނީ ގޮތެއްގައި ޑޮލަރު ގަތުމަކީ، ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް އޮތް ހައްލެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިގޮތަށް ކުރާ ހުރިހާ ކަމެއްގެ އަސްލަކީ، ދޮގު ވައުދުތަކެއް ފިޔަވައި ދާއިމީ އެއްވެސް ހައްލެއް ސަރުކާރުގެ އަތުގައި ނެތުން ކަމަށް ވިދާޅުވަމުން ފައްޔާޒް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ބޭރު ފައިސާ، ދަރަނި ދެއްކުމަށް ބޭނުންކޮށްފައި، އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ދަނީ ސިފަކުރަމުން ކަމަށެވެ. ނަމަވެސް އޭގެ ނަތީޖާއަކީ އާންމު ރައްޔިތުން ޑޮލަރު ހޯދުމަށް ދަތިތަކެއްގެ ތެރޭގައި ތަޅުވަން ޖެހުމެވެ. 

" ބޭންކުން ހޯދަން މަސައްކަތްކުރާ ޑޮލަރު ސުކޫކަކީވެސް ކައިރި މުސްތަގުބަލެއްގައި ހާސިލުވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އަދި ބޭރު ފައިސާގެ މި ދަތިކަމުން އަރައިގަތުމަށް ހަރުދަނާ އެއްވެސް ރޭވުމެއް ނެތެވެ. މިއީ ވަގުތީ ފަރުވާއަކުން ހައްލުވާނެ ކަމެއް ނޫނެވެ. އަދި ކިތަންމެ ވަރަކަށް ކަންކަން ފޮރުވަން އުޅުނަސް، ދާއިމީ ގޮތެއްގައި ހަގީގަތެއް ނުފޮރުވޭނެއެވެ." ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވަނީ އިގުތިސޯދު ރަނގަޅު ކުރެވޭނީ ދުރު ރާސްތާގެ ހަރުދަނާ ސިޔާސަތުތަކާއި ހިންގުންތެރިކަން އިސްކޮށްގެންކަމަށެވެ. 

އޮނަރަބަލް ފައްޔާޒު މިމޭރުމުން އެކްސްގައި ޕޯސްޓެއްކުރެއްވީ އިންވެސްޓް ކުރުމުގެ ނަމުގައި އާއްމުން އަތުން 19.30 ރިފިޔާއަށް ބީއެމްއެލްއަށް ޑޮލަރެއް ގަންނަން ހަމަޖައްސާ އިއުލާނުކުރުމާއި ގުޅިގެންނެވެ.