ރައީސަށް ޖެއްސުން ކުރަނީ ރައީސް - އެމްޑީޕީއެއް ނޫން

މުސާރަ ބޮޑުކުރަން އެދުނީކީ ނޫން- އިންތިގާލީ އޮފީހުން ބަޖެޓްގައި ހިމެނީ

ރައީސަށް ޖެއްސުން ކުރަނީ ރައީސް - އެމްޑީޕީއެއް ނޫން

ކިހާ ތާހިރު ހެއްޔެވެ. ދައުލަތުގެ މުސާރަތައް ބޮޑު ކުރަން އެކަކުވެސް ނޭދެއެވެ. އެކަން ދެނަހުރި މީހަކުވެސް މުއިއްޒު ސަރުކާރުގައި ނޫޅެއެވެ. އެކަމަކު ކުރީގެ ސަރުކާރުގެ އެހީތެރި ކަމާއެކު 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލީ ރައީސް މުއިއްޒުގެ އިންތިގާލީ އޮފީހުންނެވެ. ދައުލަތުގެ މުސާރަތައް ބޮޑުކުރަން ވައުދުވީ ޑރ. މުއިއްޒެވެ.

މުސާރަ ބޮޑުކުރާކަށް ނޭދެމޭ ބޮޑުކުރާ ބައިދޭނީ ކުޑަކުދިންގެ ހިޔާއަށޭ ބުނެ ކަންކަން ގައިންނައްޓަން ރައީސް މުއިއްޒު އުޅޭނެ ކަމެއްނެތެވެ. ވެރިކަން ލިބުނީ މާ ވެރިކަމަށް އަންނަން ނުކުޅަދާނަ ވައުދުތައް ވެ އެކަންކަން ބަޖެޓްގައި ހިމަނާފައި މަޖިލީހުން މުއިއްޒު އެދުނު ގޮތަށް ގިނަކަންކަން ފާސްކުރަން އުޅުނީމާ މަޖިލީހުގެ ބޮލަށް ކަނޑާލައިގެނެއް ނުރެކެވޭނެއެވެ. 

ފަނޑިޔާރުންގެ މުސާރަ ތިން ގުނަ ކުރާށާއި ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރާށާއި މިހެން ގޮސް ހެއްދެވިހާ ބައެއްގެ މުސާރަ ބޮޑުކުރަން ވައުދުވެ 2024 ގެ ބަޖެޓްގައި ހިމެނީ މުއިއްޒުގެ އިންތިގާލީ އޮފީހުންނެވެ. ބަޖެޓް ހެދީ މުއިއްޒުގެ އިންތިގާލީ އޮފީހުންކަން ފުށިދިއްގަރުފަޅު ހިއްކަން 400 މިލިޔަން ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތީމާ އެނގޭނެއެވެ. 

ބުނަން ހެއްޔެވެ. ތިރީގައި އެވާ އެންމެންނަށް މުސާރަ ކަނޑަ އެޅުމަކީ މަޖިލީސް ނޫން އެހެން ކޮން ބައެއްގެ ކަމެއްޔެވެ. މުސާރަ ބޮޑުކުރަން ބަޖެޓްގައި ހޭކެނޑޭ ވަރަށް އިންތިގާލީ އޮފީހުން ފައިސާ ހިމަނާފައި އޭގެ މައްޗަށް ބިނާކޮށް މަޖިލިޙުން މުސާރަ ކަނޑައަޅަން ޖެހޭ މީހުނަށް މުސާރަ ކަނޑައަޅާނެ ގޮތް ނިންމީމާ މަޖިލީސް ނުބައިކޮށް ފިތުނަ އުފައްދާނެ ކަމެއް ނެތެވެ. 

