ރިކޯޑް މިންވަރަށް ހޫނުގަދަ ވުމަށްފަހު 100 މިލިމީޓަރުގެ ވާރޭ

މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

ރިކޯޑް މިންވަރަށް ހޫނުގަދަ ވުމަށްފަހު 100 މިލިމީޓަރުގެ ވާރޭ

ރިކޯޑް މިންވަރަށް ހޫނުގަދަ ދުވަސްތަކަކަށްފަހު އިއްޔެ ރާއްޖޭގެ ބައެއް ހިސާބުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހިއްޖެއެވެ. 

އިއްޔެ ރާއްޖޭއަށް ކުރި ވިއްސާރައިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާގެ  އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

ފާއިތުވި 24 ގަޑިއިރު ވެހުނު ވާރޭގެ ރެކޯޑް މިއަދު މެޓް އޮފީހުން އާންމުކޮށްފައިވެއެވެ. ރެކޯޑް ދައްކާގޮތުން މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހުޅުލެއަށް ވެހިފައިވަނީ 108.4 މިލިމީޓަރުގެ ވާރޭއެވެ. ހަމައެއާއެކު، ގެމަނަފުއްޓަށް ވަނީ 100.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ހުޅުމާލެ އަށް އިއްޔެ ވެހުނީ 47.5 މިލިމީޓަރުގެ ވާރެއެވެ.

ރެކޯޑް އަދަދަކަށް ހޫނުގަދަ ދުވަސްތަކަކަށްފަހު އިއްޔެ ކުރި ގަދަ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަނީ ހިނގާބިގާވެ ނޫޅެވޭ ވަރަށް ފެންބޮޑުވެފައެވެ. ގިނަ ގެތަކަށް ފެންވެސް ވަދެފައިވެއެވެ. ފެންބޮޑުވެގެން ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެ، ބައެއް ގެތަކުން މީހުން ވަނީ ބަދަލުވެސް ކޮށްފައެވެ.