މުއިއްޒުގެ އަބުރުފުޅަށްޓަކާ ތުއްތު ގުރުބާން ކުރަނީ
ހިޔާލުފާޅު ކުރުމެއް ގަދަކަމަކުން ނުހުއްޓުވޭނެ
ވަރެއްގެ އަބުރުފުޅެއްތާއެވެ. ވަށަފަރު މޮހަދުގެ ނޫނީ އަބުރެއް އޮތް މީހަކު މިއޮތް ބޮޑު އުޑުބަޅު ކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.
މަށަށް ވާނެއޭ ކިޔައިގެން ރައްޔިތުންގެ ކަންކަމާ މަތިވެ ގަނެގެން އުޅެންޏާ މީހުން ގޮތްފާޑު ކިޔާނެއެވެ. ރައްޔިތުންގެ ތެރޭގައި އުޅޭ އެންމެންނަކު މުއިއްޒު ކިޔާހާ ލަވަޔަކަށް ނުނަށާނެއެވެ. ގޮތް ފާޑު ކިޔާނެއެވެ. އެއްޗެއް ނުބުނާން ހުއްޓަސް ކުރާ އަގުޅިނެތް ކަންކަމާހުރެ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެހި ބުނާހާވެއްޖެއެވެ.
މީހުންގެ ވައިނޮޅިއަށް އަތްދަރާލީމާ ސަލާމަތްވާންވެސް ލެއްވުނު އަޑެއް މީހުން ލައްވާނެއެވެ. އަގުހެޔޮކޮށް ގަނެގެން ބޮއެގެން ސިއްހަތަށް ގެއްލުންވާ ސިނގިރެޓް އަގު ބޮޑުކޮށް ގަނެގެން ބޮއެގެން ސިއްހަތު ސަލާމަތް ކުރަން ޖެހުނިމާ ޗާލީ ތުއްތެއް ކަމަކު އެއްޗެއް ނުބުނެއެއް ނުހުންނާނެއެވެ. ގޮތް ހުސްވެ ރުޅިގަދަވެގެން ކުރާ ޓްވީޓްގެ ބަސް މަގެއްވެސް ރީއްޗެއް ނުވާނެއެވެ. އަމުދުން ކައްޒާބު ލަގަބު އަމިއްލައަށް ލިބިގަތީތާއެވެ.
ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް ވެސް އެންގިދާނެއެވެ. ބާރު އޮތީމާ އުލުބައިންދާ ބުރިން ހަންވެސް ނެގިދާނެއެވެ. އެއްތުއްތު ނެތިއްޔާ އަނެއް ސަތޭކަ ތުއްތު ނިކުންނާނެއެވެ. ގަދަ ބަދެވިކަން ދައްކައިގެން ދުޝްމަނުން އުފެދުން ނޫން ކަމެއް ނުވާނެއެވެ.
ބަރާއި އާރުގެ ކުރިމަތީގައި ގޮތް ހުސްވުމުން މީސްމީހުން ނިރުބަވެރިންނަށް ބަދަލުވުމަކީ ދުނިޔެ ދައްކާ ހަގީގަތެކެވެ. ގައުމެއް ފާލުން ނައްޓާލަނީ އެގައުމެއްގެ ވެރިންގެ އަމަލުތައް ހުންނަ ގޮތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކޮށް އޭނާއަކީ ބޮޑު މުޖުރިމަކަށް ހަދަން ކުރާ ހީލަތްތެރި ކަމަކުން ބޮޑު އަބުރުފުޅު ހިމާޔަތް ކުރެވޭނެކަމަށް ހީކުރާނީ ލައްކަ ގަޅިވީމައެވެ. މުއިއްޒުގެ ބޮޑު އަބުރުފުޅަށްޓަކާ ކައުންސިލަރުންނާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.
އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު ވިދާޅުވާހެން ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެެއެވެ. ރައްޔިތުންގެ އަޑު ކަނޑުވާލައި ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެއެވެ.
އެކަމަކު ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެއެވެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެއެވެ.