މުދާކްލިއަރ ނުކުރެވިގެން ބާޒާރުގެ އަގުތައް ބޮޑެއް ނުވާނެ: އެމްޕީއެލް

މުދާ ކްލިއަރ ނުވެެގެން ޝަކުވާ ހުށަހެޅިފައެއް ނުވޭ!

މުދާކްލިއަރ ނުކުރެވިގެން ބާޒާރުގެ އަގުތައް ބޮޑެއް ނުވާނެ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުތަކުން މުދާ ހުސްކުރުމުގައި އެއްވެސް މައްސަލައެއް މިރޯދަ މަހު ދިމާއެއް ނުވެއެވެ. ބޯޓެއް ހުސްކުރަން ނަގަނީ އެންމެ ސޯޅަ ގަޑިއިރެވެ.

ރޯދަ މަހަކީ މުދާ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ މަހެއް ކަމަށް ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެއެވެ. އެހެންކަމުން އެމްޕީއެލްއިން ރޯދަމަހަށް ވަރަށް ބޮޑު ތައްޔަރީތަކެއް ވިއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ މުދާ އަވަހަށް ހުސްކޮށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެ ގޮތުން, ވަގުތީ ޝެޑުތަކެއް ހެދައިގެން ބޯޓުތަކުން އަވަހަށް މުދާ ބާލާ އެ ތަކެތި ޖެހޭނެ ތަން ހަމަޖެއްސިއެވެ. 

އެމްޕީއެލްގެ އެސިސްޓަންޓު ޖެނެރަލް މެނޭޖަރު އަދި ކާގޯ ކްލިއަރެންސްގެ ހެޑު ތޮލްއަތު ސައީދު ވިދާޅުވަނީ ކުރީން ރާއްޖެއަށް އަންނަ ބޯޓުތައް ހުސްކުރުމަށްޓަކާ ދެ ދުވަސް ތިން ދުވަސް ހޭދަކުރާ ހޭދަކުރުން ގާތްގަނޑަކަށް 16 ގަޑިއިރަށް ބަދަލުކުރެވިފައިވާ ކަމަށެވެ. 

ތޮލްހަތު ސައީދު ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި މި އަހަރުގެ ރޯދަ މަހު ވެސް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ބިހާއި ކަރައާއި ދޮންކެޔޮ ފަދަ ހަލާކުވާ ޒާތުގެ މުދަލެވެ. އެ ތަކެތި ކްލިއަރ ކުރުން ލަސްވެގެން އެހެން އަހަރުތަކުގައި ބާޒާރުގެ އަގުތަކަށް އަންނަ ނޭދެވޭ ބަދަލުތައް މި އަހަރަކު ނާދެއެވެ. އަނެއްކޮޅުން މުދާ ކްލިއާ ނުވެެގެން ޝަކުވާ ހުށަހެޅިފައެއް ނުވެއެވެ. ރޯދަ މަހު ހަވީރު 4:00 އިން ފެށިގެން މުދާ އުފުލުން މަނާކޮށްފައި އޮތުމުން ކޮންމެ ދުވަހަކުވެސް އެ ވަގުތުގެ ކުރިން މުދާ ބަރުކުރާ ވެހިކަލްތައް ބަނދަރުން ނެރުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.