އަތްގުޅި ނުކާވަރަށް މުސާރަތައް ބޮޑުކުރަން ވައުދުވެ އިންތިގާލީ އޮފީހުން ހެދި ބަޖެޓްގައި މުސާރަތައް ބޮޑުކުރަން ޖަހާ އެ ގޮތަށް މަޖިލީހުން ބަޖެޓް ފާސް ވީއިރު ވެސް ރައީސް މުއިއްޒު ހުރީ ގަހުގައެވެ.ދެނަހުރި ކަނޑެއް ފަޅެއް ނޫނެވެ. ތިމަންނާ މުސާރަ ބޮޑުކުރާކަށް ނޭދެމޭ މުސާރަ ބޮޑުކުރާކަށް ބޭނުމެއް ވެސް ނޫނޭ ބުނާނީ އެހެންވެތާއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ކިޔޭ ނުކިޔޭ އެއްޗެއް ރައީސް ކަމުގައި ހުރި މީހާއަކަށް ނޭނގެއެވެ. މާތްކަލާކޯ މިހިރަ މުއިއްޒޫއެވެ. އެހާވަރުގެ ކަންކަން ނޭނގޭ އިރު ވެރިކަން ކުރަން ނޫޅެ އަވަހަށް އިސްތިއުފާ ދޭށެވެ. 

މުސާރަ ބޮޑުކުރަން ކަނޑައެޅީ ރައީސެވެ. ވައުދުވީ ރައީސެވެ. މުސާރަ ބޮޑުކޮށްގެން ރައީސަށް ޖެއްސުންކުރަންޏާ ކުރަނީވެސް ރައީސެވެ. މަޖިލީހެއް އެމްޑީޕީއެއް ނޫނެވެ.

ކޮންމެ ބަޔަކު ބަޖެޓް ހެއްޖަސް ބަޖެޓް ފާސް ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ބަޖެޓް ފާސް ކުރަނީ ދައުލަތުގެ މުއައްސަސާތަކާ މަޝްވަރާކޮށް އެވަގުތަކަށް ގެނެވެން ހުރި ހުރިހާ ހެޔޮ ބަދަލެއް ގެނެސް ގެންނެވެ. އެގޮތުން ބައެއް ކަންކަން އިތުރުކޮށް ބައެއް ކަންކަން އުނި ކުރަންޖެހެއެވެ. ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނެސް ބަޖެޓް ފާސްކުރުމަކުން އަދި މަޖިލީހުގެ މަސައްކަތެއް ނުނިމެއެވެ. 

ދައުލަތުގެ ވަކި ހާއްސަ މަގާމުތަކަކަށް މުސާރަ ކަނޑައެޅުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެކެވެ. ބަޖެޓްގައި މުސާރަ ބޮޑުކުރަން ކަނޑައެޅިފައިވާ ދައިރާތަކާއި މުސާރަ ބޮޑު ކުރަން ފާސްކޮށްފައިވާ މިންވަރަށް ބަލައިގެން މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަގާމުތަކަށް މުސާރަ ކަނޑައަޅާ ފާސްކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. މާލިއްޔަތު ކޮމެޓީ އެކުރި މަސައްކަތަކީ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަގާމުތަކުގެ މުސާރަ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފެންނަ ގޮތް ކަނޑައެޅުމެވެ. ކޮންމެ ބަޔަކު މަޖިލީހުގައި ތިއްބަސް އެކަން ނުކޮށެއް ނުވާނެއެވެ. 

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ

  • ރައީސުލްޖުމްހޫރިއްޔާ
  • ރައީސުލްޖުމްހޫރިއްޔާހެ ނައިބު
  • މަޖިލިސް ރައީސް
  • މަޖިލީހުގެ ނައިބު ރައީސް
  • އުއްތަމަ ފަނޑިޔާރު
  • މަޖިލިސް މެމްބަރުން
  • ވަޒީރުން
  • އެމްއެމްއޭ ގަވަަރނަރ
  • އެޓަނީ ޖެނެރަލް
  • ޕްރޮސިކިއުޓަރ ޖެނެރަލް
  • ފަނޑިޔާރުން
  • ޤާޟީންނާއި މެޖިސްޓްރޭޓުން
  • މޭޔަރުން
  • ރަށު ކައުންސިލް ރައީސުންނާއި ނައިބު ރައީސުން
  • ކައުންސިލް ތަކުގެ މެމްބަރުން
  • މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުންނާއި އެތަންތާނގެ ނައިބުން
  •  މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެމެމްބަރުން
  • ގާނޫނު ލާޒިމުކުރާ އިތުރު ބައެއް ފަރާތްތައް.