ޔާމީނަށް ދެވެނީ ވެރިކަމާ އެތައް މޭލެއްގެ ދުރަށް!
މުއިއްޒަކީ ސޯލިހު2 ނޫން: ޒިންމާ ވާންޖެހެނީ ޔާމީން
އެމްޑީޕީ ފިޔަވާ ރާއްޖޭގައި ވެރިކަން ކުރާ ކޮންމެ މީހަކަށްވެސް ތިމާވެރިކަމުގައި ހުންނައިރު އިންޑިއާއިން ކޮށްދޭކަންތަކާއި އިންޑިއާއިންދޭ އެއްޗެތި ވަރަށް ފައްކަލެވެ. އެއީ ރަހުމަތްތެރިކަމެވެ. ޒަމާންވީ ގުޅުމެވެ. ބިގް ބްރަދާރއެވެ. އޭރަކު ގެއްލޭ މިނިވަންކަމެއް ދެމޭ ސިޔާދަތުގެ ރަތް ރޮނގެއް އޭރަކު ނޯވެއެވެ. ހަކުރު ދޭތީ ވަނީ ބޮޑު ބޭބެއެވެ. އެހެން ނަމަވެސް އެއްވެސް އިރެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެ ގޯސްވާކަށް އެމްޑީޕީއަކުން ނޭދޭނެއެވެ.
އެހެނީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އިންޑިއާގެ މަދަދާ އެހީތެރިކަން ނުލިބި މި ރާއްޖޭގައި ވެރިކަމެއް ކޮށްފައެއް ނެތެވެ. ރައީސް ޔާމީނު ޗައިނާއާއި އެކު އާދަޔާ ހިލާފު ގާތްކަމެއް ބާއްވައިގެން އުޅުނަސް އިންޑިއާއިން ނެގެން އޮތް ހުރިހާ ފައިދާ އެއްވެސް ނެގިއެވެ. ރައީސް ޔާމީނަށް ވެރިކަން ގެއްލި ޝަރީއަތް ހިންގަން ފެށުމުން ރައްޔިތުންގެ ތެރޭން ބަޔަކު ފަހަތުގައި ބޭތިއްބުމަށް ހިންގި އެންމެ ހުތުރު ސިޔާސީ ޖަރީމާއަކީ އިންޑިއާ އައުޓެވެ.
ރައީސް ސޯލިހުގެ ވެރިކަން ފޭލި ކޮށްލުމަށް ނަފްރަތު އުފައްދާ ގައުމު ހަލަބޮލި ކޮށްލުމަށް އިންޑިއާ އައުޓް ގެނަމުގައި ރައީސް ޔާމީނު ޖެހި މަޅީގައި ރައީސް ޔާމީނު ވެސް ހުރީ ހުތުރު ގޮތަކަށް ބަނދެވިފައެވެ. ޕްރޯ ޗައިނާ ވެރިކަމެއް ހޯދުމުގެ މަރުފަލީގައި ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑު ވެސް ރައިސް ޔާމީނަށް ގެއްލިއްޖެއެވެ.
ކުރިން ކައިރީގައި ތިބި އެކަކުވެސް މިއަދަކު ނެތެވެ. ފެން ނެތްތާ ބަކަތަޅައިގެން ފައިބާނީ ހުޅުނބެވެ.
އިދިކޮޅު ހަރަކާތުގައި އުޅޭއިރު އެމްޑީޕީއާ ދެކޮޅުވެރި ވެގެން ކުރިއެރުވޭނީ ކޮން އިދިކޮޅު ހަރަކާތެއް ހެއްޔެވެ. ފްރޮންޓް އޮފީހުގައި ރައީސް ޔާމީނު ކިތަންމެ ފޮނެއް އެރުވިޔަސް އެމްޑީޕީއާއި ވިއްދާލައިގެން ތެޅެލާ ކޮންމެ ތެޅެލުމަކުން ސޮއްސާލައިގެން އެދެވެނީ ވެރިކަމާ އެތައް މޭލެއްގެ ދުރަށެވެ. އިދިކޮޅު ލީޑަރު ކަމުގައި ހީވެގެން ތިޔަ ޖަހާސަކަރާތެއްގައި ފެނެއް ނުހިފައެވެ.
ރައީސް ޔާމީނުގެ އިންޑިއާ އައުޓް ދަންތުރައިގައި ޖެހިގެން އުޅެނީ ރައީސް ޔާމީނު އެކަންޏެއް ނޫނެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓުދިން އެންމެންވެސް މިހާރު އެތިބީ އަނގަޔަށް އަމިއްލަ ގޮށްމުށް ވަދެފައެވެ. ރައީސް ޔާމީނުގެ އިންޑިއާ އައުޓް މަޅީގައި ރައީސް މުއިއްޒު ބެނދެވިގެން ދުނިޔޭގައި ނެތްވަރު ދޮގުވެރިއަކަށް ބަދަލު ވެއްޖެއެވެ. ކައްޒާބުގެ ނަމުން މީހުން ރައީސް މުއިއްޒު ނަންދިނީވެސް ރައީސް ޔާމީނާ ހެދިއެވެ. ރައީސް ޔާމީނުގެ ކޮޑަށް އަރައިގެން މުއިއްޒު ވެރިކަން ހޯދީތީއެވެ. އެހެން ކަމުން ރައީސް މުއިއްޒަކީ "ސޯލިހު2" ކަމަށް ބުނާނެ ޖާގައެއް ނެތެވެ. ރާއްޖެ މިހާލަތަށް ވައްޓާލުމުގެ ޒިންމާ އުފުލަންޖެހޭ މީހަކީ ހުދު ރައީސް ޔާމީނެވެ.