ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެންވާނީ ކިހިނެތް!

ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. އިން އަރައި ގަތުމަށް ޔާމީނަށް އޮތް ގޮތްގޮތާ މެދު ބަލާލުން

ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެންވާނީ ކިހިނެތް!

ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެން ވެދާނެ ކަމާމެދު މާބޮޑު ޔަގީން ކަމެއް މިވީ ގޮތުން މިހާރަކު ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގައި ހުންނަން ޖެހޭ ޝަރުތު ތަކެއް ގާނޫނު އަސާސީގައި އޮވެއެވެ. އެ ޝަރުތުތައް ފުރިހަމަ ވުމުގެ ފުރުސަތު ޔާމީނަށް އޮތީ ކިހާވަރަކަށް ކަމާމެދު މިހާރު ވިސްނާލުން ރަނގަޅެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ބުނާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑަ އެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.

ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. އިން އަރައި ގަތުމަށް ޔާމީނަށް އޮތް ގޮތްގޮތާ މެދު ބަލާލުމުން ފެންނަ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. 109 ވަނަ މާއްދާގެ ޅ. އެ ބުނާ ކަންކަން ފުރިހަމަ ވެގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ޔާމީނުގެ މައްޗަށް ޖިނާއީ ދެކުށް ސާބިތުވެގެން މިއަދު އަދަބު ކަނޑައަޅައިފިއެވެ. ދެކުށުގެ ތެރެއިން އެންމެ ކުޑަ އަދަބެއް ކަނޑައެޅުނީ ރިޝްވަތު ހިފުމުގެ ކުށަށެވެ. ރިޝްވަތު ހިފުމުގެ ކުށަށް ކަނޑައެޅިފައި އޮތީ 4 އަހަރުގެ ޖަލު ހުކުމެކެވެ. ސާބިތުވި މަނީލޯންޑަރ ކުރުމުގެ ކުށަށް 7 އަހަރުގެ ޖަލު ހުކުމެއް ކަނޑަ އެޅުނެވެ. ކޮންމެ ހުކުމަކީވެސް 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެކެވެ.

12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް ކުރެވިފައިވާ މީހަކު ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ވުމުން ނޫނީ ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެއެވެ. މިއަދު އަދަބު ކަނޑަ އެޅުނު އެންމެ ކުޑަ އަދަބު ހަތަރު އަހަރުގެ ޖަލު ހުކުމަށް ބެލިޔަސް އެ ހުކުން ތަންފީޒު ކޮށް ނިމެނީ 4 އަހަރު ފަހުން 2026 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެ ހަތަރު އަހަރުން ހުކުން ތަންފީޒުވެ ނިމުނަސް އިތުރު ތިން އަހަރު ފަހުން 2029 ވަނަ އަހަރުގެ ޑިސެމްބަރ 25 ގެ ފަހުން ނޫނީ ޔާމީނަކަށް ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެއެވެ.

ސާބިތުވި މަނީ ލޯންޑަރިންގެ ކުށަށް ކަނޑައެޅި 7 އަހަރުގެ ޖަލު ހުކުން އަދި އޮތީއެވެ. މިއަދު ކަނޑަ އެޅުނު ޖިނާއީ ދެކުށުގެ ޖުމްލަ އަދަބު ތަންފީޒުކޮށް ނިމޭނީ މީގެ އެގާރަ އަހަރު ފަހުން 2033 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެ ވަރުން ވެސް ހުކުން ތަންފީޒުކޮށް ނިމޭތާ އެއް އަހަރުވެ 2036 ޑިސެމްބަރު 25 ގެ ފަހުންނޫނީ ރިޔާސީ އިންތިހާބެއްގައި ޔާމީނަކަށް ވާދައެއް ނުކުރެވޭނެއެވެ. ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. ބުނަނީ އެހެނެވެ.

ދެން އޮތްގޮތަކީ މާފު ދިނުމެވެ. މިއަދުން މިއަދަށް ދެކުށުގެ އަދަބު މާފު ކުރިޔަސް 2025 ގެ ޑިސެމްބަރ 25 ގެ ފަހުން ނޫނީ ޔާމީނަށް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެވޭކަށް ނެތެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެކަން އެންމެ އަވަހަށް ވެސް ކަށަވަރު ވާނީ ހައިކޯޓުން ދެ ހުކުން ވެސް ބާތިލު ކޮށްލުމުން ދައުލަތުން ސްޕްރީމް ކޯޓަށް ނުދާން ނިންމައިފި ނަމައެވެ. އެހެން ނޫނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވެންޏާ ކުރެވެން އޮތްހާ ވެސް ގޮތަކީ ސްޕްރީމް ކޯޓުން ދެ މައްސަލައިގެ ހުކުމް ބާތިލު ކުރުމެވެ. ހައިކޯޓްގައި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ދަށުކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ޔާމީނަށް ޖެހޭނީ ސްޕްރީމް ކޯޓަށް ދާށެވެ. ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފި ނަމަ ދައުލަތުން ސްޕްރީމް ކޯޓަށް ނުދިއުމަށް ވުރެ ދިޔުން ކައިރިއެވެ. 

2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބަލާ ލަސްވެގެން ޖޫން ޖުލައިގައި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. އެހާތަނަށް ކޯޓު މަރުހަލާތައް ނިންމާ ހުކުމްތައް ބާތިލުކޮށް ޔާމީނަށް ތާހިރު ވުމަށް އޮތް ހަމަ އެކަނި ފުރުސަތުގެ ބޭނުން ހިފެނީ ކިހާވަރަކަށްތޯ ބަލަން ތިބެމާ ހެއްޔެވެ.