ހެޔޮވެރިކަން: އެސްޓީއޯ ފިއުލްޓެސްޓިންގ ލެބޯޓްރީ ބޮޑުކާމިޔާބެއް
ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރެވޭ އެސްޓީއޯ ލެބޯޓަރީގެ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުން ބަލައިގަނޭ!
ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް މީގެ ކުރިއަކުން ރާއްޖެއަކު ނެތެވެ. އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި ކުރިން ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ތެޔޮ ޓެސްޓްކުރުމަށް އޭރު ވަރަށް ބޮޑު ހަރަދެއް ކުރަންޖެހުނެވެ. އެހާމެ ގިނަ ވަގުތު އެކަމަށް ހޭދަކުރަން ޖެހުނެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އެސްޓީއޯއިންނެވެ. ތެޔޮ ޓެސްޓުކުރުމަށް ހިނގާ ބޮޑު ހަރަދު ކުޑަކުރުމަށް ފިއުލް ޓެސްޓިންގ ލެބޯޓްރީއެއް ރާއްޖޭގައި އެސްޓީއޯއިން މިހާރު ވަނީ ގާއިމުކޮށްފައެވެ. މި އަހަރުގެ މަރޗް މަހުގެ ފުރަތަމަ ދުވަހު އެސްޓީއޯއިން ރާއްޖޭގައި ހުޅުވި ފިއުލް ޓެސްޓިންގ ލެބޯޓްރީ އަކީ ދުނިޔޭގެ ފެންވަރުގެ ލެބެކެވެ.
ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްއިންނެވެ. ޖިއޯކެމް މިޑްލް އީސްޓްއަކީ ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
އެސްޓީއޯ ފިއުލް ޓެސްޓިންގ ލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ-ޕެރަމީޓަރސްތައް ވެސް ޓެސްޓް ކުރެވެއެވެ. ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ އެސްޓީއޯ ފިއުލް ޓެސްޓިންގ ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުން ބަލައި ގަނެއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވާ ގޮތުގައި އެސްޓީއޯގެ މި ލެބްގެ ސަބަބުން އެމްއޭސީއެލްއަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ހިނގައްޖެއެވެ. ކުރިން ސާމްޕަލް ނަގައިގެން ތެޔޮ ޓެސްޓު ކުރުމަށް ބޭރަށް ފޮނުވައިގެން ތިން ހަތަރު ދުވަސް ހޭދަވުން ނިމުމަކަށް ގެނެވިއްޖެއެވެ. ގާތްގަނޑަކަށް 3 ގަޑިއިރުގެ ތެރޭގައި ޓެސްޓްގެ ރިޕޯޓު އެސްޓީއޯ ލެބޯޓްރީން ލިބެއެވެ. އެހެން ކަމުން ތެޔޮ ޓެސްޓް ކުރުމަށް އެމްއޭސީއެލް ފަދަ ކުފުނިތަކުން ކުރާ ބޮޑު ހޭދަ އެތައް ތަނަކުން ކުޑަ ކުރެވިއްޖެއެވެ. އެސްޓީއޯގެ ފިއުލް ޓެސްޓިންގ ލެބޯޓަރީން އެވްރެޖްކޮށް މަހެއްގެ މައްޗަށް 27 ސާންޕަލް މިހާރު ޓެސްޓުކުރާކަމަށް އެމްޑީ އަމްރު ވިދާޅުވެއެވެ.