އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލު ކުރާނެ

3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް:- 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެް

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލު ކުރާނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އެމްޕީއެލްއިން އިމާރާތްކޮށްފައިވާ ފްލެޓްތައް އަންނަމަހު ހަވާލު ކުރާނެއެވެ. އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.

އެމްޕީއެލްއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން ދަނީ 15 ބުރީގެ 3 ޓަވަރެެވެ. ފްެލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.

(ފޮޓޯ:ޕީއެސްއެމް)

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވާ ގޮތުގައި މިހާރު ކުރިއަށްދަނީ ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ފްލެޓްތައް ހަވާލުކުރުން ލަސްވެގެން ދިޔައީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީއެވެ. މިވަގުތު ކުރިއަށްދަނީ ޓަވަރުގެ ސިޑިތަކުގައި ކުރަންޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތެވެ. ފްލެޓްތައް ހަވާލުކުރާއިރު އެޕަޓްމަންޓް ތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައެވެ.

ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓް އެކުލަވާލާ ލިބޭ މުއައްޒަފުންނަށް އެކަން އަންގާ ނިމިފައި ވާއިރު މިހާރު ކުރަމުންދަނީ ޑައުންޕޭމަންޓްގެ މަސައްކަތެވެ. ސީއީއޯ ޝާހިދު ވިދާޅުވާ ގޮތުގައި %85 މުވައްޒަފުން ޑައުންޕޭމަންޓް ދައްކާ ވެސް ވަނީ ނިންމާފައެވެ.

މިހާރު ކަނޑައެޅިފައި އޮތް ގޮތުން އަންނަ މަހުގެ ފަހުކޮޅަށް ފްލެޓްތައް އެއްކޮށް ނިމޭނެއެވެ. އަދި އޭޕްރިލް ފަހުކޮޅު ފްލެޓްތައް ހަވާލުކުރެވޭނެއެވެ. 

އެމްޕީއެލްއާއި އަދި ސަރުކާރުގެ އިތުރު 3 ކުންފުންޏަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައިވެއެވެ. އެކުންފުނި ތަކަކީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އެވެ. އެމްޕީއެލް ފިޔަވައި އެހެން ކުންފުނިތަކުން ފްލެޓްތައް މުވައްޒަަފުންނާއި ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުގެ ކުންުފުނިތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހުޅުމާލޭގައި 4000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.